ނޫރު މަދަހަ މުބާރާތުގެ ދެވަނަ ސީޒަން އަންނަމަހު 5 ގައި ފަށަނީ!

މުޙައްމަދު އަކުރަމް

މޮޅަދޫ ކައުންސިލުން އިސްނަގައިގެން މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ، ނޫރު މަދަހަ މުބާރާތުގެ ދެވަނަ ސީޒަން އަންނަ މާރިޗް މަހުގެ 5 ވަނަ ދުވަހު ފަށާނެކަމަށް މޮޅަދޫ ކައުންސިލުން ހާމަކޮށްފިއެވެ.

އެއްވަނަ ބައިވެރިޔާއަށް 5000ރ، ދެވަނަ ބައިވެރިޔާއަށް 2500ރ އަދި 3 ވަނަ ބައިވެރިޔާއަށް 1500ރ ގެ ފައިސާގެ އިނާމެއް ހުށަހަޅައިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 25 ވަނަ ދުވަހެވެ. މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 އުމުރުފުރަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ރައުންޑްގައި، ކޮންމެ އުމުރުފުރަޔަކުންވެސް އެންމެ މަތިން މާކުސް ލިބުނު 3 ބައިވެރިން އިއުލާން ކުރާނެއެވެ. މިބާރާތުގެ 1 ވަނަ ދެވަނަ އަދި 3 ވަނަ ކަނޑައަޅާނީ، ކޮންމެ އުމުރުފުރަޔަކުންވެސް އެންމެ މޮޅު 3 ބައިވެރިން ފައިނަލް ބުރުގައި ވާދަކޮށް އެންމެ މަތިން މާކުސް ހޯދާ 3 ބައިވެރިންގެ ތެރެއިންނެވެ.

ނޫރު މަދަހަ މުބާރާތުގެ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ މިދިޔަ ރަމަޟާން މަހުއެވެ. ފުރިހަމަ އިންތިޒާމް ތަކަކާއިއެކު އަދި މޮޅަދޫގެ ރައްޔިތުންގެ ބޮޑު ތަރުހީބަކާއިއެކު ކުރިޔަށްދިޔަ އެމުބާރާތުން އެއްވަނަ ހޯދީ މޮޅަދޫ ބަގީޗާގެ ހަސަން ޝިޔާމްއެވެ.

މޮޅަދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ވަރަށް މަޝްހޫރު ފަރާތެއް ބައިވެރިވާނެއެވެ. ނޫރު މަދަހަ މުބާރާތުގެ ފުރަތަމަ ސީޒަންގައި އެކި އުމުރުފުރާތަކުން ޖުމުލަ 63 ބައިވެރިން މަދަހަ ހުށަހަޅާދީފައިވެއެވެ.