އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކައުންސިލް ކަޕް 2023” ގުރު ލައިފިއެވެ. މިމުބާރާތުގެ ގުރު ލާފައިވަނީ މިއަދު މެންދުރުފަހު އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.
8 ޓީމް ބައިވެރިވެފައިވާ މިމުބާރާތް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ކުޅިމަގު، ކޭ.އެމް، ކްލަބް އިރަމާ އަދި ޓިމް އެސް.ސީ ހިމެނޭއިރު ގްރޫޕް ބީ ގައި ހިމެނެނީ ޖަންގަލް، ސެންސިޓީ، ކޮފަލި އަދި އެންވީކޭއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ކުޅޭނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހާއި ހަމަޔަށެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ސެމީފައިނަލަށް ދަތުރުކުރާއިރު ސެމީ ފައިނަލްގެ ދެ މެޗް ކުޅޭނީ މިމަހުގެ 29 ވާ ބުދަ ދުވަހުގެ ހަވީރުއެވެ. އިހަވަންދޫ ޢާޒީ ދަނޑުގައި ކުޅޭ މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުގެ ހަވީރުއެވެ.
މިމުބާރާތު ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދާ 6 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ އެންމެ ފަހުގެ ކައުންސިލް ކަޕާއިއެކު ޖެހިޖެހިގެން 4 ފަހަރު އެމުބާރާތް ކާމިޔާބުކޮށްފައެވެ.