ހއ.ބާރަށުން އިތުރު 9 މީހަކު ކޯވިޑް-19އަށް ފައްސިވެ އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 22އަށް އަރައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ބާރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީންގައި ތިބި 9 މީހެއްކަމަށެވެ.
އަދި އެކޭސްތަކާއި ގުޅިގެން ކޮންޓެކްޓުވި މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކުރިއިރު، 2 މާޗްގައި އިތުރު 4 މީހުން ޕޮޒިޓިވްފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިއާއެކު ޑައިރެކްޓް ކޮންޓެކްޓުންނާއި ބަލީގެ އަލާމާތްތައް ހުރި މީހުންގެ ތެރެއިން ސާމްޕަލް ނަގައި އިއްޔަ ޓެސްޓުކުރެވުނު 158 ސާމަޕަލްގެ ތެރެއިން 9 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ބާރަށުގެ ހާލަތު ވަޒަން ކުރުމަށް އިއްޔެވެސް ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުގައި ސާމްޕަލް ނެގުން ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އިއްޔެ 216 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ.
ބާރަށުން ސާމްޕަލް ނެގުމުގައި ވަނީ ހއ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއްގެ އިތުރުން ދިއްދޫ ޕޮލިސް ސްޓޭޝަންގެ ޓީމަކާއި، ދިއްދޫގައި ތިއްބަވާ އެމްއެންޑީއެފްގެ ޓީމަކާއި، އިހަވަންދޫ އައިމިނާދިޔޯ ހެލްތު ސެންޓަރުގެ ޓީމެއް ވެސް ހަރަކާތްތެރި ވެފައެވެ.
ބާރަށުން ކޮވިޑަށް ފައްސިވި 9 މީހުންނާ ގުޅިގެން މިހާތަނަށް ޖުމުލަ 374 ސާމްޕަލް އެއް އެރަށުން ވަނީ ނަގާފައެވެ.