Banner Image Description

ދިޔޯ ކޮލަމް: ދިވެހި ރަސްކަން ގުރައިޝް ވަންހައަށް

މުޙައްމަދު ޢަބްދުއްލަޠީފް

ދިވެހިތާރީހުގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ރަސްކަމުގެ ތަހުތުގައިވެސް ގުރައިޝްވަންހައިގެ ބޭކަލަކު އިންނެވިއެވެ. ދިވެހިރާއްޖެއާއި ދިވެހިންގެ މައްޗަށް ވެރިކަން ކޮށް ދިވެހި ރަސްކަމުގެ ތަހުތު ފަޅުފިލުވިއެވެ. ދިވެހިންގެ މައްޗަށް އަމުރު މައުރޫފު ހިންގާ ވެރިކަމުގެ ހުކޫމާތު ހިންގެވިއެވެ.

ތާރީހުގައި ވާގޮތުން މިބެއިކަލަކު ދެފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެންނެވިއެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ 1097ހ ވަނަ އަހަރު ރަބީއުލް އައްވަލު މަހުގެ 14 ވަނަ ދުވަހުއެވެ. އެ ވަޑައިގެންނެވުމުގެ ސަބަބެއް ކަމުގައި ތާރީހުގައި ލިޔެފައިވަނީ ރާއްޖޭގައި ބިދުއަތަކާއި މުންކަރާތްތައް ގިނަވުމެވެ. މިދަތުރުގައި އޭނާގެ ލަޝްކަރީންނާއި ހައްދާމުންނާއި މުރީދުން ގެންނެވިއެވެ. ދަތުރުފެށީ އިންޑޮނޭޝިޔާގެ އަސޭއިންނެވެ. ރާއްޖޭގައި ހުންނެވީ 6 މަސްދުވަހުއެވެ.

މިބޭކަލަކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވީ އުމުރުފުޅުން 28 އަހަރުފުޅުގައި ރާއްޖޭގެ ތަހުތަށް އިސްކުރެވުނު އިސްކަންދަރު ރަސްގެފާނުންގެ ރަސްކަމުގައެވެ. ގާތްގަނޑަކަށް 40 ހަކަށް އަހަރުގެ ދިގު ރަސްކަމެއް ކުރެއްވި އެރަސްގެފާނުންގެ ރަސްކަމުގެ އެންމެ ފަހު ކޮޅުއެވެ. ތާރީހުގައި ވާގޮތުން މިރަސްގެފާނުން މި ބޭކަލަކަށް ވަރަށް ހެޔޮކޮށް ހިތްތަވާ ވަރަށް ކަމޭ ހިތްތެވިއެވެ.

ދިވެހި ތާރީހުގައި މިބޭކަލަކަށް ދިވެހި ރަސްކަން ލިބޭނޭ ކަމުގެ އިޝާރާތެއް މިދަތުރުގެ ތެރެއިން ހިނގިކަމަށް ލިޔެފައިވެއެވެ. އެކަމަކު އެހެން ބުނުމަކާ ނުލައެވެ. އެއިޝާރާތަކީ މި ބޭކަލަކު ވަޑައިގެންނެވި ދުވަހުގެ އަނެއްދުވަހު ރަސްގެފާނުން ގުޅަކުޅޭ ފަސްގަނޑުގައި ފުރިހަމަ އިއްޒަތުގައި އިންނަވައި ބެރު ދުންމާރި ތާޅަފިލީގައި ރަސްގެފާނުންގެ ވަޒީރުންނާއި ލަޝްކަރީން ފޮނުއްވައިގެން މި ސައްޔިދު ކަލޭފާނުން ގެންނެވި ހިނދުގައި އެއްބޭކަލަކު އަނެއްބޭކަލަކާއި ކޮނޑާއި ކޮނޑު ޖައްސަވައި ސަލާން ކުރައްވަން އުޅުއްވުމުގެ ތެރޭގައި ހިނގި ކަމެކެމެވެ. ދެބޭފުޅުންގެ ދެފަގުޑިކޮޅު ޖެހި ރަސްގެފާނުންގެ ފަގުޑިކޮޅު ބިމަށް ވެއްޓުނީއެވެ. ދިވެހި ތާރީހުގައި އިތުރަށް ލިޔެފައިވާ ގޮތުގައި މިކަމާއި ރަދުން ވަރަށް ބިރުފުޅުގެން ސިހިވަޑައިގަތެވެ. އެއާއި އެކުވެސް ރަދުން މި ސައްޔިދު ކަލޭފާނަށް ވަރަށް މާތްކޮށް ހިތްތެވިއެވެ.

