އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ!

މުޙައްމަދު އަކުރަމް

އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ. މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި، ހެލްތް މިނިސްޓްރީއިން ބުނީ އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ދެވަނަ ހަފްތާ ތެރޭގައި ފަށޭނެކަމަށް ލަފާކުރެވޭކަމުގައެވެ.

އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ހެލްތް މިނިސްޓްރީއިން މިނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އާރު.ޑީ.ސީ އާ ހަވާލުކޮށްފައިވަނީ 99،600،697.90 ރުފިޔާއަށް 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް ވަކި ހިސާބަކުން އެމަސައްކަތްވަނީ ހުއްޓިފައެވެ. އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު، 123.3 މިލިއަން ރުފިޔާގެ އަގުގައެވެ. މިނިސްޓްރީ އޮފް ހެލްތުން ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިން އެ ކުންފުންޏާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ޑުޕްލެކްސްއިން ފެށީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ.

ނަމަވެސް، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން އިހަވަންދޫގައި ކުރަމުންދިޔަ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި އެ މަސައްކަތަށް ގެނެސްފައިވާ ތަކެތި ވިއްކާލުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނާއި މެޝިނަރީ ވަނީ އެހެން މަސައްކަތު ސައިޓަކަށް ބަދަލުކޮށްފައެވެ. މީގެއިތުރުން، ހޮސްޕިޓަލުގެ މަސައްކަތަށް ކޮނެފައިވާ ސަރަހައްދުތަކަށް ބަޔަކު ވަނީ ފަސްއަޅައި ފޮރުވާލާފައެވެ.

އާރު.ޑީ.ސީ އިން މިހާރުވަނީ، އިހަވަންދޫގައި ހޮސްޕިޓަލް އެޅުމަށް ހާއްސަކޮށްފައިވާ ބިމުގައި ވަށައިގެން ބައުންޑަރީ ޖަހައި ބަންދުކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

"ހެލްތް މިނިސްޓްރީއިން ބުނީ އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ދެވަނަ ހަފްތާ ތެރޭގައި ފަށޭނެކަމަށް ލަފާކުރެވޭކަމުގައެވެ." މީ ލަފާކުރާ ދުވަހެއް.... އަނަމަސް ނިމޭހިސާބުގަވެސް އަހާލަބަލަ އަނެއްކާވެސް ލަފާކުރާދުވަހެއް ދޭނެ!