ދިޔޯ ކޮލަމް: ދިވެހިންގެ ހައްދެއްނެތް ސާފުތާހިރުކަމަކީ ބަދަލު ކުރަން ވެއްޖެ އާދައެކެވެ.

މުޙައްމަދު ޢަބްދުއްލަޠީފް

ހަގީގަތުގައިވެސް ދިވެހިންނަކީ ސާފުތާހިރު ކަމުގައި ހައްދެއް އިމެއް ނެތް ބައެކެވެ. މީގެ ސަބަބުން ނިކުންނަ މައްސަލަތަށް ވަރަށް ގިނައެވެ. އޭގެ ތެރެއިން ގޭގޭ ދޮށުގައި ހައްދާ ގަސްގަހުގެ މައްސަލަ ވަރަށް ބޮޑެވެ. ގަހަކީ ވެށި ސާފުކޮށްދީ ޖައްވު ފިނިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ވަރަށް ހައްދާ ހިތުން ވަރަށް ބޭނުންވެގެން ގަހެއް ހެއްދިޔަސް ގަސް ގަހަކަށްވާއިރު އޮންނަނީ ކަނޑާލާން ޖެހިފައެވެ. ތިމާޔާއި ތިމާގެ ވަށައިގެންވާ މީސްތަކުން ހިތް އެދޭ ވަރަށް ސާފުނުކުރެވިގެންނެވެ.

ކުރިންވެސް ނަންގަތް ފަދައިން ދިވެހިންގެ ހައިބަ ބޮޑު ސާފުތާހިރުކަމުގެ ތެރެއިން އެއްކަމަކީ ދިވެހި އަންހެނުން މަދުވެގެން ދުވާލަކު އެއްފަހަރު ، ގިނަ ދިވެހިން ދުވާލަކު ދެދަޅަޔަށް މަގު ކުނި ކެހުމުގެ މަސައްކަތެވެ. ޒަމާންވީ މި އާދަކާދައިގެ ސަބަބުން އާދަވީ ހަމަ އެކަނި މަގުކުނި ކެހުމެއް ނޫނެވެ. އެސާފު ރީތި ކުނިކޮޅެއް ނެތް އޮމާން މަގުތަކުގައި ހިނގި ދިވެހިން އެކަމަށްވެސް ފަރިތަވީއެވެ. އާދެ މިއަދަކު އެމީހުން ހިނގާފައިދާ މަގުގައި ކުނިކޮޅެއް އޮވެގެންނުވެއެވެ. ގަހަކުން ވެއްޓޭ ފަތެއް މަލެއް މޯޅިއެއް އޮވެގެންނުވެއެވެ. ނަތީޖާ އަކަށްވީ ގޯތިތެރޭގައި މަގަށްވާ ގޮތަށް ހެއްދި ހުރިހާ ގަހެއް ކަނޑާ ބިމާހަމަކޮށް ކުދިކޮށް ކޮށާ ގޮނޑަށް އުކާލާންޖެހުމެވެ. ގޯތިތެރޭގައި މަގަށްވާ ގޮތަށް ނޫނީ ގަހެއް ހެއްދޭކަށް ނޯވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސުކޫލް ދޮށުގައި ހުރި ނުލާހިކު ފެހިގަދަ އެހާމެ ހިޔާ ފައްކާ ބިޔަ ގަހެއް ވަރަށް ބޮޑަށް ކޮށާ ކުދިކުރާތީ ހަމަ ހިތް ނޯވެގެން ގަސް ކޮށަން އުޅުނު މީހުންނާއި ގާތްވެލާ ވާނުވާ ބަލާލީމެވެ. އެހާބޮޑަށް ކޮށާލީ ކީއްވެތޯ އަހާލުމުން ޖަވާބުގައި ބުނީ ހިސާބުގނޑު މީހުން އެއްޗެހި ކިޔާތީ ކަމަށެވެ. ކޮންކަމަތޯ އަހާލީމާ ބުނީ އެމީހުން ކުނިކަހާ އުޅޭ ހިސާބަށް ފަތްފަތް ދާތީޔޯލައެވެ. މީ އަނެއް ކަންތަކެވެ. ކުނިކެހުމަށްފަހު ތަން އޮންނާންވީ އަނެއްފަހަރު ކަހާން ވާންދެން ހަމަ އެގޮތުގައެވެ. އެތަނަކަށް އެހެން ހިސާބަކުން ވެސް ކުނިކޮޅެއް ވާސިލުވެގެންނުވެއެވެ. މިސްކިތެއްގެ ދޮށުގައި ހުރި ހަމަ އެކަހަލަ ރީތި ގަހެއްވެސް މުލުން ލުހެ ނަގާން ޖެހުނީ ހިސާބުގަނޑު މީހުންގެ ހަޅޭކާއި ހެދިއެވެ.

