“ފުޓްބޯޅައިގެ ދަނޑުގައި ފިޔަޖެހުމަށް ކުޅިމަގަށް އަބަދުވެސް ބޭނުންވާ ދެކަމެއް އޮވޭ. އެއީ ސްކޯރކުރަން ހިތްވަރުދޭނެ ފޯވާޑަކާއި، ޑިފެންސް ބަލަހައްޓާނެ އިތުބާރުހުރި ޑިފެންޑަރެއް” މިއީ ބުރާސްފަތި ދުވަހުގެ ރޭ ސެންސިޓީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދުމަށްފަހު ކުޅިމަގު ޓީމްގެ ޒުވާން މެނޭޖަރ އާދަމް ސަލީމް (އެޑަމް) ޓީމާ ބެހޭގޮތުން ބުނި ހަމައެކަނި ވާހަކައެވެ.
ބެލެވޭ ގޮތުގައި އެޑަމް އެއިޝާރާތްކުރަނީ ބޮޑުތިލަދުންމަތި މިހާތަނަށް ދުށް އެންމެ މޮޅު ފޯވާޑް ހޮޅުދޫ ދަގަނޑޭ (ޒަމީރު ނުވަތަ ޒަމްބޯ) އާއެކު 2017ގައި މައިކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ސެމީއަށް ކުޅިމަގު ދަތުރުކުރި ހަނދާންތަކަށެވެ. އަފޫގެ އިތުބާރުގައި ޑިފެންސް ލައިން ރުކުރުވާލައި ކުޅިމަގު މިހާތަނަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ހަމައެކަނި މުބާރާތުގެ ހަނދާންތަކާއެކު، 2019ގެ މިކާމިޔާބީން އެޑަމްއަށް އިތުރު އުއްމީދެއް ގެނުވަނީކަމަށްވެސް ފަހަރުގައި ވެދާނެއެވެ.
މައިކަޕް 2019އަށް ކުޅިމަގު މިފަހަރުވެސް ތައްޔާރުވަމުންދިޔައީ އެޑަމްގެ މެނޭޖަރކަމުގައި އައު އުއްމީދުތަކާއެކުއެވެ. އެއުއްމީދުތަކަށް އިތުރު އާރޯކަމެއް ގެނުވީ، ކުޅިމަގު ނިއު ޖެނެރޭޝަންގެ ނަމުގައި 2014 ވަނަ އަހަރު ނިކުތް އަދި ކުޅިމަގު ޓީމުގައި މިހާރު ފުލްކޮށް ކުޅެމުންދާ އެންމެ ޒުވާން 3 ކުޅުންތެރިންނަށް ފުޓްބޯޅައިގައި ކުރިއަށްދިއުމަށް ހިތްވަރުދިނުމަށް މަގު ދައްކައިދިން ކުޅަދާނަ ކޯޗް އަލީ ސުޒެއިން (އައްޔަބޭ) 3 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ޓީމާ ގުޅުމުންނެވެ. މިޒުވާން ޓީމް ކުޅިމަގު ނިއުޖެނެރޭޝަންގެ ނަމުގައި ނިކުތް އިރުވެސް “ކުޅިމަގު”ގެ ނަމުގައި ތަޖުރިބާކާރު ޓީމެއް މައިކަޕް ފުޓްބޯޅަ މުބާރާތަށް ނިކުންނަމުން ދިޔައެވެ. 2014 ވަނަ އަހަރު އައްޔަބޭގެ އިރުޝާދާއެކު ނިކުތް ޒުވާން ކުޅުންތެރިންނާއި ކުޅިމަގުގައި ތިބި ހުނަރާއި ތަޖުރިބާއިން ފުރިގެންވާ ކުޅުންތެރިންނާއެކު މިއަދު ދެކެމުންދާ ކުޅިމަގު ޓީމް މައިކަޕް ދަނޑަށް ނިކުތީވެސް އައްޔަބޭގެ ކޯޗްކަމުގައި 2015 ގައެވެ. އެއަށްފަހު ފާއިތުވި 3 އަހަރު ކުޅިމަގު ޓީމް ބިނާކޮށް ތަރައްޤީކުރުމުގެ ފަހަތުގައި ހުންނެވީ މަޝްހޫރު ޤާނޫނީ ވަކީލް އަދި ތަޖުރިބާކާރު ޑިފެންޑަރ އަލްއުސްތާޛް އަޙްމަދު ޝާފިއު (ޝާފިއު) އެވެ.
