ދިވެހިބަހުގައި ހުސްނޫނު އެކުލެވޭ ބަސްތައް ލިޔުމުގައި އޭގެތެރެއިން ބައެއް ބަސްބަހުގައި އެނޫނު އޮންނާންވީ ތަނަކާއި މެދު ދެކަފިވެފައިވާ ހިޔާލުތަކަށް ހެލުންވަރެއް އައިސްގެން އުޅޭ ދުވަސްވަރެކޭ ހީވެއެވެ. އެހެންކަމުން ލިޔުމުގައި މިނޫނު އޮންނާންވީ ތަނެއް އެއްވެސް ވަރަކަށް ދައްކައި ދެވިފައި ނުވަތަ ބުނެދެވިފައި އޮތްތޯބަލާލުން ކީއްތޯއެވެ.
ކުރިންވެސް ދެންނެވި ފަދައިން ހުސްނޫނު އޮންނާންވީ ތަނަކާއި މެދު ޚިޔާލު ތަފާތުވެގެންވަނީ އޭގެ ތެރެއިން ބައެއް ބަސްބަހުގައެވެ. އެއީ ހުސްނޫނު ހިމެނޭ ބަސްބަހުގެ ތެރެއިން އިބިފިއްޔަށް ނިމިފައި ހުންނަ ބައެއް ބަސްބަސް އެކަހެރިނަމަށް ބަދަލުވާ ހާލަތުގައެވެ. އޭގެތެރެއިންވެސް ބ ގެ އިބިފިއްޔަށް ނިމިފައި ހުންނަ ބަސްބަސް ބޮޑަށް ފާހަގަ ކުރެވެއެވެ. އޭގެ މިސާލަކީ “އަނބި” އެވެ. ސުވާލު އުފެދިގެން އުޅެނީ މިލަފުޒު އެކަހެރި ކޮށް ލިޔުމުގައި ލިޔާންވީ “އަނތްބެއް” ނުވަތަ “އަތްނބެއް” ތޯއެވެ.
ހުސްނޫނަކީ ދިވެހިބަހަށް ވަރަށް ފަހުން ތައާރަފުވި އަދި އެއަށްވުރެ ފަހުން އޭގެ ބޭނުން ހެޔޮގޮތުގައި ކުރެވެންފެށި އެއްޗެކެވެ. ދިވެހި އަދަބުގެ މިޒަމާން ސިފަކޮށްދެއްވަމުން މަޑުލު މުހައްމަދު ވަހީދު ވިދާޅުވަނީ ” އެދުވަސްވަރުގެ ލިޔުން ތަކުގައި ހުސްނޫނު ބޭނުން ކުރެއްވުން މަދެވެ. އެއްގޮތަކަށްވެސް ހުސްނޫނު ނެތޭ ދެންނެވިދާނެއެވެ.” ދިވެހިންގެ އުސްތާޒުއްޖީލު “އުޖާލާވި ރަންތަރި” މުހައްމަދު ޖަމީލް ދީދީ ވިދާޅުވަނީ “އެއަކީ، އިހަކު އޮންނަ ވާހަކައެއް ނޫނެވެ. އެއަކީ ލިޔެ އުޅުނު އަކުރެއް ނޫނެވެ. ހުސްނޫނު އެންމެ ފުރަތަމަ ދިވެހިދަރީންނަށް ދައްކައި ލެއްވީ ފަޟީލަތުއްޝައިޚުލް މަރުޙޫމް އިބުރާހީމް ރުޝްދީއެވެ. އޭނާގެ ސުއްލަމުލް އަރީބުގައެވެ.” އާދެ! ސުއްލަމުލް އަރީބޭތޯއެވެ؟. ސުއްލަމުލްއަރީބަކީ ދިވެހިބަހުގެ ގަވާއިދުފޮތެއްގެ ގޮތުގައި ދެވަނަޔަށް ލިޔެވުނު ފޮތެވެ. ފުރަތަމަ ލިޔެވުނު ފޮތަކީ ނައިބު ތުއްތުގެ “ތާނަ ލިޔުމުގެ ގަވައިދު” މިފޮތެވެ. މި ދެފޮތާއި ގުޅޭގޮތުން އަދަބީ ގުލްޝަންގެ ވައިލެޓުމާ، އައްނަބީލާ އާމިނަތު ހުސައިން ވިދާޅުވެފައިވެއެވެ. “އޭގެތެރެއިން ފަޟީލަތުއްޝައިޚުލް މަރުހޫމް މުހައްމަދު ޖަމާލުއްދީން ލިޔުއްވާފައިވާ ދިވެހިބަހުގެ ގަވާއިދުފޮތާއި އައްޝައިޚު އިބުރާހީމް ރުޝްދިލްއަޒުހަރީ ލިޔުއްވާފައިވާ ސުއްލަމުލް އަރީބަކީ ވަރަށްވެސް އަގުހުރި ބޭނުންތެރި ދެފޮތެވެ. ބަހުގެ ތެރެއަށް ހިސާބަކަށް ވަދެވިފައިވާ މީހަކު އެދެފޮތް ރަނަގަޅަށް ވިސްނުމާއި އެކު މުޠާލިޢާ ކޮށްފިނަމަ ދިވެހިބަހުގެ ގަވާއިދުތައް އެއްވެސް އޮޅުމެއްނެތި ސާފުކޮށް ފިލާނޭކަމީ ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ.” ސުއްލަމުލް އަރީބާއި ގުޅޭ ގޮތުން ދިވެހީންގެ އޯކިޑު، އަލްއަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުން އެކިލެގެފާނުންގެ ” ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ” ގައި ވިދާޅުވަނީ ” މިފޮތުން ނުފިލާ، މިފޮތުގައި ވާހަކަ ދެކެވިފައި ނުވާ، ދިވެހިބަހުގެ ވަރަށްގިނަ ގަވާއިދުތައް ހުންނާނެއެވެ. އެފަދަ ތަންތަނާއި މެދު ހިތްޕުޅު ހަމަޖެއްސެވުމަށް އަޅުގަނޑު އެދެނީ “ސުއްލަމުލްއަރީބު” ގެ ގަނޑުތަށް އުއްކަވައިލެއްވުމެވެ.
މަރުހޫމު ރުޝްދީ އޭނާގެ ސުއްލަމުލް އަރީބުގައި ހުސްނޫނު، ދިވެހި ދަރިންނަށް ހަމައެކަނި ދައްކަވައި ލެއްވީއެއްނޫނެވެ. އުސްތާޒު ޖަމީލު ދީދީ ބަޔާން ކުރައްވާ ގޮތުގައި އޭނާ ވަނީ އެފޮތުގައި ހުސްނޫނަކީ ކޮބައިކަމާއި އޭގެ ބޭނުމާއި އެނޫނު ލިޔާންވީ ތަން ދައްކަވައިފައެވެ. އެގޮތުން ސުއްލަމުލް އަރީބުގައި ވާ ކަމަށް އުސްތާޒު ޖަމީލު ދީދީ ލިޔުއްވާފައިވެއެވެ. ” ހުސްނޫނޭ ކިޔުނީ އެނޫނުގައި ފިއްޔެއްވިޔަސް، ސުކުނެއްވިޔަސް ނެތި ހަމަ ހުސްނޫނަކަށް ލިޔެފައި އޮންނާތީއެވެ. ފަހެ، އެނޫނު ލިޔާން ޖެހޭނީ ނޯށަށް އަރުވައި ކިޔޭ ފިލީގެ ފަހުގައެވެ.” އެހެންކަމުން އެއްވެސް އޮޅުމެއްނެތި އެނގެނީ ހުސްނޫނު ހިމެނޭ ލަފުޒުތަކުގައި ނޯށުގެ ދައުރު އޮތީ އެނޫނާއި ވިދިގެން ފަހަތަށް އޮތް އަކުރުގައި ނޫންކަމާއި އެނޫނާއި ވިދިގެން ކުރިއަށް އޮތް އަކުރުގައި ކަމެވެ. އަދި އަބަދުވެސް ހުސްނޫނު ލިޔަންވާނީ އެއަކުރުގެ ފަހުގައި ކަމެވެ. އަދި އެއަކުރާއި އެ ނޫނު ވަކިނުކުރެވޭނޭ ކަމެވެ. އެހެން ކަމުން “އަނބި” އެކަހެރި ކުރުމުގައިވެސް ލިޔަންޖެހޭނީ “އަނތްބެއް” މިގޮތަށެވެ.
ދިވެހިބަހުގައި ހުސްނޫނު އެކުލެވޭ ލަފުޒުތައް ކިޔުމުގައި ނޯށުގެ ދައުރު އޮތީ އެނޫނުގެ ކުރީ އަކުރުގައި ކަން ބަޔާން ކުރައްވާ އުސްތާޒު ޖަމީލް ދީދީ އެނަމިކުފާނުގެ ފޮތް ފިޔަވަޅުގައި ވިދާޅުވަނީ ހުސްނޫނު އޮވެއްޖެ ނަމަ ކުރިއަށް އޮތް އަކުރު ކިޔޭނީ ނޯށަށް އަރުވައިގެން ކަމަށެވެ. އެހެންކަމުން ހުސްނޫނު ހިމެނޭ ލަފުޒުތަށް އެއްހާލަތުން އަނެއްހާލަތަށް ބަދަލުވެ އެގޮތް މިގޮތަށް ފުރޮޅޭ ހިނދު ލަފުޒުގައި އޮންނަ ހުސްނޫނޫ އެލަފުޒުގެ ކުރީ އަކުރާއި ވަތްކެއް ނުކުރެވޭނެއެވެ. ވީއިރު “އަތް – ނބެއް” ލިޔުން ހެޔޮވާނެތޯއެވެ؟ ނުވާނެ ނޫންތޯއެވެ.
