ބިޒީ ޝެޑިއުލްގައިއުޅޭ މީހުންނަށްވެސް ފިޓްވާ ގޮތަށް ބައްޓަންކޮށްފައިވާ "ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް" އިހަވަންދޫގައި!

މުޙައްމަދު އަކުރަމް

ގައިންގަޔަށް ނާރާ ބަލިތަކާއި، ހާއްސަކޮށް ހަކުރުބަލީގެ ނުރައްކާ ބޮޑު މީހުންނަށް އަމާޒުކޮށްގެން، ދިރިއުޅުމުގެ ވައްޓަފާޅި ދުޅަހެޔޮ ގޮތަކަށް ބަދަލުކޮށްދޭ 1 އަހަރުދުވަހަށް ދެމިގެންދާ “ލައިފް ސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް” އެއް އިހަވަންދޫގައި ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ. މިއީ އާދަމް ކަލޭގެ ހުސައިން ފައުންޑޭޝަނާއި، އެޓޮމެސްފިއަރ ފައުންޑޭޝަން، ޑައިބެޓިސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (DSM) އަދި އިހަވަންދޫގެ މުއައްސަސާތައް ގުޅިގެން ރަށުގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި ހިންގާ ވަރަށް މުހިންމު މަޝްރޫއެކެވެ.

މި ޕްރޮގްރާމަށް ބައިވެރިން ހޮވާނީ ހާއްސަ ސްކްރީނިންގް މަރުހަލާއަކަށް ފަހުއެވެ. މީގެ ކުރިންވެސް ބައެއް ސްކްރީނިންގްތައް ހިންގާފައިވާއިރު، މާދަމާ ހެނދުނު 9:00 އިން 12:00 އަށް އާމިނާދިޔޯ ސިއްހީމަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ  ހާއްސަ ސްކްރީނިންގް ޕްރޮގްރާމެކެވެ. މި ހަރަކާތުގައި ޑައިބެޓިސް އެސޯސިއޭޝަންގެ މާހިރުން އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސްކްރީނިންގްގައި ބަލާނެ ކަންތައްތައް:

  • ލޭގެ ޕްރެޝަރާއި ލޭގައި ހަކުރު ހުރި މިންވަރު ޓެސްޓުކުރުން.

  • އުނަގަނޑުގެ ވަށަމިނާއި، ހަށިގަނޑުގެ ސަރުބީ (Body Fat %) ބެލުން.

  • އިސްކޮޅާއި ބަރުދަން އަޅައިކިޔައި ބީއެމްއައި (BMI) ދެނެގަތުން.

މި ސްކްރީނިންގްގެ ސަބަބުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ހަށިގަނޑުގެ މިހާރުގެ ހާލަތާއި، ހަކުރުބަލި ޖެހުމުގެ ފުރުސަތު އޮތް މިންވަރު ސާފުކޮށް އެނގިގެންދާނެއެވެ.

ސްކްރީން ކުރެވޭ މީހުންގެ ތެރެއިން 120 ބައިވެރިން މި ޕްރޮގްރާމަށް ހޮވޭނެއެވެ. 1 އަހަރުގެ މި ދަތުރުގައި ތަމްރީނުލިބިފައިވާ “ލައިފް ކޯޗުން” ބައިވެރިންނާއެކު ހަރަކާތްތެރިވާނެއެވެ.

  • ކޮންމެ މަހަކު: ބަރުދަން، އުނަގަނޑުގެ ވަށަމިން، ބޮޑީ ފެޓް އަދި ބީއެމްއައި ބަލައި މޮނިޓަރ ކުރާނެއެވެ.

  • ކޮންމެ 3 މަހަކުން: ލޭގެ ޚާއްސަ ޓެސްޓުތައް ހަދައި، ކޮލެސްޓްރޯލް އާއި ހަކުރުގެ މިންވަރަށް އަންނަ ހެޔޮ ބަދަލުތައް ސައިންޓިފިކްކޮށް ދެނެގަންނާނެއެވެ.

މި ޕްރޮގްރާމުން ލިބޭނެ ބޮޑެތި ފައިދާތައް:

މިއީ ހަމައެކަނި ބަރުދަން ލުއިކޮށްލުމަށް ހާއްސަކޮށްފައިވާ ޕްރޮގުރާމެއް ނޫނެވެ. މި ޕްރޮގްރާމުގެ މައިގަނޑު ފައިދާތަކަކީ:

  1. ހަކުރުބަލިން ރައްކާތެރިވުން: ބަލި ޖެހުމުގެ ކުރިން ހަށިގަނޑު ސަލާމަތްކުރުމަށް ލިބޭ ފުރުސަތެއް.

  2.  ހަކަތަ އިތުރުވުން: ކެއުމާއި ކަސްރަތަށް އަންނަ ބަދަލާއެކު، ދުވަހުގެ މަސައްކަތްތަކުގައި ވަރުބަލިވުން ކުޑަވެ، ހީވާގިކަން އިތުރުވުން.

  3. ދިގުމުއްދަތުގެ ބަލިތަކުން ސަލާމަތްވުން: ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ކޮންޓްރޯލްވެ، ހާޓް އެޓޭކް ފަދަ ނުރައްކާތަކުން ދުރުވުން.

  4. ހިލޭ ސާބަހަށް ލިބޭ މާހިރުންގެ އެހީ: ޖިމްތަކަށާއި ޑައެޓީޝަނުންނަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތަކަކާ ނުލައި، ރަށުގައި ތިބެގެން ކޯޗުންގެ އިރުޝާދު ލިބުން.

ދިއްގަރުގައި މިފަދަ ކާމިޔާބު ޕްރޮގްރާމެއް ހިންގިފައި…
މީގެ ކުރިން  މ. ދިއްގަރުގައި ޑައިބެޓިސް ސޮސައިޓީން މިފަދަ ޕްރޮގްރާމެއް ހިންގައި ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެ ރަށުގެ ބައިވެރިންގެ ބަރުދަނާއި، ހަށިގަނޑުގެ ސަރުބީގެ އިތުރުން އުނަގަނޑުގެ ވަށަމިން އެވްރެޖްކޮށް ބޮޑުތަނުން ދަށްކުރެވި، ދުޅަހެޔޮ ދިރިއުޅުމަކަށް ވަނީ މަގުކޮށައިދީފައެވެ.

މި ޕްރޮގްރާމަކީ ވަޒީފާގެ ގޮތުންނާއި އާއިލީ ޒިންމާތަކުގެ ސަބަބުން ދުވަހުގެ ތާވަަލު ބިޒީކޮށް ހޭދަކުރާ ފަރާތްތަކަށްވެސް ފަސޭހައިން ބައިވެރިވެވޭނެ ގޮތަށް، ވަގުތަށް ބަލައިގެން ވަރަށް ފްލެކްސިބަލްކޮށް ބައްޓަންކުރެވިފައިވާ ޕްރޮގްރާމެކެވެ. ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނީ ބައިވެރިންގެ އާންމު ދިރިއުޅުމުގެ ޝެޑިއުލަށް ބުރޫނާރާނެހެން، ލައިފް ކޯޗުންގެ ފުރިހަމަ އިރުޝާދާ އެކުގައެވެ.