ފާފަ ފުއްސެވޭ ކަންތައްތައް - 1

އައްޝައިޙު ޢަބުދުލްޤާދިރު މުޙައްމަދު

އަޅުގަނޑުމެން އެންމެހާ އިންސާނުންނަކީ ކުށްފާފަކުރެވޭ ބައެކެވެ. ކުދިފާފަތަކާއި ބޮޑެތިފާފަތަކެވެ. އަތުންކުރެވޭ ފާފަތަކާއި، ލޮލުންކުރެވޭ ފާފަތަކާއި، ދުލުންކުރެވޭ ފާފަތަކާއި، ދެފައިންކުރެވޭ ފާފަތަކާއި ކަންފަތުންކުރެވޭ ފާފަތަކެވެ. މިހެންގޮސް އެތައްއެތައް ކަމެއްގައި އަޅުގަނޑުމެންނަށް އެނގިގެންނާއި ނޭނގިދަނީ އެތަކެއް ފާފަކުރެވެމުންނެވެ. އާދެ، މީ އިންސާނާގެ ތަބީޢާތެވެ.

މި އިންސާނާހެއްދެވި އިލާހު މިކަންތައްތައް މޮޅަށްދެނެވޮޑިގެންވާހާލު އަޅުގަނޑުމެން އެންމެނަށް ވަނީ އެކަލާނގެ ރަޙްމަތް ތަނަވަސްކޮށްދެއްވާފަ އެވެ. މިގޮތުން އަޅުގަނޑުމެންކުރާ ހެޔޮ ޢަމަލުތަކުން އަޅުގަންޑުމެންކުރާ ފާފަތައް އެއިލާހު ވަނީ ފުހެވޭގޮތް މެދުވެރިކޮށްދެއްވާފަ އެވެ. މިގޮތަށް އެ އިލާހުގެ ރަޙްމަތް ތަނަވެސްވެގެން ނުވާނަމަ އަޅުގަނޑުމެން ހަލާކުވެ، ނެތި ހިނގައްޖައީސްކަން ކަށަވަރެވެ. މި ސިލްސިލާގައި މި ބަލާލަނީ ﷲތަޢާލާ އެއިލާހުގެ ރަޙްމަތުން އަޅުގަނޑުމެން އިންސާނުންނަށްކުރެވޭ ފާފަތައް ފުއްސެވޭކަންތައްތަކުގެ މައްޗަށެވެ.

1- توبةވުން

توبة ވުމަކީ ތިމާއަށް ފާފަކުރެވިއްޖެކަމަށް އިޢުތިރާފުވެ ﷲތަޢާލާއަށް ބިރުވެތިވެ، އެކަމާއި ދެރަވެ ހިތާމަކޮށް، އެފާފަ އަލުންނުކުރާނެކަމަށް ޢަޒުމްކަނޑައަޅައި، އަދި އެ ފާފައަކީ މީހެއްގެ ހައްޤަކާއި ގުޅިފައިވާކަމެއްކަމުއި ވާނަމަ އެ ހައްޤު އަދާކޮށް އެ މީހެއްގެ ހިތްޚަލާޞްހޯދައި އެކަމަކުން ދުރުވެގަތުމެވެ. توبة ވުމަކީ ހުރިހާ ފާފައެއްވެސް ފުހެވޭކަމެކެވެ. އަދި توبة ވެފައިވާ މީހާއަކީ އެއްވެސް ކުށެއްނުކުރާ ފަދަ މީހެކެވެ. توبة ވުމާއި ގުޅޭގޮތުން ކީރިތި ޤުރުއާނުގެ 40 އެތައް ތަނެއްގައި ވާރިދުވެގެން އައިސްފައިވެ އެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ 40 އެތައްހަދީޘެއް އައިސްފައިވެ އެވެ. އަދި އަޞްޙާބު ބޭކަލުންގެ ކިބައިން އެތަކެއް އާޘާރުތަކެއް އައިސްފައިވެ އެވެ.

ކީރިތި ޤުރުއާނުގެ ބައެއް ދަލީލު:

1- توبة ވުމަށް އެއިލާހުވަނީ އެންމެހާ މުއުމިނުންނަށް އަމުރުކުރައްވައި ވާޖިބު ކުރައްވާފަ އެވެ.

“وَتُوبُواْ إِلَى ٱللَّهِ جَمِيعاً أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ” (النور:31)

މާނައީ: “އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲތަޢާލާއަށް توبة ވާށެވެ! ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކަ އެވެ.”

މިއާޔަތުގައި ﷲތަޢާލާ އަންގަވައި އަމުރުކުރައްވާފައި ވަނީ އެންމެހާ މުއުމިނުތަކުން توبةވުމަށެވެ. އަދި توبة ވާންވީ ކީއްވެގެންކަމެވެ. އެއީ ދިންނަވައި ނަޞީބު ލިބިގަތުމެވެ. އެއިލާހުގެ ދިންނެވުމާއި ނަޞީބުން ބޭރުވެއްޖެ މީހަކަށްވުރެ ބޮޑު އަބާއްޖެވެރިޔަކީ ކޮބައިތޯ އެވެ؟

2- توبة ޤަބޫލުކުރެއްވުމަކީ އެއިލާހުގެ ޞިފަތަކުގެ ތެރެއިންހިމެނޭ ކަމެކެވެ. އެއިލާހު ވަޙީކުރައްވާފައިވެ އެވެ.

“إِنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ” (التوبة 118)

މާނައީ: “ހަމަކަށަވަރުން، ﷲތަޢާލާއީ ގިނަގިނައިން توبة ޤަބޫލުކުރައްވާ  އޯގާވަންތަ ރަސްކަލާނގެ އެވެ.”

3- توبة ވުމަކީ ނަބީބޭކަލުންނާއި ޞާލިހު މުއުމިނުންގެ ސިފައެކެވެ. އެންމެހާއިންސާނުންގެ ބަފައިކަލުން އާދަމުގެފާނު، ﷲތަޢާލާ ނަހީކުރެއްވި ގަހުން ފަރީއްކުޅުއްވުނު ހިނދު، ކަންތައްކުރެއްވި ގޮތްބަޔާންކުރައްވައި ވަޙީކުރައްވާފައި ވަނީ

“فَتَلَقَّى آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ إِنَّهُ هُوَ التَّوَّابُ الرَّحِيمُ” (البقرة37)

މާނައީ: “ފަހެ، އާދަމްގެފާނު، އެކަލޭގެފާނުގެ ވެރި އިލާހުގެ ހަޟުރަތުން ކަލިމަފުޅުތައް ވިދާޅުވެ، توبة ވެވަޑައި ގަތުމުން އެއިލާހު އެކަލޭގެފާނުގެ މައްޗަށް توبة ލައްވައިފި އެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން توبة ޤަބޫލުކުރައްވާ އޯޤާވަންތަ އިލާހެވެ.

4- توبة ވުމަށް ނަބީބޭކަލުން ވަނީ ގޮވައިލައްވާފަ އެވެ. އެއިލާހު ވަޙީކުރައްވާފައިވެ އެވެ.

“وَإِلَى ثَمُودَ أَخَاهُمْ صَالِحًا قَالَ يَا قَوْمِ اعْبُدُواْ اللَّهَ مَا لَكُم مِّنْ إِلَهٍ غَيْرُهُ هُوَ أَنشَأَكُم مِّنَ الأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُواْ إِلَيْهِ إِنَّ رَبِّي قَرِيبٌ مُّجِيبٌ” (هود 61)

މާނައީ: “އަދި ތިމަންއިލާހް ޘަމޫދުބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚް ޞާލިޙްގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ﷲއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެ އެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުންއުފެއްދެވި އެވެ. އަދި އެ ބިމުގައި ޢިމާރާތްކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވި އެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި، އެއިލާހަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެއިލާހަށް توبة ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރި އިލާހީ، ކުއްތަންވެވޮޑިގެންވާ (ދުޢާ) އިޖާބަކުރައްވާ ރަސްކަލާނގެ އެވެ.”

5- توبة ވުމުގެ ބައެއްޝަރުޠުތައް ބަޔާންކުރައްވާ އެއިލާހު ވަޙީކުރައްވާފައިވެ އެވެ.

“إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُولَئِكَ يَتُوبُ اللَّهُ عَلَيْهِمْ وَكَانَ اللَّهُ عَلِيمًا حَكِيمًا (17) وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلاَ الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا (18)” (سورة النساء 17،18)

މާނައީ: “ﷲގެ ހަޟުރަތުން توبة އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި، (އެބަހީ ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، ﷲތަޢާލާ، އެއުރެންގެ މައްޗަށް ތައުބާލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެ އެވެ. އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް ހާޟިރުވާހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة އެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.”

މި އާޔަތުގައި ﷲތަޢާލާ މިވަނީ ގަބޫލުވުމުގެ ބައެއް ޝަރުތުތައް ބަޔާންކުރައްވައި توبة ޤަބޫލު ކުރައްވާއިލާހުކަން ބަޔާންކުރައްވާފަ އެވެ.

6- توبة ވާމީހުންދެކެ އެއިލާހު ލޯބިވެވޮޑިގެންވެ އެވެ. އެ އިލާހު ވަޙީކުރައްވާފައި ވަނީ

“إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ” (البقرة 222)

މާނައީ: “ހަމަކަށަވަރުން، ގިނަގިނައިން توبة ވާ އަދި ޠާހިރުވާމީހުން ދެކެ ﷲތަޢާލާ ލޯބިވެވޮޑިގެންވެ އެވެ.”

މި އާޔަތުގައި ﷲ ތަޢާލާ توبة ވެ ޠާހިރުވާ މީހުންދެކެ ލޯބިވެވޮޑިގެންވާކަން މިވަނީ ބަޔާންކުރައްވާފަ އެވެ. ފަހެ ﷲތަޢާލާގެ ލޯތްބައްވުރެ މުހިއްމު އެއްވެސްއެއްޗެއް އެބައޮތްތޯ އެވެ؟

7- توبة ވާމީހުންގެ ޖަޒާއަކީ ސުވަރުގެ އެވެ. އެއިލާހު ވަޙީކުރައްވާފައި ވަނީ

“يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَى رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ ” (التحريم 8)

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި توبة އަކުން، ތިޔަބައިމީހުން ﷲތަޢާލާއަށް توبة ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ.”