އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓް ސްކޯޕްގައި ހިމެނޭ މަސައްކަތްތައް މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ނިމިފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީއިން މިހެން ބުނީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
365 ދުވަހުން ނިންމާގޮތަށް، 123,960,847.77 ރުފިޔާގެ އަގަކަށް އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ، 10 ނޮވެމްބަރ 2020 ގައެވެ. އިހަވަންދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 04 އޯގަސްޓް 2021 ގައެވެ. އަދި އެމްޓީސީސީގެ ޓްރެއިލިންގް ސަކްޝަން ހޮޕަރ ޑްރެޖަރ މަހާޖައްރާފު ބޭނުންކޮށްގެން ވެލިއަޅަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 12 ވަނަދުވަހުއެވެ. މިމަޝްރޫޢޫގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާފައިވާކަމަށް އެމްޓީސީސީއިން ބުނިނަމަވެސް، ހިއްކާފައިވާ ސަރަހައްދުގެ ފަސްގަނޑު ބައެއް ސަރަހައްދުތަކުގައި ލެވެލް ނޫންކަން ފާހަގަކުރެވެއެވެ. 14 ނޮވެމްބަރ 2023 ގައި ބޭއްވި ރައްޔިތު ބައްދަލުވުމުގައި ކައުންސިލުންވެސް މިކަން ފާހަގަކޮށް 25 ހެކްޓަރުގެ ގޮތުގައި ހިއްކާފައިވާ ބިމުން 3 ވަރަކަށް ހެކްޓަރު ގިރާލާފައިވާކަމަށް ފާހަގަކުރިއެވެ. ރިވެޓްމެންޓް ޖެހުމާއި ރިވެޓްމެންޓް ޖެހުމަށް ވެލި ނެގުމުގެ ސަބަބުން ހެދިފައިވާ ވަޅުގަނޑުތައް ފޮރުވުން ފިޔަވާ އިތުރުކަމެއް އޭގެ ފަހުން އެމްޓީސީއިން ނުކުރެއެވެ. މިކަމުގައި ކައުންސިލްގެ މިހާރުގެ ސްޓޭންޑް ބެލުމަށް މިނޫހުން ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ.
ރިވެޓްމެންޓް ޖެހުމަށް ވެލި ނެގުމުގެ ސަބަބުން ހެދިފައިވާ ވަޅުގަނޑުތަކުގައި މަދިރި ފަނި އަޅައި އެވަޅުގަނޑުތަކުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، އެވަޅުގަނޑުތައް ފޮރުވައިލީ އިހަވަންދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ ބަނދަރު ހެދުމަށް ކަމަށްބުނެ ، ކަޓަރ ސެކްޝަން ޑްރެޖަރ ބޭނުންކޮށްގެން ފަޅު ފުންކުރަން ނެގި ވެލި އަޅައިގެންނެވެ.
ފަޅުން ބޮޑު ސަރަހައްދެއް ފުންކޮށް އަދިވެސް ކީވޯލް ޖަހާފައިނުވާތީ، ދިމާވަމުންދާ ތިމާވެށީގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އިހަވަންދޫ ކައުންސިލުންވެސް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.