އެހެންނަމަވެސް ފަހުން މިބޭކަލަކު ވީ ރަސްގެފާނުން ވަރަށް ކޯފާވާ ބޭކަލަކު ކަމުގައެވެ. އެކަން ވީ ގޮތަކީ މި ސައްޔިދު ކަލޭފާނުން ރާއްޖޭގައި ބިދުއަތަށް މުގުރުއްވާ މުންކަރާތްތަށް ނަހީ ކުރައްވާ އަމުރު މައުރޫފު ހިންގަވަން ހުންނަވާފައި ރަސްގެފާނަށް ފޮނުވި ދިގު ސީޓީއެކެވެ. މި ސިޓީގައި ރަސްގެފާނަށް ނުކުރާކަ ނުބައިވެގެންވާ ތުހުމަތެއް ނެތެވެ. ސިޓީގެ ފަހަތުގައި ރަސްގެފާނަށް ވިސްނައިދީ ހެޔޮމަގަށް ރުޖޫއަވުމަށްވެސް ގޮވާލާފައި ވެއެވެ. އެކަމަކު މި ސިޓީއަކީ ދިވެހި ތާރީހުގައި މި ރަދުން ސިފަކޮށްދީފައިވާ ގޮތާއި ވަރަށްބޮޑަށް ފުށުއަރާ ސިޓީއެކެވެ. ކޮންމެއަކަސް ދެންވީ ގޮތަކީ ރަސްގެފާނުން މިސައްޔިދު ކަލޭފަނުން ދެކެ ވަރަށް ކޯފާވެ އޭނާޔާއި އެކު އުޅޭ މީހުންނަށްވެސް ކޯފާވެ މިކަލޭގެފާނުން ހުންނަވާ ގެއަށްވެސް މީހުން ވަދެ އުޅުމަށްވެސް ހިތްޕުޅާ ނުވީއެވެ.

މިބޭކަލަކު ހުންނެވިކަމަށްވަނީ މިރަދުންނާއި އެއްބަނޑު ހަސަން ފާށަނާކިލެގެފާނުންގެ ފުތް މުހައްމަދު މަނިކުފާނުންގެ ގޭގައެވެ. މި މުހައްމަދު މަނިކުފާނަކީ މި ސައްޔިދުކަލޭފަނާއި މާ މިތުރުކަން ބޮޑު މީހެކޯލައެވެ. މިގޭގައި ހުންނެވި ހުންނެވުމުގައި މި ސައްޔިދު ކަލޭފާނުން މި މުހައްމަދު މަނިކުފާނަށް ރަސްކަން ދެއްވާތޯ ދުއާފުޅެއް ކުރެއްވި ކަމުގައިވެއެވެ.  އެގޮތުން އެއްދުވަހަކު މިގޭގައި ތިއްބަވައިފައި ސައްޔިދުކަލޭފާނުން ފާތިހާ ކިޔަވާފައި އޭނާގެ ތާޖު ނަންގަވައި މުހައްމަދު މަނިކުފާނުންގެ އިސްތަށިފުޅުގައި ތުރުކުރައްވައި މަނިކުފާނީ މުހައްމަދު ރަސްގެފާނޭ ވިދާޅުވި ކަމަށް ތާރީހުގައި ލިޔެވިގެންވޭމެއެވެ.

ކޮންމެއަކަސް ރޭދުވާ ދައުރުވަމުން ގޮސް 1102ހ ވަނަ އަހަރު މި މުހައްމަދު މަނިކުފާނަށް ދިވެހި ރަސްކަން ލިބިއްޖެއެވެ. ތަހުތުގައި ވެޑުވީ އައްސުލްތާނުލް އާދިލު މުހައްމަދު މުހުޔިއްދީންގެ ނަމުގައެވެ. ކޮލީނަންފުޅަކީ ސިރީނާ ކަރައި ސުންދުރަ ބަވަނަ (ދުނިޔެއަށް ހިޔާއަޅާ ވިލާގަނޑެއް ފަދަ މީހާ) މަހާރަދުންނެވެ. ބުނެވޭ ގޮތުގައި މިރަސްގެފާނުންގެ ޒަމާނުގައި މިރަސްގެފާނަށް ހެޔޮރަސްގެފާނޭ ވެސް ކިޔުނެވެ. އެއީ މިރަދުންގެ ހެޔޮފުޅުކަމަށްޓަކައެވެ.

