ތެލުގެ ވިޔަފާރިއަށް ދިހަހާސް އަކަފޫޓްގެ ބިމެއް އެސްޓީއޯ އަށް

މުޙައްމަދު އަކުރަމް

މާލެއާއި އެއް އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމަށް އިހަވަންދޫ ބަނދަރު ސަރަހައްދުން 10000 (ދިހަހާސް) އަކަފޫޓްގެ ބިމެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އަށް ދޫކޮށްފިއެވެ. އެބިން އެކުންފުންޏަށް ދޫކުރަން އިހަވަންދޫ ކައުންސިލުން ފާސްކޮށްފައިވަނީ، އެކުންފުނީގެ އެދިލެއްވުމަށެވެ.

މި ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، ބިން ދޫކުރާނެ މުއްދަތާއި، އަދި ކުއްޔަކާއިމެދު މަޝްވަރާ ކުރާނީ އެގްރީމަންޓް ތައްޔާރުކުރުމުގެ މަރުހަލާގައި ކަމަށާއި އަދި ކަނޑައަޅާފައިވަނީ  އެސްޓީއޯއަށް އެކަމަށް ދޫކުރާނެ ބިން ކަމަށެވެ. އެސްޓިއޯ އަށް ދޫކުރުމަށް ކަނޑައެޅި ބިން އޮންނަނީ، އައު އައިސްޕްލާންޓް އެޅުމަށް ދޫކުރި 3000 އަކަފޫޓް ބިމުގެ ދެކުނުންނެވެ.

އިހަވަންދޫގައި ދެ ފަރާތަކުން ތެލުގެ ވިޔަފާރި ކުރެއެވެ. ތެލުގެ ވިޔަފާރިކުރާ ތަންތަން މިވަގުތުހުރީ ލޭންޑް ޔޫސް ޕްލޭންގައި އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ނުވުމާއި އެކު އެތަންތަން ރިލޮކޭޓްކުރުމަކީ ކައުންސިލްގެ ވިސްނުމެކެވެ. އެގޮތުން ލޭންޑް ޔޫސްޕްލޭނާއި އެއްގޮތަށް މިހާރުވަނީ އެއްބިން ތެލުގެ ވިޔަފާރިޔަށް ދޫކޮށްފައެވެ. 5372 އަކަފޫޓްގެ އެބިން ނަގާފައިވަނީ މިހާރުވެސް އިހަވަންދޫގައި ތެލުގެ ވިޔަފާރިކުރަމުންދާ ޕަވަރ ޒޯނުންނެވެ. އެބިން ޕަވަރ ޒޯނަށް ދޫކޮށްފައިވަނީ މަހަކު 11012.6ރ އަށް 20 އަހަރުގެ މުއްދަތަކަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި  އިހަވަންދޫ ހިމެނެއެވެ. މިސެޓްއަޕް ރާއްޖޭގެ ކޮންމެ އަތޮޅަކުން ރަށެއްގައި ޤާއިމުކުރާނެއެވެ. މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމުކުރުމަށް އަމާޒުކޮށްގެން ހިންގަ މިމަޝްރޫޢު، ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިމަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ކަނޑައަޅާފައިވެއެވެ. އިހަވަންދޫގާއި ފިއުލް ސްޓޯރޭޖް ފެސިލިޓީ ސެޓަޕް ގާއިމްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.  އިހަވަންދޫއިން ތެޔޮ ލިބޭނެ މަގެއް ހަމަޖެއްސުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.