ޕިންކު ކުލާގެ ފޮތިތަކެއްގެ ސަބަބުން، އިހަވަންދޫގެ ކައުންސިލަރުންނަށް ޤައުމީ ބޮޑު މަސައްކަތް ހަނދާން ނެތިއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު އިސްމާޢިލް ވިދާޅު ވެއްޖެ އެވެ.
އެބޭފުޅާ މިހެން ވިދާޅުވެފައި ވަނީ ރޭ ހއ. އިހަވަންދޫގައި ބޭއްވި 37 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މުޙައްމަދު އިސްމާއިލް ވިދާޅުވީ ކަންދިމާކުރި ގޮތުން މިއަދު އިހަވަންދޫގެ ކައުންސިލަކީ ޑެމޮކުރަސީގެ ތެރެއިން އިއްތިފާގުން އެމްޑީޕީގެ ކައުންސިލެއް ކަމަށާއި ނަމަވެސް މި މަސްވެރިންގެ ދުވަހުގެ ކަންތައްތަކުގަ، ވަރަށް ފަހަކާ ޖެހެންދެންވެސް މަސައްކަތް ކުރައްވާފަ، އިއްޒަތްތެރިން އިހަވަންދޫއަށް ވަޑައިގެންނެވިއިރުގަ ދަމާލެވުނު “ޕިންކު ކުލ ކުލާގެ ފޮތިތަކެއްގެ ސަބަބުން މިއޮއް ޤައުމީ ބޮޑު މަސައްކަތް، ރައްޔިތުންނަށްޓަކާ މިލެބެމުންދާ ކުރިއެރުމާ ތަރައްޤީއާ ރައްޔިތުންނަށް މި ލިބެމުންދާ ފުދުންތެރިކަން އިތުރުވުމުން، މިކަހަލަ ކަމެއް ރަށުގަ ބޭއްވެމުން ދިޔާމަ އެކަންކަން އިތުރުވެގެންދާ މިންވަރު އެބޭފުޅުންނަށް އެ ރީނދޫ ފޮތިތަކުގެ ސަބަބުން” ހަނދާން ނެތިގެން ހިނގައްޖެ ކަމަށެވެ.
މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ، ކައުންސިލުން ކުރީ ކޮޅުގަ ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާފަ، އެންމެ ފަހުވަގުތު އެބޭފުޅުން އަޅުގަނޑުމެން ދޫކޮށް، އެބޭފުޅުންގެ ޑެމޮކުރަސީގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ. މިއީ ގަބޫލު ކުރާ ޑެކުރަސީއެއް ނޫން ކަމަށާއި، ޑެމޮކުރަސީ އަކީ އެންމެން ހަމަހަމަކަމެއްގެ ތެރޭގަ މެޖޯރިޓީއަށް ތަބާވެގެން ކުރިއަށް ގެންދަން ޖެހޭ ކަމެއްކަމަށް ވިދާޅުވެ މެމްބަރު ވަނީ ކައުންސިލަރުންނަށް ފާޑުވިދާޅުވެފައެވެ.
“މިކަމަކީ ޤައުމީ ބޮޑު މަސައްކަތަކަށް ވީހިނދު މިކަމުގަ ފިކުރު ތަފާތުކޮށް، މިތަނުގަ ވައްތަރެއްގަ ކުލައެއް، ޕީޕީއެމްގެ ޕިންކު ކުލަ ހުރީތީވެ އެކަމާ ހިތްހަމަ ނުޖެހިގެން އަޅުގަނޑުމެންގެ މިތާގަ ތިއްބެވި ރައްޔިތުންގެ މަސައްކަތް ކުރަން ރައްޔިތުން ހޮއްވަވާފައިތިބި ފަސް މަންދޫބުން މިތަން ދޫކޮށްލާފަ ގެއަށް ދިއުމަކީ، އެއީ ވަރަށް ނާތަހުޒީބީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް” ކަމަށް މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.