މާލެއަށް ބޮޑެތި ރާޅު އަރައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ

މުހައްމަދު ޢަބުދުއްޞަމަދު

މާލެއަށް  މިއަދު މެންދުރު ފަހު ބޮޑެތި ރާޅު އަރައި ރާޅުގަނޑު ސަރަހައްދާއި ބްރިޖު ހައިވޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެއެވެ.

މާލޭގެ ބައެއް ސަރަހައްދުތަކަށާއި ބުރިޖް ހައިވޭއަށް، މިއަދު މެންދުރުފަހު 2 ޖަހާ އެހާއިރުން ފެށިގެން އަންނަނީ  އުދަ އަރަމުންނެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރައިން ވަނީ ބުނެފައެވެ. އަދި ރާޅުގެ އުސްމިން 2-5 ފޫޓާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެއެވެ.

މާލޭ ސަރަހައްދަށް ، ބުރިޖް ހައިވޭއަށް އެރި ރާޅުގެ ސަބަބުން ބައެއް އުޅަނދުތަކަށާއި، މީހުންނަށް ވަނީ ގެއްލުން ފެވަ އެވެ. ބުރިޖް ހައިވޭއަށް ރާޅު އަރައިގެން އަންނަ ވަގުތު، ހައިވޭ އިން ދުއްވާފައި ދާ ސައިކަލުތަކަށާއި މީހުން ރާޅާ އެކު ވިއްސައިގެން ގޮސް ވެއްޓޭ ތަން ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.


އަދި ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދުގައި ރާޅާ އެކު ބޮޑެތި ގާތައް ވަނީ އެއްގަމަށް އަރާފައެވެ. އެއާއެކު މިސަހައްދަށް ވެސް އަރާފައިވާ އުދައިގެ ބާރު ގަދަކަމުން ސައިކަލުގައި ދާ މީހުން ކަހާލައިގެން ވެއްޓޭ ތަން ވެސް ފެނެ އެވެ.

މާލޭގެ ރާޅުގަނޑު ސަރަހައްދުން އުދަ އަރަމުންދާތީ، އެ ސަރަހައްދުން އެއްގަމު އުޅަނދުގައި ދަތުރުކުރާ މީހުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.


ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އުދައަރާނެކަމަށް ލަފާކޮށް  ވައިޓް އެލާޓް ވަނީ މެޓް އޮފީހުން  ނެރެފަ އެވެ.