ރަސްކަން ލިބިވަޑައިގަތުމުން ލިބިވަޑައިގެންނެވި އުފާފުޅުގައި ކުރެއްވި އެއްކަމަކީ އެއްކަލަ ސައްޔިދު ކަލޭފާނަށް ފަތްކޮޅެއް ފޮނުއްވުމެވެ. ތާރިހުގައި ވާގޮތުން އެފަތުގައި، “ކަލޭގެފާނު ދުއާ ކުރެއްވި ފަދައިން މާތްކަލާނގެ ތިމަންނާއަށް ދިވެހިރާއްޖޭގެ ރަސްކަން އިރާދަކުރައްވައިފިޔޭ.. ކަލޭގެފާނުންގެ ފައިވާންފުޅު ދެކެވަޑައިގަތުމަށް ތިމަންމަނިކުފާނުން ވަރަށް އެދިވަޑައިގަންނަވަމޭ.. މިތަނަށް ކަލޭގެފަނުން ދުރުވުން އެދި ހުންނެވީމެވެ.” މިފަދައިން ލިޔުއްވިއެވެ.

ފަތްކޮޅު ލިބުމާއި އެކު އާދެވޭން އޮތް އެންމެ އަވަހަކަށް މި ސައްޔިދު ކަލޭފާނުން މާލެ އަތުވެއްޖެއެވެ. މާލެ އައިއިރު އެއްކަލަ ރަސްގެފާނުން އޮތީ ވަރަށްވެސް ބޮޑު އާލާސްކަންފުޅެއްގައެވެ. ތާރީހުގައިވާ ގޮތުން ސައްޔިދުކަލެފާނުން މާލެ ވަޑައިގެންނެވިތާ ހަތަރުވަނަ ދުވަހު ރަސްގެފާނުން އަވަހާރަވެއްޖެއެވެ. އެއި ހިޖުރައިން 1103ވަނަ އަހަރުއެވެ. ދެން ތަހުތުގައި ވެޑުވީ އެއްކަލަ ސައްޔިދު ކަލޭފާނެވެ. އެކަން އެގޮތަށް ކުރީ ވެރިކަން އޮންނާންވާނީ ގުރައިޝުންނަށް ކަމަށް އޮތް ދެ ހަދީސަކަށްޓަކައި ކަމަށް ދިވެހިތާރީހުގައި ލިޔެވިގެން ވެއެވެ.

ދިވެހިތާރީހުގައިވާ ގޮތުން މިސައްޔިދު ކަލޭފާނަކީ ސައްޔިދު އަބުދުއްރައްޒާގުގެ ފުތް ސައްޔިދު މުހައްމަދު ޝަމްސުއްދީނެވެ. ސަލާމާއި ސަލަވާތް ލެއްވި ކައު އިތުރު ރަސޫލާގެ ދެ ، ކާފަދަރިކަލުން ކަމަށްވާ ހުސައިނުގެފާނާއި ހަސަނުގެފާނާއި މިދެދަރިކޮޅުން ދުރުވެ ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނު އުފަންވީ ހަމާތެވެ(ލުބުނާންގެ ރަށެއް) ކިޔޭ ރަށަކަށެވެ. އިލްމު ހާސިލު ކުރެއްވީ މިސްރުގެ ޖާމިއުލް އަޒުހަރުންނެވެ. އެކަލޭގެފާނު އިލްމު އުނގެނިވަޑައިގަތީ އަހުމަދުލް ބަސްބީޝީ އެވެ ކިޔޭ ވަރަށްބޮޑު އެދުރުބޭކަލެއްގެ އަރިހުންނެވެ.

އެޒަމާނުގެ އަހުލުވެރިންނަށް ވުރެބޮޑަށް އިލްމަށް ފާގަތިވެ ވަޑައިގަތުމަށްފަހުގައި ހައްޖާޖީންނާއި އެކު މިސްރުން ނިކުމެވަޑައިގެންނެވި ކަމަށާއި މިކަލޭގެފާނާއި އެކުގައި މިކަލޭގެފާނުންގެ ކޮށްކޮ ސައްޔިދު ތާހާވެސް މިސްރުން ނިކުމެވަޑައިގަތްކަމަށް ތާރީހުގައި ލިޔުއްވާފައިވެއެވެ. މީސްތަކުންނަށް ފައިދާކުރަނިވި އިލްމުން އެ ދެބޭކަލުން ވާރޭ ވިލާގަނޑެއް ފަދަކަމަށާއި، ދެން މައްކާއަށާއި މަދީނާއަށް ވަޑައިގެން ހައްޖުވެ މަދީނާވެ އުމުރާވެގެން މަހާޔަށް( ޔަމަނުގެ ބަނދަރެއް) ދުރުވެ އެތަނުން ނަވަކަށް އަރައިގެން މަންގަލޫރަށް( އިންޑިޔާގެ ކަރުނާޓަކާ ސުޓޭޓުގެ ސިޓީއެއް) އެތަނުން ދިވެހިންގެ މަޝްހޫރު އަސޭކަރަޔަށް ވަޑައިގެންނެވި ކަމަށް ތާރީހުގައި ލިޔެވިގެން ވޭމެއެވެ. ކުރިންވެސް ފާހަގަ ކުރިފަދައިން ރާއްޖެއަށް ވަޑައިގަތީ އަސޭކަރައިންނެވެ. އިހަށްވެސް ،ފަހަށްވެސްމެއެވެ.

