ފަހުގެ ޗެމްޕިއަން ފެނަކައިގެ އަމިއްލަ ބާރު ކެނޑިއްޖެ!

އަޔާން

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި މިހާރު ކުރިއަށްދާ “އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2026” ގައި، މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ފެނަކަ ޓީމަށް މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމަކުން ވާދަކުރާއިރު، މިއީ މިހާތަނަށް އެންމެ ގިނަ ޓީމު ބައިވެރިވި ފަހަރުވެސް މެއެވެ. އިހަވަންދޫ ކައުންސިލުން ތަރައްޤީކޮށްފައިވާ “ހިންނަ ފުޓްސަލް ދަނޑު” ގައި ކުޅޭ މި މުބާރާތުގައި، މިހާތަނަށް އެންމެ ގޯލެއްވެސް ކާމިޔާބު ނުކުރެވި ވަނީ ހަމައެކަނި ފެނަކަ ޓީމަށެވެ.

އެޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުންދާއިރު، މިހާތަނަށް ކުޅުނު ދެ މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުން ޕޮލިސް އަތުން 1-0 އިން ބަލިވިއިރު، ރޭ ކުޅުނު މެޗުން  ކޮމްބިނޭޝަން ޓީމު އަތުން ވަނީ 0-7 ގެ ބޮޑު ތަފާތަކުން ބަލިވެފައެވެ. މި ނަތީޖާތަކާއެކުމިމުބާރާތުުގެ ސެމީ ފައިނަލުގެ ޖާގައެއް މިހާތަނަށް ކަށަވަރުވެފައިވަނީ ހަމައެކަނި ކޮމްބިނޭޝަން ޓީމަށެވެ.

މި މުބާރާތުގައި މިރޭވެސް ފޯރިގަދަ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ސްކޫލް އަދި އާރުޑީސީ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި އާމިނާދިޔޯ ސިއްޙީމަރުކަޒު ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. މިރޭގެ ދެވަނަ މެޗަކީ ފެނަކަ ޓީމުގެ މުސްތަޤްބަލާ ވަރަށް ބޮޑަށް ގުޅިފައިވާ މެޗެކެވެ. އެގޮތުން އެ މެޗުން އާމިނާދިޔޯ ސިއްޙީމަރުކަޒު މޮޅުނުވެއްޖެނަމަ، ފަހުގެ ޗެމްޕިއަން ފެނަކަ ޓީމު މިއަހަރުގެ މުބާރާތުން ރަސްމީކޮށް ކަޓާނެއެވެ.