މައި ކަޕް 13 ވަނަ ފުޓުބޯޅަ މުބާރާތުގެ ފައިނަލާ ފިޔަވަޅަކަށް ކައިރިވެފައިވާ ޔުނައިޓެޑް ޔޫތު އަދި އެންވީކޭ މިއަދު ހަވީރު ބައްދަލުކުރާ ސެމީ ފައިނަލްގެ މެޗަށް ދެޓީމުންވެސް ނިކުންނާނީ މޮޅަށްކުޅެ މެޗު ކާމިޔާބުކޮށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށެވެ.
ކުއާޓަރ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބުކޮށް ގަބީލާ ބަލިކުރުމަށްފަހު ސެމީ ފައިނަލުން ޖާގަ ހޯދި ޔުނައިޓެޑް ޔޫތުން މިއަދު މެޗަށް “ދޭތިން އެކައްޗަށް” ނިކުންނައިރު ކުއާޓަރ ފައިނަލްގައި އެފްސީ ބޮޑުމަގު 2-0 އިން ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި އެންވީކޭގެ ރައްދަކީ “އުޅުނަސް ނުވާނޭ މިވަރެއް” އެވެ. އެހެންކަމުން މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗަކީ ބެލުންތެރިން ބަލައިހިތްވާކަހަލަ ފޯރިގަދަ ރީތި މޮޅު ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެންނާނެ މެޗެއްކެވެ.
މުބާރާތުގެ ސެމީ ފައިނަލަށް މި ދެޓީމު ދަތުރުކޮށްފައިވާ ގޮތަށްބަލާއިރު އެންވީކޭ ވަނީ ކުޅުނު ހުރިހައި މެޗަކުން މޮޅުވެފައެވެ. އެޓީމުން 10 ގޯލު ކާމިޔާބުކޮށްފައިވާއިރު ބައިކޮށްޅަށް ވަދެފައިވަނީ 1 ގޯލެވެ. ޔުނައިޓެޑް ޔޫތަށް ބަލާއިރު އެޓީމު ގްރޫޕް ސްޓޭޖްގައި އެއްމެޗުން އެއްވަރުވިއިރު މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނެރެވުނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗުންނެވެ. އެ މެޗުތަކުން އެޓީމުގެ ކޮޅަށް 1 ގޯލު ވެދެފައިވާއިރު ކާމިޔާބުކުރެވުނީ 8 ގޯލެވެ. ކުއާޓަރ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން މެޗު އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެޓީމުން ޕެނަލްޓީ ކާމިޔާބުކުރީ 5-4 އިންނެވެ.
މުބާރާތުގެ ޓޮޕް ސްކޯރަރގެ ގޮތުގައި ޔުނައިޓެޑް ޔޫތު ޓީމުގެ ފާރިސް ލީޑްކުރަމުން ދިޔަނަމަވެސް މި ރެކޯޑްތަކަށް ބަލާއިރު ލަނޑުޖެހުމުގެ ރޭޓް ޔުނައިޓެޑް ޔޫތަށްވުރެއް ރަނގަޅީ އެންވީކޭ އެވެ. އެހެންކަމުން މިއަދުގެ މެޗަށް ނިކުންނައިރު އެންވީކޭގެ ފޯވަރޑުން ހުއްޓުވުމަށް ޔުނައިޓެޑް ޔޫތު ޓީމުން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.
މައި ކަޕްގެ ތާރީޚަށްބަލާއިރު އެންވީކޭ އަކީ ޔުނައިޓެޑް ޔޫތަށްވުރެއް ކާމިޔާބީގެ ގޮތުންވެސް އުމުރުގެ ގޮތުންވެސް ދޮށީ ޓީމެކެވެ. ނަމަވެސް މި ދެޓީމަށް މުބާރާތުގެ ތަށީގައި އަތްލެވިފައިވަނީ 1 ފަހަރުއެވެ.