މިޔަށް އިތުރުވާ އެހެން ނުބައެއްވެސް ފާހަގަކުރެވުނެވެ. އެއީ ހަސަދައިގެ ބައްޔެވެ. އެއީ ބައެއްކަހަލަ ތަންތަން މިސާލަކަށް އޮފީސް މަދަރުސާ ސުކޫލް މިސްކިތްފަދަ ތަންތަނަކީ ކުނިކަހާ ސާފުކޮށް ހެދުމަށް މުއައްޒަފުން އުޅޭ ތަންތަން ކަމަށްވާތީ ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެތަންތާގެ މުއައްޒަފުން ތިބެންޖެހެނީ ގަސްދަށުގައި ފޯރިއަށް ކަމަށެވެ. ގަހަކުން ފަތެއް ވެއްޓެންޏާ ވެއްޓި ބިމުގައި ޖެހުމުގެ ކުރިން ފަތް ހިފާފަ ގޯންނަށް ލާންޖެހޭނޭ އެމީން ހީކުރެތެވެ. ސުބުހާނަﷲ . ކިހިނެއް ކުރާނެ ކަމެއްހެއްޔެވެ.

ގަހުގެ ތަބީއަތަކީ ކުރިން އައި ފަތް ދޮންވެ ހިކިގެން ބިމަށް ވެއްޓުމެވެ. އެފަތް އެވެއްޓުނު ވަޅުގަނޑުގައި ގުޑައިނުލާ އޮތުމަކީވެސް ވާނޭ ކަމެއްނޫނެވެ. ވެއްޓުނު ފަތުގެ ލުއިކަމާއި އެކު ޖައްވުގައި އެކި އިރު އެކިގޮތަށް އެކި ބާރުމިނުގައި އެނބުރޭ ވަޔާއި ރޯޅި އެފަތާއި ނުކުޅޭނެ ގޮތެއް ނުހެދޭނެއެވެ. އެކުޅުމުގެ ތެރެއިން އެފަތް އެނބުރެމުން ފުރޮޅެމުން އުދުހެމުން އެއްތަނުން އަނެއްތަނަށް ދާނެއެވެ. އެއީ ގަހާއި ގަހުގެ މާހައުލުގެ އާދައެވެ.

ބަދަލު ކުރާންވީ އަޅުގަނޑުމެންގެ ވިސްނުމެވެ. ދަސްކުރާންވީ ގަހާއި ގަހުގެ އާދައެވެ. ގަހެއް ހައްދާ އެގަހުގެ ފިންޏާއި ހިޔަލުން ހިތްހަމަޖެހުން ހޯދޭނީ އޭގެ ތަބީއަތާއި މެދު ރުހިގެންނެވެ. އެގަހުން ވެއްޓުނު ފަތާއި މަލާއި މޯޅިއާއި ވަނދު ކުނި ތަކުގެ މަތީގައި ހިނގާން އާދަކޮށްގެންނެވެ. އަވައްޓެރިޔާގެ ގަހުން އަޅުގަނޑުމެންގެ ގޭދޮށަށް އައި ފަތާއި ކުނިތަށް އަޅުގަނޑުމެންގެ ގޭދޮށުގައިވެސް ހުރުމަށް ރުހެވިގެންނެވެ. މީގެ މާނަޔަކީ މަގުތަށް  ކުނިބުނިން ފުރައި ގޮނޑަކަށް ހެދުމެއްވެސް ނޫނެވެ. މުއައްޒަފުން ތިއްބަސް ގަސްތަށް ދޮށުގައި ފޯރިމަރައިގެން ކުނިނަގަން ޖެހޭނެ ކަމަށް ވިސްނޭ ވިސްނުން ބަދަލު ކުރަންވީއެވެ. އެތަންތާގައި ދުވާލަކު އެއްފަހަރު ކުނިކެހުމުން ފުދުނީކަމަށް ބަލަންވީއެވެ. ގޭ ދޮރުމަތީ ހުރި ގަހުގެ އަވައްޓެރިޔާވެސް ހަފުތާޔަކު ތިނެއް ނުވަތަ ދެފަހަރު ކަހާލިޔަސް ވާނޭ ކަމަށް ނިންމަންވީއެވެ. އޭނާޔަށް މެދުވެރި ކަމަކާއި ގުޅިގެން ދެތިން ދުވަހު ކަހާނުލެވިވެސް އޮވެދާނެކަން ދަންނާންވީއެވެ. އެހެން އޮންނައިރު އެކުނިތަށް ވަޔާއި އެކު ތަންތަނަށް ވެސް ދާނެކަން އެނގެންވީއެވެ. މަގުތަކުގެ ސާފުތާހިރުކަމަކީ ތިމާޔަށާއި އަނެކާއަށް ވާ ބުރަޔަކަށް ނަހަދަންވީއެވެ. އެކަންވެސް އެކަށީގެންވާ މިންގަނޑެއްގައި ގެންގުޅެންވީއެވެ.

ޚިޔާލު ފައުޅުކުރުން

ހުރިހާ ސަބަބަކީ ކަންނެތްކަން ކުނިކަހަން ޖެހޭ މައްސަލަ.