11- އެކަލޭގެފާނަށްދެއްވުނުމުޢުޖިޒާތަކީކޮބާ؟
ޖަވާބު: އެއީ ހުރިހާ ޚަލްޤުތަކުންނަށްވެސް އޭގެ ސޫރަތެއްހާ މިންވަރުވެސް ގެނެސްގަތުމަށް ނުކުޅެދިފައިވާ ކީރިތި ޤުރުއާނެވެ. އެބައިމީހުންގެ ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމާ އަދި އެބައިމީހުން އެކަލޭގެފާނާއި އެކަލޭގެފާނަށް އީމާންވީމީހުން ދެކެ އައި ގަދަ ރުޅިއާއި ފާޅުކުރި ދެކޮޅުވެރިކަމާ އެކުވެސްމެއެވެ. މިކަމުގެ ދަލީލަކީ ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ މި ބަސްފުޅެވެ. “وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِّن مِّثْلِهِ وَادْعُوا شُهَدَاءَكُم مِّن دُونِ اللَّـهِ إِن كُنتُمْ صَادِقِينَ” البقرة: ٢٣ މާނައީ: “ތިމަންއިލާހުގެ އަޅާ (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ މައްޗަށް ތިމަންއިލާހު ބާވައިލެއްވި ތަކެއްޗާމެދު (ކީރިތި ޤުރުއާނާމެދު) ތިޔަބައިމީހުން ޝައްކެއްގައިވަންޏާ ފަހެ ތިޔަބައިމީހުން އެފަދަ އެންމެ ސޫރަތެއްވިޔަސް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، ﷲ ފިޔަވައި ތިޔަބައިމީހުންނަށް ވާގިވެރިވާނޭ އެހީތެރިންނަށް ގޮވައި ގެންނާށެވެ.”
އަދިވެސް އެހެން އާޔަތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَـٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا” الإسراء: ٨٨ މާނަ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އިންސީންނާއި ޖިންނީން ޖަމާވެގެން އެފަދަ ޤުރުއާނެއް ގެނައުމަށް މަސައްކަތްކުރިޔަސް އެފަދަ ޤުރުއާނެއް ނުގެނެވޭނެއެވެ. އަދި އޭގެ އެއްބަޔަކު އަނެއްބަޔަކާ ވާގިވެރިވެ އެހީތެރިވިކަމުގައި ވިޔަސް މެއެވެ.”
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =