ވީރާނާވެ ހަލާކުވެފައިވާ އިހަވަންދޫ ކުޑަކުދިންގެ ޕާކް، ބޮޑު މަރާތަކަށްފަހު އަލުން ހުޅުވައިފިއެވެ. ކުޑަކުދިންގެ ޕާކް އަލުން ހުޅުވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމްއެވެ.
ރޭގެ ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، ޕާކް ތަރައްޤީ ކޮށްފައިވަނީ ކައުންސިލުން ގެންގުޅޭ ބަނދަރުސަރަހައްދު ޒަމާނީކުރުމުގެ ޕްލޭންގެ ދަށުން އެސަރަހައްދަކީ ހިތްފަސޭހަ ރީތި ހިންހަމަޖެހޭ ތަނަކަށް ހެދުމުގެ ޕްލޭންގެ ދަށުން ކަމުގައެވެ. ޕާކްތަރައްޤީ ކުރުމަށް ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ހަރަދުވިކަން ފާހަގަކުރައްވައި، ސޮބާހް ވިދާޅުވީ މިދައުރުގެ ކައުންސިލުން އެންމެ ބޮޑަށް އިސްކަންދެއްވީ ޕާކް ބެލެހެއްޓޭނެ ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސުމަށް ކަމުގައެވެ. ޕާކްގައި ކައުންސިލުން ތަރައްޤީ ކޮށްފައިވާ ކެފޭ ކުއްޔަށް ދީފައިވާކަން ފާހަގަކުރައްވައި ސޮބާހް ވިދާޅުވީ، އެކެފޭއިން ކައުންސިލަށްވެސް އާމްދަނީއެއް ލިބޭއިރު، ޕާކް ބެލެހެއްޓިގެންދާނީ އެކެފޭ ހިންގާ ފަރާތުން ކަމުގައެވެ.
ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު، އިހަވަންދޫއަކީ ކުށްމަދު އަމާން ރަށެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެކަން އެގޮތުގައި ދެމެހެއްޓުމަށް ހުރިހާ ރަތްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.
ޕާކް އަލު ހުޅުވިއިރު، އައު ޕާކް ސެޓެއް އިންސްޓޯލްކޮށް، މިނީ ފުޓްސަލް ދަނޑެއްވެސްވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން ޕާކްގައިވާ މަސްފެންގަނޑު މަރާމާތުކޮށް، ވޯކްވޭ ހަދައި ބަގީޗާގަސް އިންދައި ތަފާތުވައްތަރުގެ ކުޅޭ ތަކެތިވަނީ ބަހައްޓާފައެވެ. އިހަވަންދޫ ކުޑަކުދިންގެ ޕާކް ފުރަތަމަ ހުޅުވީ 2009 ވަނަ އަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއި ގުޅުވައިގެންނެވެ.