1.2 މެގަ ވޯޓްގެ ޖަނަރޭޓަރެއް އިހަވަންދޫއަށް ގެނެސްފި ...

މުޙައްމަދު އަކުރަމް

ކަރަންޓްގެ ހާލަތު ގޯސްވެފައިވާ  އިހަވަންދޫގެ ކަރަންޓުގެ މައްސަލައަށް  ހައްލެއް ހޯދުމުގެ ގޮތުން، 1.2 މެގަވޮޓްގެ  ޖަނަރޭޓަރު ސެޓެއް އިހަވަންދޫއަށް ގެންގޮސްފިއެވެ. އިހަވަންދޫގައި ޔޫޓިލިޓީ ހިދުމަތްތައް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން މި ޖަނަރޭޓަރު އިހަވަންދޫއަށް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއީ މިހާތަނަށް އިހަވަންދޫއަށް ގެނެސްފައިވާ   އެންމެ ކެޕޭސިޓީ މަތީ،  ޖަނަރޭޓަރު ސެޓެވެ. މި  ޖަނަރޭޓަރު އިންސްޓޯލްކޮށް ހިދުމަތަށް ނެރުމުން، ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، ރަށުގެ ކަރަންޓުގެ ހާލަތު ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

އިހަވަންދޫގެ އާބާދީ ބޮޑުވަމުންދިއުމާއި، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން މީގެ ކުރިން ވެސް ރަށުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން 2018 ވަނަ  އަހަރުން ފެށިގެން 2025 ވަނަ އަހަރާއި ހަމަޔަށް 4 ޖަނަރޭޓަރު އިހަވަންދޫއަށް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި 2020 އަދި 2025 ވަނަ އަހަރު ގެނަ 1 މެގަވޯޓް ދެ ޖަނަރޭޓަރު ސެޓްވެސް ހިމެއެނެވެ. ނަމަވެސް، ފަހަކަށް އައިސް ރަށުގެ ކަރަންޓުގެ ހާލަތު ވަނީ ނުހަނު ބޮޑަށް ދަށަށް ގޮސްފައެވެ.

މި ދަނޑިވަޅަކީ ސަރުކާރުގެ “ކޫލް ސްކޫލް” ޕްރޮޖެކްޓްގެ ދަށުން އިހަވަންދޫ ސްކޫލްގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރުމުގެ މަސައްކަތް ވެސް ރޭވިފައިވާ ދުވަސްވަރެކެވެ. ނަމަވެސް، ރަށުގެ އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީ ހުރި ގޮތުން ސްކޫލް އެއްކޮށް އޭސީ ކުރުމަކީ މިވަގުތަށް  ވަރަށް ދަތި ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ރޭ ގެނައި 1.2 މެގަވޮޓްގެ ޖަނަރޭޓަރަކީ ސްކޫލް އޭސީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވެސް ލިބުނު ވަރަށް ބޮޑު ބާރެކެވެ.

ފެނަކައިން މިހާރު އަންނަނީ އާ ޖަނަރޭޓަރު އިންޖީނުގެއަށް ވައްދައި، ކަނެކްޝަންތައް ހެދުމުގެ އަމަލީ މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ. ރަށުގެ ރައްޔިތުން އުއްމީދު ކުރަނީ މި މަސައްކަތް ނިމި، ވީ އެންމެ އަވަހަކަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.