ހއ. އިހަވަންދޫގައި މިއަދު ނިމިގެން ދިޔަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަނުގެ ފައިނަލް މެޗުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި އެކު ކުޅެ 3 ސެޓު 2 ސެޓުން މެޗް ކާމިޔާބުކޮށްގެން ޕޮލިސްކުލަބު މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މިއަދު ހަވީރު އިހަވަންދޫ ހުރަވީ ދަނޑުގައި ކުރިއަށް ދިޔަ މިމެޗްގައި ފުރަތަމަ ސެޓު ވަރަށް ފަސޭހަކަމާއި އެކު 25-15 އިން ޕޮލިސް ކުލަބު ގެންދިޔަ ނަމަވެސް އިމަގު ޓީމުން އައު ހިތްވަރަކާއި އެކު ދެވަނަ ސެޓަށް އަރައި އެސެޓު ކާމިޔާބު ކުރިއެވެ. އަބަދުވެސް 4 ނުވަތަ 5 ޕޮއިންޓު ކުރީގައި އޮވެގެން ދެވަނަ ސެޓު އިމަގުން ގެންގޮސްފައި ވަނީ 25-14 އިން ނެވެ. ޕޮލިސް ޓީމު ދެވަނަ ސެޓުގައި ކުޅެފައިވަނީ ވަރަށް ޕުރެޝަރުގަކަން ފާހަގަ ކުރެވެއެވެ.
މިހިސާބުން މެޗުގެ ފޯރި ގަދަވެ ސްޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމަން ފެށިއެވެ. ތިންވަނަ ސެޓުގެ ފުރަތަމަ ޕޮއިންޓް ޕޮލިސް ޓީމުން ހޯދާ ސެޓުގެ ކުރި ހޯދި ނަމަވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި އިމަގު މިސެޓުގެ ކުރި ހޯދިއެވެ. މިސެޓު އިމަގުން ގެންގޮސްފައިވަނީ 25-19 އިން ނެވެ.
ހަތަރުވަނަ ސެޓު ފެށި އިމަގު ޓީމު ލީޑުގައި އޮއްވާ ފަހަތުން އަރައި މިސެޓު ޕޮލިސް ޓީމުން ގެންދިޔައީ 25-20 ން ނެވެ. މަޣުރިބި ނަމާދުގެ ބަންގިއަށް ކުޅުން މެދުކަނޑާލުމަށް ފަހު 5 ވަނަ ސެޓު ފެށުމާއި އެކު ޕޮލިސް ޓީމުން ކުރި ހޯދިއެވެ. މިސެޓު 15 -12 އިން ޕޮލިސް ޓީމު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންޓީމުގެ މަޤާމު ދެމެއްޓިއެވެ.
މިމެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުން އޮތެވެ. މިިނަންބަރު ފުރިހަމަ ކޮށްދެއްވީ މުބާރާތުގެ ފައިނަލް މެޗަށް ހާޒިރުވެދެއްވި ޝަރަފުވެރިން ނެވެ. މިއަދުގެ މެޗުގައި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު ބައިވެރިވެލެއްވިއެވެ.
މިމުބާރާތް އިހަވަންދޫގައި ބޭއްވުމުގެ އެންމެހާ އިންތިޒާމްތައް ކޮށްފައިވަނީ އިހަވަންދޫ ކުލަބު ޕޯލްސްޓަރ އިން ނެވެ. ކުލަބު ޕޯލްސްޓަރގެ ނައިބު ރައީސް މުޙައްމަދު ސުޖާޢު ހާމަ ކުރެއްވި ގޮތުގައި ވޮލީ މުބާރާތައް ތައްޔާރުވުމުގައި ދަ ބީޗް ހައުސް އެޓު އިރުވެލި މޯލްޑިވްސް (މަނަފަރު ރިސޯޓު) ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި މިކަމަށްޓަކައި އެރިސޯޓުގެ މެނޭޖުމަންޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން މިމުބާރާތަށް ވެދެއްވި އެއްބާރުލުން ފާހަގަކޮށް އެންމެހާ ރައްޔިތުންނަށްވެސް ކުލަބުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ސުޖާޢު ހާމަކުރެއްވިއެވެ.