މިދިޔަ ހޯމަ ދުވަހު އިހަވަންދޫ ކަރަންޓީނަށްލުމަށްފަހު ރޭ ކަރަންޓީންގެ ހާލަތު އުވާލިޔަސް، ކަރަންޓީންގެ ހާލަތާ ގުޅިގެން ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ނިންމާފައިވާކަން ކައުންސިލުން ރޭ ހާމަކޮށްފިއެވެ.
މި ގޮތުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނައިރު މާސްކް އެޅުމަށާއި، ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ނަމާދަށް މިސްކިތަށް ނުދިއުމަށާއި، މިސްކިތަށް ދާ މީހުން މާސްކާއި މުސައްލަ ބޭނުންކުރުމަށާއި، އިޖުތިމާއީ އާންމު އެއްވުންތަކާއި ކުޅިވަރު ހަރަކާތްތައް ނުބޭއްވުމަށާއި، އާންމު ޚިދުމަތްދޭ ތަންތަނުން ކަމާބެހޭ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކައުންސިލުން ރޭ ނެރުނު އެންގުމުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ކަރަންޓީންގެ ހާލަތު މިވަގުތު އުވާލާފައި ވާތީ އިހަވަންދޫއަށް ލަފާފުރުން މިހާރު ހުއްދަވެފައި ވިޔަސް، އެއްރަށުން އަނެއް ރަށަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކައުންސިލްގެ މި ލިޔުމުގައި ބަޔާންކޮށްފައި ވަނީ މަސްވެރިކަމަށް ނުކުމެ އުޅުމުގެ ހުއްދަ މިހާރު ހުރިހާ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށެވެ.
މިއަދާ ހަމައަށް، 242 ބޯޓުގެ ކައްޕި އާއީ އެ ބޯޓްގެ ކޭޝިއަރު ކޮވިޑް19 އަށް ފައްސި ވެފައިވާއިރު، ތަޚުތު ބޯޓުގެ ދިވެހި ފަޅުވެރިއަކާއި އެ ބޯޓުގެ އިތުރު ދެ ބިދޭސީ ފަޅުވެރިޔަކު ވެސް ވަނީ ކޮވިޑް19 އަށް ފައްސި ވެފައިވެއެވެ.