ހއ. އިހަވަންދޫގެ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕުރޮޓެކްޝަންސް އެޖެންސީން އަންގައިފިއެވެ.
އެޗްޕީއޭ އިން ހއ. އިހަވަންދޫ އޮއިދުނި ގޭ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އިއްޔެ މެންދުރުފަހު 2:46 އިން ފެށިގެންނެވެ. އެޗްޕީއޭގެ އެންގުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ޟިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އިއްޔެއިން ފެށިގެން 14 ދުވަހުގެ މުއްދަތައް ނުވަތަ އެޗްޕީއޭއިން އިތުރު އެންގުމެއް އަންގަންދެން ހއ. އިހަވަންދޫ، އޮއިދުނި އަކީ ބަންދުކޮށްފައިވާ ތަނެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޭގައި މިވަގުތު ތިބި އެއްވެސް ބަޔަކު ވަކިގޮތެއް އަންގަންދެން ގެއިން ބޭރަށްދިއުމާއި، ހުއްދަނެތި އެއްވެސް މީހަކު އެގެއަށް ވަނުން މަނާކުރެވިފައިވާތީ އެފަދައިން އެކަން ހިނގާނެ ގޮތެއްގެ މަތިން ގޭގެ އިންތިޒާމު ހަމަޖެއްސުމަށް ހެލްތު ޕުރޮޓެކްޝަން އެޖެންސީ އިން ވަނީ އެގޭގެ ވެރިފަރާތަށް އަނގާފައެވެ.
މިހާތަނަށް އެޗްޕީއޭއިން އިހަވަންދޫގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ކާވިޔާ ބޯޓު އަދި އޮއިދުނި ގެއެވެ. އަދި އިހަވަންދޫގެ 42 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.