އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯއާ ހަވާލުކޮށްފައިވަނީ 18.4 މިލިއަނަށް!

މުޙައްމަދު އަކުރަމް

އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 18.4 މިލިއަން ރުފިޔާއަށް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިހެންބުނީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.

އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފީޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އިހަވަންދޫގައި އެޅުމަށް ސަރުކާރުން މަސައްކަތްކުރަމުންދަނީ 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ. އެމަރުކަޒުގައި ގިނަ ވަސީލަތަކެއް ތަރައްޤީކުރާނެއެވެ. އެގޮތުން ކުލާސްރޫމާއި، ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް އެމަރުކަޒުގައި ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އޭރު މައުލޫމާތު ދިނެވެ.

އިހަވަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތާއި ގުޅޭގޮތުން މިނޫހުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި ސުވާލުކުރުމުން މައުލޫމާތު ދެއްވިގޮތުގައި، އެމިނިސްޓްރީއިން މަސައްކަތް ކުރަމުން ގެންދަނީ އެމަސައްކަތް މިހިނގާ އޭޕްރީލް މަހު ފެށުމަށެވެ. އެމަސައްކަތް ފީޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 18،427،499.46ރ ގެ އަގަކަށް 520 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ޤާއިމްކުރަމުންދާއިރު އިހަވަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވަރަށް ކުޑަ އަގަކަށްކަން ފާހަގަކުރެވެއެވެ. ހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒުގެ މަސައްކަތަށް 50.8 މިލިއަން ރުފިޔާ ހަރަދުކުރިއިރު، ފީޑޯ އާއި ހަވާލުކޮށްގެން އިމާރާތްކުރާ އައްޑޫ އިސްލާމީ މަރުކަޒަށް 55.56 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ. މީގެއިތުރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ށ. މިލަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 25 މިލިއަން ރުފިޔާގެ އަގަކަށެވެ. ށ. މިލަންދޫގައި އިމާރާތްކުރަނީ އިހަވަންދޫގައި އިމާރާތްކުރާ ސައިޒްކަމަށްވާ 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ.
އިހަވަންދޫގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެދިލެއްވުމަށް  ބޮޑު ބިމެއް، މިދިޔަ އަހަރުގެ ފެބުރުއަރީމަހު އިހަވަންދޫ ކައުންސިލުންވަނީ ހަމަޖައްސާފައެވެ. ކައުންސިލުން ދޫކޮށްފައިވާ އެބިމުގައި 41،925 އަކަފޫޓް ހުރެއެވެ.

އިހަވަންދޫގައި އިސްލާމަރުކަޒެއް ޤާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.