ރަސްކަމަށް އިސްކުޅައުމަށްފަހު ނަންފުޅަކީ “އައްސުލްތާނު މުހައްމަދު ޝަމްސުއްދީނިލް ހަމަވީ” އެވެ. ބެލެވޭ ގޮތުގައި ނަމުގެ ފަހަތުގައި އެ އޮތް ހަމަވީން އިޝާރާތް ކުރަނީ މިރަދުން އުފަންވެ ވަޑައިގަތް ހަމާތަށެވެ. މި ރަސްގެފާނަށް އެއްވެސް ކަހަލަ ކޮއްޔެއްލައި ކޮލީ ނަނަފުޅެއް އެރުވުނު ކަމެއް އެނގޭކަށް ނެތެވެ. ރަސްކަމަށް އިސްކުރެވުނީ ހިޖުރައިން 1103 ވަނަ އަހަރު ޖުމާދިލްއާހިރު މަހުގެ ފުރަތަމަ ދުވަހުއެވެ. ދިވެހިތާރީހުގައި މިރަދުން ސިފަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ” އެމަނިކުފާނު ވިޔޭ ކެތްތެރި.. ދީލަތި.. އަދުލުވެރި.. ވަރައަވެރި.. ޒާހިދު.. އިލްމުވެރި.. ބުއްދިވެރި.. ރަސްކަލެއް ކަމުގައި..” .

ތާރީހުގައި ވާގޮތުން ގުރައިޝް ވަންހައިގެ މި ދިވެހިރަސްގެފާނުން އަވަހާރަވީ ރަމަޟާން މަހެއްގައި އެމަހުގެ 17ވިލޭރޭ ޖެހިވަޑައިގެންނެވި  އާލާސްކަންފުޅެއްގައި ހުންފުޅެއް އައިސް ބޭރަށްހިންގުމުގެ ރޯގާއެއް ޖެހިވަޑައިގެން އެއާލާސްކަންފުޅު ބޮޑުވެ ދިގުލައިގެންނެވެ. މިއާލާސްކަންފުޅު ބޮޑުވެ ފަރުވާކުރާނޭ މީހަކަށް ބޭނުން ޖެހިވަޑައިގެން ކައިވެނިފުޅެއްވެސް ކުރެއްވިއެވެ. އެކައިވެނިފުޅު ކުރެއްވީ މިރަސްގެފާނުންގެ މިތުރުކަން ބޮޑު މުހައްމަދު މަނިކުފާނު، ފަހުން މުހުޔިއްދީން ރަސްގެފާނުން އަވަހާރަވީއިރު ކައިވެނި ބައްލަވައިގެން އިންނެވި މަރުޔަމް ކަނބާފާނާއިއެވެ.

އަވަހާރަވީ ޖެހިގެން އައި ޝައްވާލުމަހު 25 ވަނަ ދުވަހުއެވެ. މެންދުރާއި އަސުރާއި ދެމެދުގައެވެ. ހިޖުރީ ގޮތުން 1303 ވަނަ އަހަރުއެވެ. ފަސްދާނު ލެއްވުނީ ތަބުރީޒުގެފާނުންގެ ގުއްބުގެ ހުޅަނގުފަރާތުގައި އަދި ޝާއްމު ކަރައިން ދުރުވި ސައްޔިދު މުރުތަޟާގެ ގަބުރުފުޅުގެ ކައިރީގައެވެ. ގުރައިޝް  ވަންހައިގެ މި ދިވެހި ރަސްގެފާނުން ރަސްކަމުގައި ހުންވީ ހަތަރު މަހާއި ފަންސަވީސް ދުވަހުއެވެ.