ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ އަކީ ޝަހާމާ!

.

ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރާއްޖޭގެ އެންމެ މަޤްބޫލު އެއް ރިއަލިޓީ ޝޯ “ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7” ގެ ފަޚުރުވެރި އެއްވަނަ ހއ. އިހަވަންދޫ، ބުލްބުލާގެ، މަރްޔަމް ޝަހާމާ ހާސިލްކޮށްފިއެވެ. މިކަން އިއުލާންކުރީ ރޭ ބޭއްވި މި މުބާރާތުގެ ކުލަގަދަ ފިނާލޭގައެވެ.

މި ކާމިޔާބީއާއެކު ޝަހާމާއަށް ވަނީ ވަރަށް އަގުހުރި އިނާމުތަކެއް ލިބިފައެވެ. އެގޮތުން، 50،000 ދިވެހި ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، “ފަރީ ޙައްޖު އުމްރާ” ގްރޫޕުގެ ފަރާތުން ހުށަހަޅާފައިވާ ހިލޭ ޢުމްރާ ދަތުރެއް އޭނާއަށް ވަނީ ލިބިފައެވެ. މި އިނާމުތައް ޝަހާމާއާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް, ހެރިޓޭޖް އެންޑް އާޓްސް (ތަރިކައާއި ސަޤާފަތާ ބެހޭ ވަޒީރު) ހީނާ ވަލީދުއެވެ. މީގެ އިތުރުން، މި މުބާރާތުގެ އެންމެ ޚާއްޞަ އެއް އިނާމެއްގެ ގޮތުން، ދިވެހިރާއްޖޭގެ އަޑުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ރޭޑިއޯ ޕްރެޒެންޓަރެއްގެ ގޮތުގައި ވަޒީފާ އަދާކުރުމުގެ ރަން ފުރުޞަތު ޝަހާމާއަށް ވަނީ ތަނަވަސްވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، ޕީއެސްއެމްގެ މައިގަނޑު އަމާޒަކީ އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި، މުޖުތަމައަށް ފައިދާހުރި ޕްރޮގްރާމްތައް ގެނެސްދިނުން ކަމަށެވެ. އަދި “ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ” މުބާރާތަކީ ކޮންމެ ސީޒަނަކާއެކު ކުރިއަރަމުން، ފެންވަރު ރަނގަޅުވަމުން އަންނަ މުބާރާތެއްކަން ފާހަގަކުރައްވައި، މިއީ ހަމައެކަނި ވާދަވެރިކަމެއް ނޫން ކަމަށާއި، މިއީ ހުނަރުވެރިން ބިނާކުރާ އެކަޑަމީއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މި މުބާރާތުގެ ތެރެއިން ބައިވެރިންނަށް ވާހަކަދެއްކުމާއި، ހުށަހެޅުމާއި، ސްކްރިޕްޓް ލިޔުމުގެ އިތުރުން މީޑިއާގެ އެކި ދާއިރާތަކުން ފަންނީ ތަމްރީނުތައް ދެވިފައިވާކަން އެމްޑީ ޝަކީބު ފާހަގަކުރެއްވިއެވެ.
މި ސީޒަނުގެ ފޯރިގަދަ ކުރިމަތިލުންތަކަށްފަހު، ގަދަ 5 ބައިވެރިންގެ އެންމެ ފަހުގެ ހުށަހެޅުންތައް ދިވެހިރާއްޖޭގެ އަޑުން ބްރޯޑްކާސްޓްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) މެދުވެރިކޮށް ޖޫން 28 ގައި މި ހުށަހެޅުންތައް ސްކްރީންތަކަށް ގެނެސްދީފައިވާއިރު، ބައިވެރިންނަށް ސަޕޯޓަރުން ވޯޓު ދިނުމުގެ ފުރުޞަތު ހުޅުވާލެވުނީ “ޕީއެސްއެމް އެއަރ” އެޕްލިކޭޝަން މެދުވެރިކޮށެވެ.