ބޮޑު ސަމާލުކަމެއް ލިބުނު އިހަވަންދޫ ރަސްމީ ފާލަން އެޅުމަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ ޑްރޯވިންގ އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން ދޭ ކޮންސެޕްޓާއި އެއްގޮތަށް އިހަވަންދޫ ދެކުނުފަރާތު ބަނދަރުގައި ރަސްމީ ފާލަމެއް އެޅުމަށް ބޭނުންވާ އާކިޓެކްޗަރަލް އަދި އިންޖިނިއަރިންގ ޑްރޯވިންގ އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން  އިއުލާން ކޮށްފިއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ 14:00 ކުރިން ބީލަމުގައި ރަޖިސްޓަރީކޮށް، 14 އޮކްޓޯބަރ ވާ އަންގާރަ ފުވަހުގެ 13:00 އަށް ބީލަން ހުށަހަޅަންޖެހެއެވެ.

މި ފާލަމަކީ އިހަވަންދޫ ކައުންސިލުން ކުރިން ހުށަހަޅާފައިވާ ކޮންސެޕްޓާ އެއްގޮތަށް ފަރުމާކުރެވޭ ފާލަމެކެވެ. ކުރިން ކައުންސިލުން ހާމަކޮށްފައިވާ ތްރީޑީ އެނިމޭޝަން ވީޑިއޯއިން ދައްކާގޮތުގައި، މި ފާލަން ފަރުމާކޮށްފައިވަނީ ދޯންޏެއްގެ ސިފައިގައެވެ. މި ފާލަމުގައި ފުރަން އަންނަ ފަސިންޖަރުންނަށް މަޑުކޮށްލެވޭނެ ވެއިޓިންގ ރޫމެއް ހިމެނޭއިރު، މަތީގައި ހުންނަނީ ކޮފީ ސޮޕެކެވެ. އެތަން ފަރުމާ ކޮށްފައިވަނީ  އެތަނުގައި ތިބޭއިރު ބަނދަރުގެ ހިތްގައިމުކަމާއި ރަށުގެ ނަލަކަން ފެންނަހެނެވެ.

އިހަވަންދޫ ރަސްމީ ފާލަމުގެ ކުރެހުން ދައްކާލާ ރަށު ރައްޔިތުންގެ ހިޔާލު ހޯދަން މިމަހުގެ ދެވަނަ ދުވަހު ކައުންސިލުން ހުޅުވާލައިލުމުން ގިނަބައެއްގެ ސަބާލުކަން އެފާލަމަށްލިބި، ރާއްޖޭގެ ބޮޑެތި މީޑިއާ ތަކުން އެހަބަރު ރިޕޯޓްކުރިއެވެ. އޭރު ކައުންސިލުން ވަނީ ރަސްމީ ފާލަމުގެ ކުރެހުން ހިމެނޭ ތްރީޑީ އެނިމޭޝަން ވީޑިއޯކޮޅެއް އާއްމުކޮށްފައެވެ.

އިހަވަންދޫއަކީ މަސްވެރިކަމުގައި މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ މަސްވެރިކަމުގެ ސިނާއަތަށް ހީނަރުކަން އަންނަމުން ދިޔަނަމަވެސް އިހަވަންދޫގައި މިހާރުވެސް އަންނަނީ  ގިނަ  މަސް ދޯނިތަކެއް ދުއްވަމުންނެވެ. އަދި ފައިބަގްލާސް މަސްދޯނި ބަނުމަކީ ވެސް އިހަވަންދޫގައި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މަސައްކަތެކެވެ.