ކައުންސިލް މުވައްޒަފުން، 1 ގަޑީރުތެރޭ އިހަވަންދޫ ހުރިހާ ގޭބިސީއަކަށް މަސްދަޅު ބަހާ ނިންމާލައިފި

މުޙައްމަދު އަކުރަމް

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް، އިހަވަންދޫގެ ހުރިހާ ގޭބިސީއަކަށް ބަހާ ނިންމާލައިފިއެވެ. އިހަވަންދޫގެ ގެތަކަށް މަސްދަޅު ބަހާފައިވަނީ މިއަދު ހަވީރު 16:15 އިން ފެށިގެންނެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، ކައުންސިލަރުންނާއި ކައުންސިލްގެ މުވައްޒަފުން ނުކުމެ މިއަދު ވަނީ 1 ގަޑީއިރުގެ ތެރޭގައި އިހަވަންދޫގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ބަހައި ނިންމާލާފައެވެ. އެގޮތުން 453 ގޭބިސީއަކަށް މަސްދަޅު ހަވާލު ކޮށްފައިވާނެކަމަށް ސޮބާޙް މައުލޫމާތު ދެއްވިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް، ގޭގައި ތިއްބައި އެއްވެސް ތަކްލީފެއްނެތި އިހަވަންދޫގެ ރައްޔިތުންނަށް ލިބިގެން ދިޔަނަމަވެސް މާލެ ސަރަހައްދުގައި މަސްދަޅު ބެހުމުގެ އިންތިޒާމް ކުރިގޮތުން ކިއުދިގުވެ އާމުންނަށް ތަކްލީފް އުފުލަންޖެހުމުން މިހާރުވަނީ، ލުއި ފަސޭހަ ގޮތަކަށް މަސްދަޅު ކޭސް ރައްޔިތުންނަށް ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެކަމަށް ޚާއްސަ ޕޯޓަލްއެއް ތައާރަފް ކޮށްފައެވެ.

ދިވެހި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭސް ދެއްވާނެކަން ރައީސް އިއުލާންކުރެއްވީ، ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.