ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި

ޒިޔާޢު އަހްމަދު

ހއ. ހޯރަފުށީގެ މަގުތައް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިދިޔަ މާރިޗް މަހުގެ 22 ވަނަ ދުވަހުއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ މުހައްމަދު ޝާމިލްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހަސަން ނައުފަލް ނާސިރުއެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ މޫސާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 44,114,274.40 (ސާޅީސް ހަތަރު މިލިއަން، އެއްލައްކަ ސާދަ ހާސް، ދުވިސައްތަ ހަތްދިހަ ހަތަރު ރުފިޔާ، ސާޅީސް ލާރި) އަށެވެ. މި މަޝްރޫޢު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.

ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީންނެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހޯރަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢު ނިމުމުން ހޯރަފުށީގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި، ފެންހިންދާ ނިޒާމު ޤާއިމުކުރެވި، ރަށުގެ މަލަމަތި އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.