ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ފައިނަލަށް އެންވީކޭ ދަތުރުކޮށްފިއެވެ.
5 ޓީމެއް ވާދަކުރާ މިމުބާރާތުގެ ފައިނަލްގެ ފުރަތަމަޖާގަ އެންވީކޭ ކަށަވަރުކުރީ، ގްރޫޕް ސްޓޭޖް ލީގް އުސޫލުންކުޅޭ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން 10 ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖްގައި އެންވީކޭ ކުޅުނު 4 މެޗްގެ ތެރެއިން 3 މެޗުން މޮޅުވިއިރު، 1 މެޗުން އެއްވަރުވިއެވެ. އެންވީކޭ އެއްވަރުވީ 22 ސްޕޯޓްސްއާއި ވާދަކުރި މެޗުންނެވެ.
އެންވީކޭއާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ 22 ސްޕޯޓްސް ކްލަބެވެ. މި ދެ ޓީމަކީ މިދިޔައަހަރުގެ މިމުބާރާތުގައިވެސް ފައިނަލްގައި ކުޅުނު ދެ ޓީމެވެ.
މިމުބާރާތުގެ ފައިނަލް މެޗްކުޅޭނީ މާދަމާ ރޭ 20:30 ގައެވެ. 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ މިމުބާރާތް ބާއްވާ މިއީ 5 ވަނަ ފަހަރެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.