“އުއްމީދާއެކު ޝާފިއު ދިން ހިތްވަރާއި ކުރި މަސައްކަތުގެ ނަތީޖާ މިއަދު ހަގީގަތުގައި މިފެންނަނީ. ޒުވާން ޓީމެއް ބިނާކުރަމުންދިޔައިރު ފާއިތުވި 3 އަހަރު އަޅުގަނޑު ހުރީ ޓީމާއި ދުރުގައި. އެހެންނަމަވެސް މިޓީމް ބިނާކުރުމަށް މިހާރުގެ އެސިސްޓެންޓް ކޯޗް ޝާފިއު ކޮށްދިން ޚިދުމަތް ކާމިޔާބުގެ މިވަގުތުގައި ފާހަގަކޮށްލަން ބޭނުން” ޝާފިއުގެ ޚިދުމަތަށް ޝުކުރުވެރިވާ ހާލު ކޯޗް އައްޔަބޭ ބުންޏެވެ. އައްޔަބޭގެ ކޯޗްކަމުގައިވެސް ކުޅިމަގުވަނީ ތަފާތު ތަޖުރިބާތަކެއް ކޮށްފައެވެ. އެހެންނަމަވެސް މާސްޓަރސްގައި ހޯދި، ދިވެހި ޤައުމު ފަޚްރުވެރިވާފަދަ ކާމިޔާބީއާއެކު 2019ގެ ކާމިޔާބީގެ ބޮޅުތަކަށް މައިކަޕް މުބާރާތް އަމުނާލުމަކީ އައްޔަބޭގެ ހުވަފެންތަކާއި ގުޅިފައިވާކަމަކަށް މިއަދުވަނީ ވެފައެވެ.
“ކޮންމެ މެޗަކަށްވެސް މި ނިކުންނަނީ އުއްމީދުގައި. ކުރީގެ ޒުވާން ސްކޮޑް ތަޖުރިބާއާއި ހުނަރާއެކު މައިކަޕް މުބާރާތް ކާމިޔާބުކުރުމަށް ދޮންވެ ފައްކާވެފައިވާ މަންޒަރު މިއަދު މިފެންނަނީ” މިއީ ގްރޫޕް ސްޓޭޖުގެ ފަޚްރުވެރި ކާމިޔާބީއަށްފަހު އުފަލުން ފޮޅިފައިހުރި ކޯޗް އައްޔަބޭ 2019ގެ ސްކޮޑާ ބެހޭގޮތުން ބުނި ވާހަކައެވެ.
ބައިކޮޅަށް ގޯލެއް ނުވަދެ، ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗުން މޮޅުވެ، މައިކަޕް 2019ގެ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރި ހަމައެކަނި ޓީމަކީ ކުޅިމަގެވެ. ރޭގެ މޮޅާއެކު 9 ޕޮއިންޓާއި ފައިދާ 5 ގޯލާއެކު ގްރޫޕް ސީގެ މެޗްތައް ކުޅިމަގުން ނިންމާލީ ގްރޫޕްގެ އެންމެ ކުރީގައި އޮވެ ތާރީޚީ އައު ރެކޯޑަކާއެކުއެވެ.
ފުރަތަމަ މެޗް 2-0ކުން ކާމިޔާބުކޮށް، އެކާމިޔާބީ ގްރޫޕް ސްޓޭޖްގެ 2 ވަނަ މެޗްގައި ކުޅިމަގުން ތަކުރާރުކުރީ ކުޅިމަގުގެ ހުނަރުން ފުރިގެންވާ އުއްމީދީ ސްކޮޑާއެކުއެވެ. މައިކަޕްގެ ގޯލް ބެލެހެއްޓުމުގައި ފާއިތުވި 9 އަހަރުވެސް އެންމެ ޒިންމާދާކަމާއެކު ފެނުނު، ކުޅަދާނަ ކީޕަރ އަހްމަދު އަބްދުލްޣައްފާރު (ސޭޓު)އާއެކު ގޯލް ފޫއަޅުވާލިޔަ ނުދިނުމަށް ޑިފެންސް ލައިންގައި ދެން ހަރަކާތްތެރިވަނީ އިބްރާހީމް ރަޝީދު (ވާވާ)ގެ އިތުރުން ވޮލީގެ ދަނޑުގައި ޖަމްޕުގެ ހައިކަމާއި ސްޕައިކިންގެ މޮޅުކަމާއެކު މަޝްހޫރުވަމުން އަންނަ އަދި ފުޓްބޯލް ދަނޑުގައި އަވަސް ހަލުއި ކުޅުމެއް ކުޅެމުންދާ ހުށިޔާރު ޑިފެންޑަރ ޢަލީ ނިމާޒް (ކިސްއަލީ) އެވެ. ވާވާއާއި ކިސްއަށް އިރުޝާދު ދިނުމުގައި، ކުޅިމަގު ޑިފެންސް ބެލެހެއްޓުމުގެ މުގުލުގައި އިސްވެ ހުރީ އިތުބާރު ޑިފެންޑަރ މުއާޒުއެވެ.
