ޖުމުހުރީ ޕާޓީގެ ރިޔާސީ ކެމްޕޭން އިހަވަންދޫގައި ރަސްމީކޮށް ފަށައިފިއެވެ.
ޖުމުހުރީ ޕާޓީގެ ކެންޑިޑޭޓު ޤާސިމް އިބުރާހިމް އަށް ތާޢިދު ހޯދުމަށްޓަކައި އެޕާޓީގެ ކެމްޕޭން މިރޭ އިހަވަންދޫގައި ރަސްމީކޮށް ފަށާފައި ވަނީ މިކަމަށްޓަކައި ހާއްސަކޮށްގެން ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތު އޮތީ ހއ. އިހަވަންދޫ ހިޔަލީބާޣު ގައި ހުރި ޖޭޕީގެ އިހަވަންދޫ އޮފީހުގައެވެ.
މިރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ޖޭޕީގެ އިހަވަންދޫ އޮފީހުގައި ދިދަ ނެގުން އޮތެވެ. ދިދަ ނަންގަވާ ދެއްވީ ޖޭޕީގެ ކެމްޕޭން ހަރަކާތްތަކުގައި އިހަވަންދޫގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން މުޙައްމަދު މަތީނު އާއި މުޙައްމަދު ޢަބުދުﷲ (މުހައްމާ) އެވެ.
އެއަށްފަހު ޕާޓީގެ އޮފީހުގައި ޕާޓީގެ ކެމްޕޭން ޓީމުގެ ބައިވެރިންނާއި އެކު ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މިބައްދަލުވުމުގައި ޖުމުހުރީޕާޓީގެ ކެންޑިޑޭޓު، ޤާސިމް އިބުރާހިމް އަށް ތާޢިދު ހޯދުމުގެ ގޮތުން އިހަވަންދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރުމާއެކު ހިޔާލު ބަދަލުކޮށްފައިވާ ކަމަށް މާއުލޫމާތު ލިބެއެވެ.