ދެވަނަ ފަހަރުވެސް މަސްތަކުގެ ނީލަން "ފެނަށް"!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކުޑަކުދިންގެ ޕާކުގެ މަސްފެންގަނޑުގައި ހުރި މަސްތައް ނީލަން ކިޔުމަށް އިހަވަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތް ދެވަނަ ފަހަރަށްވެސް ނާކާމިޔާބުވެއްޖެއެވެ.

މިއަދު ހަވީރު 16:30 ގައި ކުރިއަށް ގެންދަން ރޭވި މި ނީލަމުގައި ބައިވެރިވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައެއް ނުވެއެވެ. ނީލަން ފެށުމަށް ކަނޑައެޅި ގަޑި ޖެހުނުއިރު އެ ސަރަހައްދަށް ހާޒިރުވެ ތިބީ ނީލަން ކުރިއަށް ގެންދިއުމަށް ދިޔަ އިހަވަންދޫ ކައުންސިލްގެ ދެ މުވައްޒަފުން އެކަނި ކަމުން، މިއަދުގެ ނީލަންވެސް ވަނީ ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިފައެވެ.

މިއީ މި މަސްތައް ނީލަންކިޔަން ކައުންސިލުން އިއުލާންކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މަސްތައް ނީލަންކިޔަން މަސައްކަތް ކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެފަހަރު ނީލަންކިޔަން އުޅުނީ ފެންގަނޑުގައިހުރި ޖުމުލަ 18 މަސް އެކުގައެވެ. ނީލަން ފެށޭ އަގަކަށް އޭރު ކަނޑައެޅީ 2,000 ރުފިޔާއެވެ. ނަމަވެސް އެ ފަހަރުވެސް އެއްވެސް މީހަކު ހާޒިރެއް ނުވެއެވެ. ފުރަތަމަ ފަހަރު ތަރުހީބު ނުލިބުމުން، މިއަދުގެ ނީލަމަށް ކައުންސިލުން އޮތީ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މަސްތައް ވަކިވަކިން ގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އަގުތައް ވަނީ ތިރިކޮށްފައެވެ. އެގޮތުން ކުޑަ މަހެއްގެ ނީލަން ފެށޭ އަގު 88ރ އަދި ބޮޑު މަހެއްގެ ނީލަން ފެށޭ އަގު 120ރ ކަމަށް އޮތީ ކަނޑަ އަޅައިފައެވެ. ނަމަވެސް، އަގަށް މިފަދަ ބަދަލުތަކެއް ގެނައި ނަމަވެސް އާންމުންގެ އެއްވެސް ޝައުގުވެރިކަމެއް މިކަމަށް ލިބިފައެއް ނުވެއެވެ.

ޕާކުގެ މަސްފެންގަނޑުން މަސްތައް މަދުކޮށް، ނީލަންކިޔަން ކައުންސިލުން ނިންމި ނިންމުމަށް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ފާޑުވިދާޅުވެފައެވެ. ސޮބާހްގެ ސޯޝަލް މީޑިއާ އެކައުންޓްގައި ހިއްސާކުރެއްވި ޝުއޫރުތަކެއްގައި ވިދާޅުވީ، ކުޑަކުދިންގެ ޕާކަކީ ތަފާތު ކޮންސެޕްޓްތައް ހިމަނައިގެން، އެކި ކުދިންނަށް އެކި ގޮތްގޮތުން ހިތްހަމަޖެހުން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ. އަދި ކައުންސިލުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ހަދާފައިވާ މިފަދަ ވަސީލަތްތައް ނައްތާލުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

2009 ވަނަ އަހަރު ފުރަތަމަ އިހަވަންދޫ ކުޑަކުދިންގެ ޕާކް ހުޅުވިއިރުވެސް އެތަނުގައި އެމަސްފެންގަޑު އޮތެވެ. ކުޑަކުދިންގެ ޕާކްގައި މިހާރުއޮތް ގޮތަށް އެފަންގަޑު ތަރައްޤީކުރީ 20 ޑިސެމްބަރު 2024 ގައި މުރާމާތަށް ފަހު އެޕާކް ހުޅުވިއިރުއެވެ. އޭގެ ފަހުންވެސް އެފެންގަޑު ބެލެހެއްޓުމަށް ކައުންސިލުން ތަފާތު ބޮޑެތި ހަރަދުތަކެއް ކުރިއެވެ. އެގޮތުން ބޮޑު ހަރަދެއްކޮށް އެފެންގަޑު ހިޔާ ކޮށްފައިވާއިރު، މެއިންޓެއިނަންސް އަށްވެސް ކޮންމެ މަހަކު ބޮޑު ހަރަދެއް ކުރާކަމަށްވެއެވެ.