ދެންއޮތީ ބ.ދ.ގ.ޑ ގެ ވާހަކައެވެ. ދިވެހިބަހުގެ އެދުރު، ޢަބްދުﷲ ޞާދިޤް (ސޯދުބެ) އެކަށައެޅުއްވި ބޯދާގަޑީގެ ހަމައެވެ. ސޯދުބެ ވިދާޅުވަނީ އާންމުގޮތެއްގައި ހުސްނޫނު އަންނާނީ “ބޯދާގަޑި” މިއަކުރު ތަކުގެ ކުރިއަށް ކަމަށެވެ. މިހަމަޔަށް ވިސްނާލުމުން އެނގެނީ މިއީ ހަމަ ސުއްލަމުލްއަރީބުގައިވެސް އޮތްހަމައެވެ. ހަމަ އެ އުސޫލެވެ. އެ، ހަމަ، އެހެން މަގަކުން ބަޔާން ކުރެއްވީއެވެ. އެއް ނަޒަރިއްޔާތެއް އެކި އެކި މަގުމަގުން ބަޔާން ކުރެއްވުމަކީ ހުރިހާ ބާވަތެއްގެ އިލްމެއްގައިވެސް އެއިލްމުތަކުގެ އަހުލުވެރީން ކޮށް އުޅޭ ކަމެކެވެ. ބޯދާގަޑީގެ ހަމަޔަކީ ހަމަ ސުއްލަމުލް އަރީބުގައިވެސް އޮތް ހަމަ، ކަމާއި ހުސްނޫނު ހިމެނޭ ލަފުޒުތަކުގައި އެނޫނުގެ އަޑު ގުޅިފައިވަނީ އެފަދަ ލަފުޒު ތަކުގެ ކުރީ އަކުރަށް ކަމާއި އެނޫނު އެއަކުރާއި ވަކި ނުކުރެވޭނޭ ކަން ސޯދުބެ ހަމަ ރަނަގަޅަށް ވެސް ދެނެލައްވާ ކަން މިހަމައިން ޔަގީންވެއެވެ. އެގޮތަކީ މިހަމަ ލިޔުއްވި އިރު “އާއްމުގޮތެއްގައި” އޭ ވިދާޅުވެ އެ، ހިމެނުއްވި އިސްތިސްނާއެވެ. ދެވަނަ ކަމަކަށް “ބ.ވ.ކ.ފ.ގ” މިއަކުރު ތަކުން ކުރެ އަކުރެއްގެ ކުރިއަށް ހުސްނޫނެއް އަތުވެއްޖެ ނަމަ އެނޫނު ލިޔާންވާނީ އެލަފުޒެއްގައި އޮތް، ތާ ސުކުނުގެ ކުރީގާ ކަމަށް ވިދާޅުވެ ބޯދާގަޑީގެ ހަމަޔަށް، ހުރިހާ ހާލަތެއްގައި އަކުރުން އަކުރަށް އަމަލުކޮށްފި ނަމަ ދިމާވާނޭ މައްސަލަޔަށް ދެއްވާފައި އެ، އޮތް ހައްލެވެ.
އެހެންކަމުން ހުސްނޫނު އޮންނާންވީ ތަނަކާއި މެދަކު އޮޅުމެއް ހިލާފެއް ނެތެވެ. އަދި ހުސްނޫނު ލިޔުމާއި ގޫޅޭގޮތުން އެކަށަ އެޅިފައިހުރި ހަމަތަކާއި ގަވާއިދުތަކުގައިވެސް ފުށުއެރުމެއް ވާތީއެއް ނުފެނެއެވެ. ހުސްނޫނު ލިޔާންވީ ހުސްނޫނު ހިމެނޭ ކަލިމަތަކުގައި ހުސްނޫނުގެ ސަބަބުން މެދުވެރިވާ ކަންތައް އެބަހީ ނޯށަށް އެރުން މެދުވެރިވާ ފިލީގެ ނުވަތަ އަކުރުގެ ފަހަތުގައެވެ. (ނިމުނީ)