އެގޮތުން އެންވީކޭއިންވަނީ މުބާރާތް ވުޖޫދުވި 2007 ވަނަ އަހަރުން ފެށިގެން ކުޅެފައެވެ. އެއަހަރު އެޓީމުން މުބާރާތުގެ ފައިނަލް ކުޅެފައިވާއިރު 2011، 2009 އަދި 2012 ވަނަ އަހަރު އެޓީމުންވަނީ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ. ނަމަވެސް އެންވީކޭއަށް މުބާރާތުގެ ތަށި އުފުލައިލެވުނީ މުބާރާތުގައި އެޓީމުން ކުޅުނު 4 ވަނަ ފައިނަލްގައި 2012 ވަނަ އަހަރުއެވެ. އެ އަހަރަށްފަހު އެންވީކޭއަށް މުބާރާތުގައި މާއެދެވޭ ކާމިޔާބީއެއް ލިބިފައި ނުވާއިރު މި އަހަރުގެ މުބާރާތުގައި އަނެއްކާވެސް އެންވީކޭ ފެންނަނީ ވަރުގަދަކޮށެވެ.
މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ޔުނައިޓެޑް ޔޫތުން ވާދަކުރަންފެށީ 2014 ވަނަ އަހަރުއެވެ. އެއަހަރު ގްރޫޕް ސްޓޭޖުން އެޓީމު މުބާރާޓާ ވަކިވާން ޖެހުމުން ޖެހިގެން އައި 2015 މުބާރާތާ ކުރިމަތިލީ ޓީމު އިތުރަށް ވަރުގަދަކޮށްގެނެވެ. އެއަހަރު މުބާރާތުގެ ތަށި ޔުނައިޓެޑް ޔޫތުން އުފުލައިލުމަށްފައި ދެން އެޓީމުން މުބާރާތުގައި ވާދަކުރި 2016 އަދި 2018 ވަނަ އަހަރު ދަތުރު ކުރެވުނީ ކުއާޓަރ ފައިނަލާ ހަމައަށެވެ. އެޓީމުން މި އަހަރު ކުއާޓަރ ފައިނަލް ފަހަނަ އަޅައި ސެމީއަށް ދަތުރުކޮށްފައިވާއިރު ޓީމުން އުއްމީދުކުރަނީ ތައްޓަށެވެ.
މިއަދު މެޗަކީ މި ދެޓީމުގެ ކޯޗުންނަށްވެސް ވަރަށް ހާއްސަ މެޗެކެވެ. މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު ހަމްޒާ އިބްރާހީމާއެކު އެންވީކޭ އިން ކުރިއަށްދާއިރު ޔުނައިޓެޑް ޔޫތު ޓީމު ކުޅެމުން އަންނަނީ އަރަމުން އަންނަ ކާމިޔާބު ކޯޗް ޙުސައިން ފަޔާޒުގެ އިރުޝާދުގެ ދަށުންނެވެ.
ދަނބުކުރި، އެންވީކޭ، ޔުނއިޓެޑް ޔޫތު އަދި ނިކަ ޓީމާއެކު މުބާރާތް ކާމިޔާބު ކުރި ހަމްޒާ އިބްރާހީމް މަސައްކަތް ކުރަމުންދަނީ މުބާރާތުގެ ތަށި 5 ވަނަ ފަހަރަށް އުފުލައިލުމަށެވެ. ޖަންގަލް ޓީމާއެކު 2017 ވަނަ އަހަރު މުބާރާތުގެ ތަށި އުފުލައިލުމަށްފަހު 2018 ވަނަ އަހަރު އެޓީމު ފައިނަލަށް ގެންގޮސްދިން ޙުސައިން ފަޔާޒުގެ ހުވަފެނަކީ މި އަހަރުގެ މުބާރާތުގެ ފައިނަލުން ޖާގާ ހޯދައި، ޖެހިޖެހިގެން 3 ފައިނަލް ކުޅެ މުބާރާތުގެ ތާރީހުން ޖާގަ ހޯދުމެވެ.
މީގެއިތުރުން، މި ދެޓީމަކީ އެއްސަރަހައްދަކަށް ނިސްބަތްވާ ދެޓީމު ކަމަށްވުމުން މިއަދުގެ މެޗު އިތުރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. ޔުނައިޓެޑް ޔޫތުން 2015 ވަނަ އަހަރު މުބާރާތުގެ ތަށި އުފުލައިލިއިރު އެޓީމުގެ ކޯޗަކީ މިއަދުގެ މެޗުގައި އެންވީކޭއަށް އިރުޝާދުދޭނެ ހަމްޒާ އިބްރާހީމްއެވެ. އަދި މި އަހަރު އެންވީކޭ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިން 2015 ވަނަ ޔުނައިޓެޑު ޔޫތުން ތަށި ކާމިޔާބިކުރިއިރު އެޓީމަށްވަނީ ކުޅެފައެވެ.