ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިޔަށްގެންދިޔަ އިންޓަރސްކޫލް ވޮލީ މުބާރާތުގައި، ބައިވެރިވި އިހަވަންދޫ ސްކޫލްގެ ވޮލީ ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ. އިހަވަންދޫ ސްކޫލްގެ ވޮލީޓީމް މިއަދު ހެނދުނު 8:00 ގައި އިހަވަންދޫއަށް އައުމުން، ސްކޫލްގެ އެތައް ސަތޭކަ ދަރިވަރުންނާއި، މުދައްރިސުން އަދި އާނމުން، ބަނދަރު ސަރަހައްދަށްނުކެމެ ދަރިވަރުންނަށް މަރުހަބާކިޔައިފައެވެ.
މިމުބާރާތުގައި އިހަވަންދޫ ސްކޫލުން ބައިވެރިވެފައިވަނީ ދެ ޓީމެކެވެ. އެއީ 19 އަހަރުން ދަށުގެ އަންހެން ޓީމަކާއި 19 އަހަރުން ދަށުގެ ފިރިހެން ޓީމެކެވެ. އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ އަންހެން ޓީމްވަނީ އެއުމުރުފުރައިގެ 3 ވަނަ ހޯދައިފައެވެ. އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމްވަނީ ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ކަމާއި، އަތޮޅު ކެޓަގަރީގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ.
މިއީ މިމުބާރާތުގައި އިހަވަންދޫ ސްކޫލް ބައިވެރިވި ފުރަތަމަ ފަހަރެވެ. އިހަވަންދޫގައި ވޮލީ ކުޅުމަށް ފުރިހަމަ ވަސީލަތައް ނެތްނަމަވެސް، އިހަވަންދޫ ސްކޫލުން މިމުބާރާތުގައި ވާދަކުރި ދެ ޓީމްވެސްވަނީ ރަނގަޅު މޮޅު ކުޅުމެއް ދައްކައިފައެވެ. ވަރަށް ފޯރިގަދަ ވޮލީ މުބާރާތްތަކެއް ކުރިން ، އިހަވަންދޫ ސްކޫލްގެ ހައުސްތަކުގެ މެދުގައި ބޭއްވިނަމަވެސް، ސްކޫލް ފެންވަރުގައި ވޮލީ މުބާރާތެއް ނުބާއްވާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ.
އިހަވަންދޫގެ ވޮލީ ކުޅުންތެރިންނަށް ލިބިގެންދިޔަ އެންމެ ބޮޑު އުފަލަކީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު، އިމަގު ޖަމިއްޔާއިން އިހަވަންދޫގައި ޒަމާނީ ވޮލީ ކޯޓެއް ތަރައްޤީކޮށް ހުޅުވުމެވެ. އިހަވަންދޫ ކައުންސިލުން ތަރައްޤީކުރަމުންދާ ވޮލީ ކޯޓްވެސް މިހިނގާ ޑިސެމްބަރު މަސްތެރޭ ހުޅުވާނެކަމަށް މައުލޫމާތު ލިބެއެވެ. ވޮލީކުޅުމަށް ފުރިހަމަ ވަސީލަތްތަކެއްނެތް، އަދި ވާދަވެރި މުބާރާތްތަކެއްގައި ކުޅުމުގެ ފުރުސަތު ނުލިބި، ކުރު މުއްދަތެއްގެ ފަރިތަކުރުން ތަކަށްފަހު އިންޓަރސްކޫލް ވޮލީ މުބާރާތުގައި ބައިވެރިވެ އިހަވަންދޫ ސްކޫލްގެ ދަރިވަރުން ހޯދީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެކެވެ.
މިމުބާރާތަށް ދަރިވަރުން ފޮނުވުމަށް އިހަވަންދޫ ސްކޫލުންވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސްކޫލްގެ ޕީޓީއޭއިން ފަންޑްރައިސިންގް ހަރަކާތްތަކެއް ކުރިޔަށް ގެންދިއިރު، އިހަވަންދޫ ކައުންސިލުން އަދި އަންހެނުންގެ ކޮމިޓީއިންވެސް ވަނީ ފައިސާގެ އެހީތެރިކަން ދީފައެވެ. މީގެއިތުރުން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ނަސީރު، އަދި އެކިއެކި ފަރާތްތަކުންވަނީ ޓީމަށް ހިތްވަރު ދިނުމަށް އެކިއެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމުގެ އިތުރުން ފައިސާގެ އެހީތެރިކަންވެސް ދީފައެވެ. ފައިނަލް މެޗްގައި އިހަވަންދޫ ޓީމުގެ ސަޕޯޓަރުން ޓީމަށް ދިން ސަޕޯޓަކީވެސް ޓީމަށް ލިބިގެންދިޔަ ބޮޑު ހިއްވަރެއްކަން ޔަޤީނެވެ.