އިހަވަންދޫ ކައުންސިލުން ތަރައްޤީކުރި އައު ފުޓްސަލް ދަނޑާއި ވޮލީ ކޯޓް މާދަމާ ހުޅުވާނެކަމަށް، އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަބާޙް ވިދާޅުވެއްޖެއެވެ. ސޮބާޙް ވިދާޅުވީ ފުޓްސަލް ދަނޑާއި ވޮލީ ކޯޓް ހުޅުވައި ދެއްވާނީ، މާދަމާ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިހަވަންދޫއަށް ކުރައްވާ ރަސްމީ ދަތުރުފޫޅުގައި އެމަނިކުފާނެވެ.
ފުޓްސަލް ދަނޑާއި ވޮލީ ކޯޓްގެ މަސައްކަތަކީ މިހާތަނަށް، އިހަވަންދޫގެ ކުޅިވަރު ވަސީލަތްތައް ޒަމާނީކުރުމަށް އިހަވަންދޫ ކައުންސިލުން ކުރިޔަށްގެންދިޔަ އެންމެ އަގުބޮޑު ދެ މަޝްރޫޢުކަން ފާހަގަކުރެވެއެވެ. ފުޓްސަލް ދަނޑު ތަރައްޤީ ކޮށްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެން 1.273 މިލިއަން ރުފިޔާގެ އަގަކަށެވެ. އަދި އިހަވަންދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ އައުޓް ޑޯރް ވޮލީ ކޯޓްގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ 1.1 މިލިއަން ރުފިޔާގެ އަގަކަށް ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
ފުޓްސަލް ދަނޑު މާދަމާ ހަވީރު 16:50 ގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު ވޮލީ ކޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ 17:00 ގައެވެ.