ހއ. އިހަވަންދޫގެ މަޝްހޫރު ޓީމެއް ކަމަށްވާ އެންވީކޭގެ ފަރާތުން ހިންގާ “އެންވީކޭ ސްޕޯރޓްސް އެކަޑަމީ” ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. މި އެކަޑަމީ އިފްތިތާހްކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އިހަވަންދޫ ކްލަބް ޕޯލްސްޓަރގެ ހޯލްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވީކޭ ސްޕޯރޓް އެކަޑަމީގެ ޓްރެއިނަރު މުހައްމަދު ފަޒީފް ވިދާޅުވީ، އެ އެކަޑަމީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށެވެ. އެގޮތުން ކުދިންގެ ކިބައިގައި ހުރި އިންޑިވިޖުއަލް ނުވަތަ އަމިއްލަ ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް އިތުރަށް ތަރައްގީކުރެވެން ހުރި ދާއިރާތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ދެއްކެވި ވާހަކަފުޅުގައި، އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، އެކަޑަމީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ހިތްވަރު ދެއްވިއެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ވަނީ އެކަޑަމީއާ އަލަށް ގުޅުނު ދަރިވަރުންނަށް އެކަޑަމީގެ ރަސްމީ ޖާޒީ ހަވާލުކޮށްފައެވެ. އެންވީކޭ އެކަޑަމީގެ ހަރަކާތްތައް ކުރިޔަށްގެންދަނީ 3 އުމުރުފުރަޔަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރަޔެވެ.
އެންވީކޭ ސްޕޯރޓްސް އެކަޑަމީ އިފްތިތާހްކުރުމާއެކު، އިހަވަންދޫގައި މިހާރު ޖުމްލަ ތިން އެކަޑަމީއެއް ހަރަކާތްތެރިވަމުންދާނެއެވެ. އެއީ އިމަގު އެކަޑަމީ، ޖޭ ސްޕޯރޓްސް އެކަޑަމީ އަދި މިއަދު އަލަށް ފެށި އެންވީކޭ ސްޕޯރޓްސް އެކަޑަމީއެވެ.