ހއ އިހަވަންދޫ އާޒާދީބަހާރުގެއާ އިންވެގެން ހުޅަގަށްއޮތް ހުސްބިމުގައި ޕާކެއް ތަރައްޤީކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވުނު އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 5 ވަނަ އާންމު ޖަލްސާގައެވެ.
އާޒާދީބަހާރުގެއާ އިންވެގެން ހުޅަގަށްއޮތް ހުސްބިމުގައި މިހާރު ހުރީ ނިމިދިޔަ ހަތަރުވަނަ ދައުރުގެ ދުވަސްވަރު ކައުންސިލުން އިންދި ގަސްތަކެވެ. މިކަމާ ގުޅިގެން ސުވާލުކުރުމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަލީ ފަވާޒް ވިދާޅުވީ، ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި އެކަށީގެންވާ ހުސްބިންތައް ރައްޔިތުންނަށް ބޭނުންހިފޭނެ ފަދަ މައިޒާންތަކެއްގެ ގޮތުގައި ތަރައްޤީކުރުމަކީ މި ދައުރުގެ ކައުންސިލްގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި އެބޭފުޅުންގެ މެނިފެސްޓޯގައިވެސް އެވާހަކަ އޮންނާނެކަމަށް ފަވާޒް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޕާކު ތަރައްޤީކުރުމުގެ އިތުރުން، ރަށުގެ ބިނާވެށީގެ ޕްލޭނަށް މުހިންމު ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު އިހަވަންދޫ ލޭންޑް ޔޫސް ޕްލޭން (Land Use Plan) އަލުން މުރާޖަޢާ (Revise) ކުރުމަށް ކައުންސިލުން މިއަދު ވަނީ ފާސްކޮށްފައެވެ.