އިހަވަންދޫ ސުކޫލަށް މިއަދު ހާޒިރުވެފައިވަނީ ހާޒިރުވާން ޖެހޭ ދަރިވަރުންގެ 25 އިންސައްތަ ކަމަށް އެސުކޫލުން ހާމަކުރައްވައިފިއެވެ.
ކޮވިޑު-19 އަށް އިހަވަންދޫން 5 މީހަކު ފައްސިވެ، ފައްސިވި ފަރާތްތަކާއި ބައްދަލުވެފައިވާ 100 އަށްވުރެ ގިނަ ކޮންޓެކްސް ފާހަގަ ކުރެވިފައިވާއިރު އިހަވަންދޫގެ 37 ގެއެއް މިއަދާ ހަމައަށް ވަނީ ކަރަންޓީން ކޮށްފައެވެ.
އިހަވަންދޫ ސުކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް މުޙައްމަދު ޢަބުދުއްޞަމަދު މިނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ސުކޫލަށް ހާޒިރުވެފައި ވަނީ 65 ދަރިވަރުންނެވެ. އެދަރިވަރުންނާއި އެކު ސުކޫލުގެ ކިޔެވުން ކުރިއަށް ގެންދާކަން ފާހަގަ ކުރައްވަމުން ޑެޕެއުޓީ ޕުރިންސިޕަލް ވިދާޅުވީ އިހަވަންދޫގައި ހޯމް ކަރަންޓީން ކޮށްފައިވާ ގެތަކުގައި ދިރިއުޅޭ ދަރިވަރުން ނޯޓު ކުރުމަށް ހުޅުވާލުމާގުޅިގެން ޖުމުލަ 42 ދަރިވަރުން ނަން ނޯޓު ކޮށްފައިވާ ކަމަށެވެ. އަދި ޖުމުލަ 12 ޓީޗަރުން ހޯމް އައިސޮލޭޝަންގައި މިވަގުތު ތިއްބެވި ކަމަށްވެސް ވިދާޅުވިއެވެ.
އިހަވަންދޫ ސުކޫލުން ނިންމާފައި އޮތީ އިހަވަންދޫ ކަރަންޓީނުން ނެގިކަމުގައި ވިޔަސް، އިހަވަންދޫގެ ގިނަ ގޭބިސީތަކެއް ކަރަންޓީންކޮށްފައިވުމާ އެކު ގިނަ އަދަދެއްގެ މުދައްރިސުން ވެސް ކަރަންޓީންގައި ވާތީ، މިއަދު ގްރޭޑް 7 އިން ފެށިގެން މަތީ ގްރޭޑްތައް ސުކޫލަށް ހާޒިރުވާން ޖެހޭ ގޮތަށެވެ. އަދި ކީސްޓޭޖް 1 އަދި 2ގެ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮންނެވެ.
ސުކޫލުގެ ހާޒިރީ ދަށްވެފައި މިވަނީ މިހާލަތުގައި ސުކޫލުގެ ކިޔެވުން ފަށާތީ، ދަރިވަރުން ސުކޫލަށް ފޮނުވުމުގައިބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް، ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ.