އިހަވަންދޫ ކައުންސިލްގެ ދަރަނި 3.4 މިލިޔަނަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ދަރަނި 3.4 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުހައްމަދު ރަޝީދު މިހެންވިދާޅުވީ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއިބެހޭގޮތުން އިހަވަންދޫ ޑޮޓްކޮމް އަށްދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. މުހައްމަދު ރަޝީދު ވިދާޅުވީ ދަރަނީގެ ބޮޑު ބައެއް ދައްކަންޖެހެނީ ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރުގެ ކުންފުނި ތަކަށް ކަމަށެވެ. ކައުންސިލްގެ މިއަހަރުގެ ބަޖެޓު އެއްކޮށް ދެއްކި ނަމަވެސް އެ ދަރަނި އަދާނުކުރެވޭނޭ ކަން ފާހަގަ ކުރައްވާ، މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ މިހާރު މިކަން ތަކުރާރުކޮށް ސަރުކާރުގައި އެދިފައި ވާނެކަމަށެވެ.

[AD]

ކައުންސިލަށް ކުރެޑިޓަށް ތަކެތި ދޫކުރުން ބައެއް ފިހާރަތަކުން ހުއްޓާލާފައި ވާތީ، އިހަވަންދޫ ކައުންސިލުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އުނދަނގޫ ތަކެއް ހުރިކަން މުހައްމަދު ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ. މިކައުންސިލްގެ ފުރަތަމަ ހަފުތާ ތެރޭގައި ރަށުގެ މަގުބައްތިތައް މަރާމާތު ކުރުމާއި މަސްކަޑައަށް އައު ލައިޓެއް ލުމަށް ކުރި މަސައްކަތުގައި، ކޭބަލް އާއި މަސައްކަތަށް ބޭނުންވާ ތަކެތި ގަނެފައިވަނީ ކައުންސިލަރުންގެ ޖީބުން ހަރަދުކުރައްވައިގެންކަން ވަނީ އެނގިފައެވެ.

މިކައުންސިލް ހޮވިފައި ވަނީ ރައްޔިތުންނަށް ވަރަށް ބޮޑެތި ވައުދު ތަކެއްވެ އަދި މެނިފެސްޓޯއަކާއި އެކު ކަން ފާހަގަ ކުރައްވާ، މުހައްމަދު ރަޝީދު ވިދާޅުވީ، މިވަގުތު ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ، މުވައްޒަފުންގެ އަދަދަށް ބަލާއިރު، ވަޢުދުތައް ވަގުތުން ވަގުތަށް ފަށައިގަތުން ވަރަށް ދަތިކަމަށެވެ. ނަމަވެސް ވަޢުދުވެފައިވާ ގޮތަށް، ކައުންސިލްގެ 3 އަހަރުގެ ދައުރު ނިމިގެންދާއިރު އިރާދަކުރެއްވިއްޔާ ވަޢުދުތައް އެއްކޮށް ފުރިހަމަ ވެގެން ދާނެ ކަމަށް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. މިހާރުވެސް ފިނޭންސް މިނިސްޓުރީއާ ވާހަކަދައްކައިގެން ކައުންސިލް އިދާރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަން ފާހަގަ ކުރައްވާ މުހައްމަދު ރަޝީދު ވިދާޅުވީ 9 ވަރަކަށް އިތުރު މުވައްޒަފުން ކައުންސިލް އިދާރާއަށް ލިބެން ޖެހޭ ކަމަށެވެ.

އިހަވަންދޫ ކައުންސިލަށް 2017 ވަނަ އަހަރުގެ ބަޖެޓްގައި ޖަހާފައިވަނީ 3.5 މިލިއަން ރުފިޔާއެވެ. މިއީ 2016 ވަނައަހަރު އިހަވަންދޫ ކައުންސިލަށް ބަޖެޓްކުރި 6 މިލިއަން ރުފިޔާއަށްވުރެ 2.5 މިލިއަން ރުފިޔާ މަދު އަދަދެކެވެ. 2016 ވަނަ އަހަރު އިހަވަންދޫ ކައުންސިލަށް 6 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާނަމަވެސް އެއަހަރު ހަރަދު ކޮށްފައިވަނީ 2.5 މިލިއަން ރުފިޔާއެވެ. އިހަވަންދޫ ކައުންސިލަށް 2017 ވަނައަހަރު 3.5 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާއިރު 2018 ވަނަ އަހަރު ހަރަދުވާނެކަމަށް ލަފާކޮށްފައިވަނީވެސް 3.5 މިލިއަން ރުފިޔާއެވެ. އަދި 2019 ވަނަ އަހަރު ހަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 3.6 މިލިއަން ރުފިޔާއެވެ.