މިޒަމާނަކީ އިލެކްޓްރޯނިކްސްގެ ޒަމާނެވެ. ނުވަތަ އިލެކްޓްރޯނިކް ސާމާނާ ނުލާ އަހަރެމެންގެ ދިރިއުޅުން ފުރިހަމަ ނުވާ ޒަމާނެވެ. ލެޕްޓޮޕަކީ، އުނގުގައި ބައިންދާލެވޭ ރަނގަޅު އެކުވެރިއަކަށް ވެއްޖެއެވެ. ޒަމާނީ އިންޓާރނެޓަށް އަހުލުވެރިވުމަށް މުޙިއްމު ރޯލެއް އަދާކުރާ ވަސީލަތަކަށްވެސް ލެޕްޓޮޕްވެއްޖެއެވެ. ގޭގައި ބަހައްޓާލެވޭ ބޮޑް ޑެސްކްޓޮޕްގެ ބަދަލުގައި ލެޕްޓޮޕް ހޯދަން ފަށައިފިއެވެ. ނަމަވެސް، ލެޕްޓޮޕެއް ގަންނައިރު ވިސްނާލަންޖެހޭ ނުކުތާތަކެއް އެބަހުއްޓެވެ.
ލެޕްޓޮޕެއް ގަންނައިރު ތިބާއަށް އަގުގެ ގޮތުން ލުއި އެއްޗަކަށް ގިނަފަހަރަށް ނަޒަރު ހުއްޓެއެވެ. ނަމަވެސް ލެޕްޓޮޕް ބޭނުންކުރަން ފެށުމަށްފަހު އޭގެ މައްޗަށް އަހުލުވެރިވާން ފެށީމާ މައްސަލަތަކެއް ނިކުންނަން ފަށައެވެ. ބައެއްފަހަރަށް، ޑޭޓާ ޓްރާންސްފާރ ރޭޓް ދައްވެގެން އެކަމުގެ ޝަކުވާ އަމިއްލަ ނަފުސާ ކުރެއެވެ. ރަނގަޅު ގުރެފިކުސް އެއް ނެތީތީ ގޭމް ނުކުޅެވުމުން އެވަރުގަނޑު ލެޕްޓޮޕަށް ބޭލޭތަންވެސް އާދެއެވެ. އެހެންކަމުން އަގަށްވުރެ ބޮޑަށް ތިމާގެ އިޚްސާސްތަކާގުޅޭ ލެޕްޓޮޕެއް ހޯދުން މުޙިއްމެވެ.
ޕްރޮސެސާރ
ޕްރޮސެސާރ އުފެއްދުމުގެ ދުނިޔޭގައި މަޤުބޫލު ދެކުންފުންޏެއް އުޅެއެވެ. އެއީ، އޭއެމްޑީ އާއި އިންޓެލް އެވެ. މިތަނުން ގިނަބައެއްގެ ސަމާލުކަން ހުއްޓެނީ، ތަޖުރިބާގެ ގޮތުން ކުރީގައިވާ އިންޓެލް އަށެވެ. އާއްމުކޮށް އިންޓެލް ޕްރޮސެސާރ އެއް އިންނަ ލެޕްޓޮޕެއް އޭއެމްޑީ ޕްރެސެސާރއެއް އިންނަ ލެޕްޓޮޕަކަށްވުރެ 200 ވަރަކަށް ރުފިޔާ އަގުބޮޑުވާނެއެވެ. އިންޓެލްގެ އެންމެ ފަހުގެ ޕްރެސެސާރއަކީ، ކޯރ އައި 7 އެކްސްޓްރީމް (Intel™ i7 Extreme) އެވެ. އާއްމުކޮށް އިންޓެލް އައި ޕްރޮސެސާރ އެއްނަމަ ވަރަށް އަވަސްވާނެއެވެ. ލެޕްޓޮގައި އިންޓެލް އައި ޕްރޮސެސާރ އާއްމުކޮށް 2.3 ގިގަ ހާރޓްޒް އައްވުރެ އަވަސްވާނެއެވެ. ސުޕެސިފިކޭޝަންގައި މިތަން ލިޔެފައިވާނީ Intel™i7 processor (2.5 GHz) މިގޮތަށެވެ. ގިގަހާރޑުސް މަތިވިވަރަކަށް އަވަސްވާނެއެވެ.
އިންޓެލްގައި މިހާރު އެންމެ ރަނގަޅު އަދި އެންމެ އަވަސް ޕްރޮސެސާރ ތަކަކީ، dual core, i3, i5, i7 ފަދަ ޕްރޮސެސާރ ތަކެވެ.އޭމްޑީނަމަ އެތްލޯންގެ ޕްރޮސެސާރ ތަކާއި، ޓިޔުރޯންގެ ޕްރޮސެސާރގެ ލެޕްޓޮޕެއްގެ ސްޕީޑް ރަނގަޅުވާނެއެވެ.
