ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް” މުޅި ރާއްޖެއަށް ހުޅުވާލައިގެން، މައިގަނޑު ހަތަރު ރީޖަނަކަށް ބަހާލައިގެން ބޭއްވުމަށް ނިންމައި އެކަން އިއުލާނުކޮށްފިއެވެ. މިއީ މިފަދަ ގޮތަކަށް ރަށްރަށަށް ހުޅުވާލައިގެން އެފްއޭއެމް އިން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށެވެ. މި މުބާރާތުގެ މަގްސަދަކީ ރާއްޖޭގެ ކޮންމެ ކުޅުންތެރިއަކަށްވެސް ގައުމީ ފެންވަރުގައި އެ ކުޅުންތެރިއެއްގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށްވެސް ތޯރިގު ފާހަގަކުރެއްވިއެވެ.
މި މުބާރާތް ކުރިއަށްދާނީ ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އެއީ:
ނޯތު ރީޖަން: ހއ، ހދ، ށ، ނ، ރ، ބ، ޅ އަތޮޅުގެ އިތުރުން ކުޅުދުއްފުށި ސިޓީ.
ސެންޓްރަލް ރީޖަން: ކ، އއ، އދ، ވ، މ، ފ، އަދި ދ އަތޮޅު.
ސައުތު ރީޖަން: ތ، ލ، ގއ، ގދ އަތޮޅުގެ އިތުރުން ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ.
މާލެ ރީޖަން: މާލެ ސިޓީގެ ކްލަބުތަކާއި، ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ކްލަބުތައް.
އެފްއޭއެމް އިން މި އަހަރަށް އެކުލަވާލި ކަލަންޑަރާއި ފާސްކުރި ބަޖެޓުގައި ފުޓްސަލް ކުރިއެރުވުމަށް ބޮޑު އިސްކަމެއް ވަނީ ދީފައެވެ. އެގޮތުން “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް” އިތުރުން، އެފްއޭއެމް ފުޓްސަލް ލީގުގެ އަންހެން އަދި ފިރިހެން މުބާރާތް ބޭއްވުމަށް ވަނީ ހިމަނާފައެވެ.
މި މުބާރާތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެފްއޭއެމްގެ ބަޖެޓުގައި ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ރާއްޖޭގައި ފުޓްސަލްގެ ފޯރި ގަދަކޮށް، އާ ހުނަރުވެރިން ބިނާކުރުމަށް އެ އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.