އެޓޭކިންގ ލައިންގައި ތިބީ ކޮއްޓުމާއި ނެއްޓުމުގެ ތެރެއިން ޑިފެންޑަރުންނަށް ޕްރެޝަރކޮށް ފްރީކިކްތައް ހޯދުމުގައި ދެވަނައެއްނުވާ ފޯވާޑް އަހްމަދު ނައުޝާދު (ކަވި) އާއެކު ކުޅިމަގަށް މިފަހަރުގެ މައިކަޕް މުބާރާތް ކާމިޔާބުކުރުމުގެ އުއްމީދު އައުކޮށްދިނުމަށް ދަނޑު މަތީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޢަބްދު ﷲ އިހްވާން (ޑުންގާ)ގެ އިތުރުން ބޯޅަ ކޮންޓްރޯލްކޮށް ހިފެހެއްޓުމުގައި އެންމެ އިތުބާރުހުރި ކުޅުމެއް ދައްކަމުންދާ ޢަލީ ފަވާޒެވެ.
ކުޅިމަގު ޓީމުގެ ފަހަތަށް ބާރުބޮޑުވިޔަ ނުދީ، އެޓޭކް ވަރުގަދަކޮށް ޓީމް ކުރިއަށް ޖެއްސުމަށް މެދު ތެރޭގައި ހަރަކާތްތެރިވަނީ ފަނޑުވުމެއް ނެތި ކުޅިމަގުގެ މެދުތެރޭގައި ފިޔަ ޖަހަމުންދާ ޒުވާން މިޑްފިލްޑަރ އިބްރާހީމް މާޖިދު (އިއްބެ)ގެ އިތުރުން، މުޅި ޓީމް އެއްބައިވަންތަކޮށް އެއްރޫހެއްގައި ކުޅުމަށް ކުޅިމަގު ޓީމަށް ދިރުން ގެނެސްދިނުމުގައި އިސްކޮށް ހުރި އިހަވަންދޫގެ ފުޓްބޯޅަ ދަނޑުގައި ޖާދޫވި މޮޅު ކުޅުމެއް ކުޅެމުންދާ ހުނަރުވެރި މިޑްފިލްޑަރ އަހްމަދު ޝިފާއު (ޕިޓްބުލް ނުވަތަ ޖަސްޓްބުލް)އެވެ.
ހުނަރުން ފުރިގެންވާ މި ސްކޮޑާއެކު ކުޅިމަގު ބެންޗްގައި މިފަހަރު ތިބީ ހުނަރާއި ތަޖުރިބާގެ ގޮތުން ބެލިނަމަވެސް މޮޅު ކުޅުންތެރިންތަކެކެވެ. މުހައްމަދު ޝިފާއު (ފޯސީ)، އަހްމަދު ޢަލީ، ޢަލީ ޝަރީފް، އަބްދުއްލަޠީފް (ލައްޗެ)ގެ އިތުރުން ގްރޫޕް ސްޓޭޖް ފަހު މެޗްގައި ފެނިގެންދިޔަ މޫސާ މުހައްމަދު (ކުޑަ މޫސަ)އެވެ.
ހިސާބުގަނޑު ކަނބަލުންނާއި، ޓީމުގެ ލޭ ހިނގާ ސަޕޯޓަރުންނާއެކު ކުޅިމަގު މިހާރު ތައްޔާރުވަމުންދަނީ ކުއާޓަރ ފައިނަލުން މޮޅުވެ ސެމީގެ ޖާގައެއް ކަށަވަރުކުރުމަށެވެ. ޒުވާން މެނޭޖަރ އެޑަމްގެ ހިންގުންތެރިކަމުގައި، ކޯޗް އައްޔަބޭގެ އިރުޝާދުގެ ދަށުން ގްރޫޕް ސްޓޭޖުން ހޯދި ސައްތައިގެ ރެކޯޑާއެކު ކުޅިމަގު އުއްމީދުކުރަމުންދަނީ ކާމިޔާބަކަށްފަހު ކާމިޔާބަކަށެވެ.
ކުއާޓަރ ފައިނަލްގައި ކުޅިމަގު ނިކުންނާނީ، ގްރޫޕް 1 ގެ ދެވަނަ ޓީމްގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަ ހޯދި، މާރަންދޫ ބަނޑޭރި ސްޓަރ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިމަހުގެ 15 ވަނަ ދުވަހު ހަވީރުއެވެ.