ރޭމް
ރޭމް ނުވަތަ ރެންޑަމް އެކްސަސް މެމޮރީ އަކީ، ލެޕްޓްގެ ހިތް ކަމުގައިވެސް ބުނެވިދާނެއެވެ. ސަބަބަކީ، ވަގުތީގޮތުން މީހަކު ކުރަމުންދާ މަސައްކަތެއް ރައްކާކޮށްފައިވާނީ ލެޕްޓޮޕްގެ މިމޮރީގައެވެ. ރޭމް މަތިވިވަރަކަށް އެއްފަހަރާ ކުރެވޭ މަސައްކަތްތައް ގިނަވެފައި އަވަސްވާނެއެވެ. މިސާލަކަށް، އެއްޗެއް ކޮޕީކުރަމުން އެހެން މަސައްކަތެއްވެސް ކުރެވިދާނެއެވެ. ރޭމްގެ ޑީޑީއާރު 1 ، ޑީޑީއާރު 2 އަދި ޑީޑީއާރު 3 ގެ ރޭމް ހުރެއެވެ. މިގޮތުން މިހާރު އެންމެ ރަނގަޅުވާނީ ޑީޑީއާރު 3 ގެ މެމޮރީއެކެވެ. އެގޮތުން ޑީޑީއާރު 3 ކަމުގައިވާނަމަ 1 ޖީބީ ނުވަތަ 2 ޖީބީ ފުދޭނެއެވެ. ބޭނުންނަމަ އެއައްވުރެ މަތީ ރެމް އެއްގެ ލެޕްޓްޕެއްވެސް ހޯދިދާނެއެވެ.
ގުރެފިކުސް
3ޑީ ގުރެފިކުސްއެއް ހިމެނޭލެޕްޓޮޕެއްނަމަ ގުރެފިކްސް ރީތިވާނެއެވެ. އާއްމުގޮތެއްގައި ލެޕްޓޮޕްތަކުގައި ގުރެފިކުސް ޝެއާރ ކުރާނެއެވެ. ނުވަތަ ރޭމް އާ ޙިއްސާ ކުރާނެއެވެ. އެގޮތުން ލެޕްޓޮޕްގެ ގުރެފިކުސް 256 އަށްވުރެ މަތިނަމަ ގޭމްތައް ކުޅުމުގައިވެސް އެއްވެސްކަހަލަ ދައްޗެއް ނޯންނާނެއެވެ.
އިންޓާރނަލް ހާރޑު ( ނުވަތަ އެޗްޑީޑީ)
ލެޕްޓްޕެއް ގަންނަ އިރު އޭގެ އެތެރޭގެ މެމޮރީއަކީ ވަރަށްމުޙިއްމު އެއްޗެކެވެ. އެންމެ ފުރަތަމަ، ލެޕްޓޮޕެއް ގަންނަ އިރު ވިސްނާލެވޭ އެއްކަމަކަށް މިކަންތައް ވެއެވެ. ލެޕްޓޮޕެއް ގަންނަންގޮސް (އިނގިރޭސި ބަހުން) GB HDD މިގޮތަށް ލިޔެފައިވާ ސުޕެސިފިކޭޝަނަށް ބަލާށެވެ. އެއީ އިންޓާރނަލް މެމޮރީއެވެ. އާއްމެގޮތެއްގައި 320 ގިގަބައިޓުން މަތިވެއްޖެނަމަ ލެޕްޓޮޕް މެމޮރީ އޯކޭ ކަމުގައި ބުނެވިދާނެއެވެ. އެއީ އާއްމުކޮށް މިދުވަސްވަރު ޕާރސަނަލް އިންފޯރމޭޝަންތައް އުފުލާނޭ އެކްސްޓާރނަލް ހާރޑް ކޮންމެ މީހަކަށްވެސް މުޙިއްމު ވީމައެވެ.
މިދެންނެވި މަޢުލޫމާތު ތަކަކީ، ލެޕްޓޮޕެއް ގަންނައިރު އެންމެ ކުޑަމިނުން އެތަނުންތަނުން ބަލަންޖެހޭ މަޢުލޫމާތު ތަކެވެ. މިއަށްވުރެ ފުރިހަމައަށްވެސް ލެޕްޓޮޕެއް ގަންނައިރު ބެލޭ ކަންތައްތައް ހުންނާނެއެވެ. މިސާލަކަށް ޔޫއެސްބީ (ޔުނިވާރސަލް ސީރިއަލް ބަސް) ގެ އަދަދާއި، ސައުންޑްގެ ފުރިހަމަކަމާއި، ޗިޕްސެޓާއި އަދިވެސް މިފަދަ ކަންތައްތަކަށް ބެލިދާނެއެވެ. އާއްމުކޮށް ދިވެހިރާއްޖެއިން، މަތީގައި ބަޔާންކުރިވަރުގެ ލެޕްޓޮޕެއް 9000 ރުފިޔާއިން ފެށިގެން ލިބެން ހުރެއެވެ.