މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް އިދާރީ ގޮތުން ދޭންޖެހޭ ޚިދުމަތްތައް އަދި ހުއްދަތައް ދޫކުރުން ހުއްޓާލާނެކަމުގެ އިންޒާރު، އިހަވަންދޫ ކައުންސިލުން ދީފިއެވެ. އެގޮތައް އެޕާޓީއަށް އެންގީ މިމަހުގެ އެއްވަނަދުވަހު އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސް މުޙައްމަދު މިސްބާޙުއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއް މެދުވެރިކޮށެވެ.
ކައުންސިލްގެ ސިޓީގައިވާގޮތުން އެމްޑީޕީއިން ވަނީ އެކައުންސިލްގެ އަމުރަކާ ހިލާފުވެފައެވެ. އެގޮތުން ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި އޯޕަންސްޓޭޖަށް ގެސްފައިވާ ބަދަލުތައް އިޢާދަކުރުމަށް އަންގާފައިވާ ކަންކަން، އިސްލާހުކުރުމަށް 3 ދުވަހުގެ މުހުލަތެއް ކައުންސިލުން ދީފައިވާ ކަމަށާއި ނަމަވެސް އެފަދައިން އަމަލުކޮށްފައިނުވާތީ “އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު” ގެ 143 ވަނަ މާއްދާގެ ދަށުން، އެމްޑީޕީން ކައުންސިލުން ކުރި އަމުރަކާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅާ، (IUL)248-ESMSMS/248/2020/78 (26 އޮގަސްޓް 2020) ނަންބަރު އިޢުލާނުން ގެޒެޓުކޮށްފައިވާ ގޮތުގެމަތިން އެމްޑީޕީ 1000ރ ޖޫރިމަނާކުރުމަށާއި އެފައިސާ 3 ދުވަހުގެ ތެރޭގައި ނުދައްކާފިނަމަ، އިދާރީ ގޮތުން ދޭންޖެހޭ ޚިދުމަތްތައް އަދި ހުއްދަތައް ދޫކުރުން ހުއްޓާލާނެކަން ކައުންސިލުން ފޮނުވި ސިޓީގައި އަންގާފައިވެއެވެ.
ކައުންސިލްގެ ސިޓީގައި (IUL)248-ESMSMS/248/2020/78 ނަންބަރު އިއުލާނެއް (26 އޮގަސްޓް 2020) ކުރިކަމަށް ބުނެފައި ވީނަމަވެސް، 26 އޮގަސްޓް 2020 ގައި އިހަވަންދޫ ކައުންސިލުން ގެޒެޓް ކޮށްފައިވަނީ “ލޮނުމަސް އެޅުމަށް ކުލީ ބިން ދޫކުރުން” މާ ގުޅޭ އެކައުންސިލްގެ (IUL)248-ED/248/2020/81 ނަންބަރު އިޢުލާނެވެ.
އެމްޑީޕީން ވެސް ވަނީ އިހަވަންދޫ ކައުންސިލަށް ސިޓީތަކެއް ފޮނުވާފައެވެ. އެގޮތުން އިހަވަންދޫ ކައުންސިލަށް އޯގަސްޓް 17 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެޕާޓީން އެދިފައިވާ ހުއްދަތައް ލިބިފައިނުވާތީ ކަނޑައެޅި ތާރީޚުތަކުގައި ހިންގަން ހަމަޖެއްސި ހަރަކާތްތައް މަޑުޖައްސާލާފައިވާ ކަމަށާ، ރިޔާސީ އިންތިހާބުގައި އެންމެހާ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރުމުގެ ފުރުސަތު ހަމަހަމައަށް އޮންނަންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ފަހަގަކޮށްފައިވާ ކަމަށް، އެޕާޓީގެ ކެނޑިޑޭޓަށް ތާއިދު ހޯދުމުގެ ގޮތުން ބަނދަރުމަތި ޒީނަތްތެރިކޮށް ރަށުތެރޭގައި ދިދަފަތިދަމާ ބެނާ ހަރުކޮށް ޕޯސްޓަރު ފަދަ ކެމްޕެއިން މެޓީރިއަލްސްތައް 18 އޮގަސްޓް 2023 އިން ފެށިގެން ރިޔާސީ އިންތިހާބުގެ އެންމެހާ ކަންކަން ނިމެންދެން ޖަހާނެކަމުގައެވެ.
އެމްޑީޕީން ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގެންނެވި ދަތުރާ ދިމާކޮށް ޖަލްސާ ބޭއްވުމަށް އޯޕަން ސްޓޭޖްގައި ކުލަލައި ކެމްޕެއިން ބެނަރ ހަރުކޮށްފައެވެ. އޭގެއިތުރުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް މިއަދު އިހަވަންދޫއަށް ވަޑައިގަންނަވާތީ ބަނދަރުމަތި ޒީންތަތެރިކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީން ބަނދަރުގައި ދިދަދަމާ ޒީނަތްތެރިކުރަމުންދަނީ ކައުންސިލުން ހުއްދަ ނުދެނީހެވެ.
ސިޔާސީ ޕާޓީތަކުގެ ދިދަ އަދި ބެނާތަކާއި ގިޑިގެތަކުން އިހަވަންދޫ ބަނދަރުސަރަހައްދު މިހާރުވަނީ ފުރާލައިފައެވެ. އެފަދަ ތަކެތި އެސަރަހައްދުގައި ޖަހާފައިވަނީ ބަނދަރު ބޭނުންކުރާ ފަރާތްތަކަށާއި، ޓްރެފިކަށްވެސް ދަތިވާވަރަށެވެ. މިހާރު ބަނދަރު އޮތްގޮތުން އެމްބިއުލާންސް ފަދަ އުޅަނދެއް ސިޑިއާއި ގާތްކުރަންވެސް ތަކުލީފުތަކެއް އުފުލަން ޖެހޭނެއެވެ.