ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ކުއްލި ހާލަތްތަކުގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތްތަކުގައި ބޭނުންކުރުމަށް 30 މިނެޓުގެ ބަފަ ޓައިމެއް (ލުއި ވަގުތެއް) ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދާދިފަހުން ވަނީ ނިންމާފައެވެ. ނަމަވެސް، މި ވަގުތު ބޭނުންކުރި ކަމުގައިވިޔަސް، މުވައްޒަފުން ގެއަށް ދެވޭނީ އެ ދުވަހަކު މަސައްކަތްކުރަންޖެހޭ ރަސްމީ ވަގުތު ފުރިހަމަކުރުމަށްފަހު ކަމަށް ސީއެސްސީގެ ރައީސް މުހައްމަދު މުޖުތާޒު ވަނީ ވިދާޅުވެފައެވެ. “މިހާރު” ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުޖުތާޒު ވިދާޅުވީ، ބަފަ ޓައިމަކީ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތްތަކުގައި އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.
މުވައްޒަފަކު އޮފީހަށް ނުކުންނަންޖެހޭ ރަސްމީ ވަގުތަކީ 6 ގަޑިއިރު ކަމަށްވެފައި، އޭނާ ބަފަ ޓައިމްގެ ތެރެއިން 15 މިނެޓު ބޭނުންކޮށްފިނަމަ، އެ ދުވަހަކު އޮފީސް ވަގުތު ނިންމޭނީ 14:15 ގެފަހުންނެވެ.
އާންމު އުސޫލުން ސަލާން ބުނަންޖެހެނީ ބަލިވެގެން ކަމަށްވީ ނަމަވެސް، ހެނދުނު ގަޑިއަށް ނުހޭލެވުމުން މުސާރައިން ފައިސާ ކެނޑުމާއި އިސްލާހީ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި، މުވައްޒަފުންނަށް އޮތް އެންމެ ފަސޭހަ މަގަކަށް ވެފައި އޮންނަނީ ދޮގު ސަލާމެއް ބުނުމެވެ. ނަމަވެސް، މި ގެނެވުނު ބަފަ ޓައިމްގެ ސަބަބުން، ހެނދުނު 8:05 ގައި ހޭލެވުނު ނަމަވެސް، ހެނދުނު 8:30 އާ ހަމައަށް އޮފީހަށް ހާޒިރުވުމުގެ ފުރުސަތު މުވައްޒަފަށް ލިބެއެވެ.
ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި މި އިސްލާހުގައިވާ ގޮތުން، ބަފަ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓަށްވުރެ ލަހުން އޮފީހަށް ހާޒިރުވާ މުވައްޒަފުން ބެލެވޭނީ ގަޑިޖެހުނީ ކަމަށެވެ. އަދި މި އުސޫލުން ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ފުރުސަތެއް ނުލިބެއެވެ. މި އުސޫލުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
އޮފީސް ހުޅުވައި ލެއްޕުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މުވައްޒަފުން
ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުން
މިސްކިތްތަކުގެ މުވައްޒަފުން
އާންމުންނަށް ސީދާ ގޮތެއްގައި އޮފީހުގެ ރަސްމީ ގަޑިތަކުގައި ހިދުމަތް ދޭންޖެހޭ މުވައްޒަފުން
މީގެ އިތުރުންވެސް، މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތު ހުރިގޮތުން މި އުސޫލުން އިސްތިސްނާކުރަންޖެހޭ ފަރާތްތައް ކަނޑައަޅާނީ، އެ އިދާރާއަކުން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި، އެ ކޮމިޝަނުން ހުއްދަ ލިބުމުން ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.