ދިވެހި ފްރީލާންސަރުންނާއި، ވިޔަފާރިވެރިން އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއް ގެނެސް، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ގޭޓްވޭ ކަމަށްވާ “ޕޭޕަލް” (PayPal) ގެ ހިދުމަތް ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދީ ދަތުރުގައި އެޅުނު ވަރަށް މުހިންމު އަދި ތާރީހީ ފިޔަވަޅެކެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، މި ދާއިރާގެ މުހިންމު ހިއްސާދާރުންގެ އިތުރުން ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އަމީރު ވަލިއާނީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހިދުމަތް ތައާރަފްވުމާއެކު، ބޭރު ގައުމުތަކުން ރާއްޖެއަށް ފައިސާ ފޮނުވުމާއި ލިބިގަތުމުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެއެވެ. ހާއްސަކޮށް ބޭރުގެ ކްލައިންޓުންނަށް މަސައްކަތްކޮށްދޭ ފްރީލާންސަރުންނާއި، ކޮންޓެންޓް އުފައްދާ ފަރާތްތަކާއި (Content Creators)، ސޮފްޓްވެއާ ޑިވެލޮޕަރުންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މީގެއިން ނުހަނު ބޮޑު ފައިދާއެއް ކުރާނެއެވެ.
ދުނިޔޭގެ ބާޒާރުގައި އޮންލައިން އަދި ރިމޯޓް މަސައްކަތްތަކުގެ ފުރުސަތުތައް ފުޅާވަމުންދިޔަ ނަމަވެސް، ޕޭޕަލްގެ ފުރިހަމަ ހިދުމަތް ރާއްޖެއަށް ނުލިބުމުގެ ސަބަބުން ދިވެހި ޒުވާނުންނަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުން ފައިސާ ހޯދުމުގައި ގިނަ އަހަރުތަކެއް ވަންދެން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.
މި ސަރުކާރުން ވަނީ ރާއްޖެއަށް ޕޭޕަލް ގެނައުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަލުވިކޮށްފައެވެ. އެގޮތުން، ޖޫން 2024 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ފަރާތުން ޕޭޕަލްގެ ސީއީއޯ އެލެކްސް ކްރިސް އަށް ރަސްމީ ހުށަހެޅުމެއް (Proposal) ފޮނުވިއެވެ.
އޭގެ ފަހުން، އެމެރިކާގައި ބޭއްވުނު ރަސްމީ ބައްދަލުވުންތަކެއްގައި ޕޭޕަލްގެ އިސްވެރިންނާއެކު ކުރެވުނު މަޝްވަރާތަކުން މި މަސައްކަތަށް އިތުރު ދިރުމެއް ލިބުނެވެ. އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވާ ގޮތަށް، ސަރުކާރުގެ ވަފުދުން ވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ޕޭޕަލްގެ ލީޑާޝިޕާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވައި، ދިވެހިންނަށް މި ހިދުމަތް ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި، އެ ކުންފުނީގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސީ އުރީދޫ މޯލްޑިވްސް އެވެ. ނަމަވެސް، މަނީ ލޯންޑްރިންއާ ދެކޮޅަށް މަސައްކަތްކުރާ (AML) މިންގަނޑުތަކަށް ފެއްތުމަށްޓަކައި ކުރަންޖެހުނު ކަންކަމާ ހުރެ ހިދުމަތް ފެށުން ކުޑަކޮށް ލަސްވެގެންދިޔައެވެ.
އުރީދޫއިން ވަނީ އެ ކުންފުނީގެ ކޮމްޕްލަޔަންސް ފްރޭމްވޯކް އިތުރަށް ވަރުގަދަކޮށް، މިއަހަރުގެ ކުރީކޮޅު ހުރިހާ ޝަރުތުތަކެއް ފުރިހަމަކޮށްފައެވެ. ގަވާއިދާ ގުޅުންހުރި އަދި ޓެކްނިކަލް ހުރިހާ ތައްޔާރީތަކެއް ނިމުމުން، މެއި މަހުގެ ތެރޭގައި ސިސްޓަމް ޓެސްޓުކުރުމުގެ މަސައްކަތް ފަށައި، މިއަހަރުގެ ޖޫން މަހު މިވަނީ ހިދުމަތް ރަސްމީކޮށް ލޯންޗުކޮށްފައެވެ.
މި މަސައްކަތް ފަހިކޮށްދިނުމުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވެސް މުހިންމު ދައުރެއް އަދާކުރިއެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްއެމްއޭއިން ވަނީ އުރީދޫއަށް ރާއްޖެއިން ބޭރުން ފައިސާ ފޮނުވުމުގެ (Inward Remittance) ލައިސަންސް ދޫކޮށްފައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ޕޭޕަލް ރާއްޖެއަށް ތައާރަފްކުރުމަކީ ޑިޖިޓަލް މާލީ ހިދުމަތްތައް ވަރުގަދަކުރުމަށް މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް، ދިވެހި ރައްޔިތުންނަށް މި ޕްލެޓްފޯމް ލިބޭނެ ގޮތް ހެއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
މި ދާއިރާގެ މާހިރުން ގަބޫލުކުރާ ގޮތުގައި، މި ހިދުމަތުގެ ސަބަބުން ދިވެހި އަމިއްލަ މަސައްކަތްތެރިންނަށާއި ޑިޖިޓަލް ދާއިރާގެ ފަންނުވެރިންނަށް ބޭރުގެ ކްލައިންޓުންގެ އަތުން ފަސޭހަކަމާއެކު ފައިސާ ހޯދުމުގެ މަގު ތަނަވަސްވެ، އައު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
މިހާރު ހިދުމަތް އަމަލީގޮތުން ފެށިފައިވުމާއެކު، ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރި ފްރީލާންސަރުންނާއި ކުދި ވިޔަފާރިތަކަށް، ބައިނަލްއަގުވާމީ މުއާމަލާތްތައް ހިންގުމުގައި ކުރިއަށްވުރެ މާ ފަސޭހަ އަދި އިތުބާރު ހުރި ނިޒާމެއް ލިބިގެންދާނެއެވެ.