ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، ހއ. އިހަވަންދޫ ސްޓީރިން ކޮމިޓީގެ ޒުވާނުންގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ރިޝްފާނު ކުރިމަތިލައިފިއެވެ.
ޕީއެންސީން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އެޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
މި މަގާމަށް ކުރިމަތިލުމަށްފަހު ރިޝްފާނު ވަނީ ޕާޓީގެ އާންމު މެންބަރުންނާއި ޒުވާނުންނަށް ވަރަށް ވަރުގަދަ މެސެޖެއް ދީފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ޕާޓީއަށް އެންމެ ބޭނުންޖެހުނު ދަނޑިވަޅުތަކުގައި އޭނާ ހުރީ އާންމު މެންބަރުންނާ އެކުގައެވެ. އަދި ވޭތުވެދިޔަ ތިން އިންތިޚާބުގައިވެސް އިޚްލާޞްތެރިކަމާއެކު ޕާޓީއަށް މަސައްކަތް ކޮށްދީފައިވާނެ ކަމަށް އޭނާ ބުނެއެވެ.
“ޚާއްޞަކޮށް ނިމިދިޔަ ކައުންސިލް އިންތިހާބުގެ ގަދަ ކަނޑުގައި ވަރުބަލިކަމެއް ނެތި ތިބޭފުޅުންނާއެކު އަޅުގަނޑުވެސް ފެތިން. ތި އެންމެ ބޭފުޅުން މި ކަންކަމަށް ހެކިވާނެކަން ޔަޤީން،” އޭނާގެ ބައިވެރިވުން ފާހަގަކުރަމުން ރިޝްފާނު ބުންޏެވެ.
ރިޝްފާނު ބުނީ “ދިވެހީންގެ ރާއްޖެ” އަށް އަލިވިލުނުއިރު އެންމެ ބޮޑު އުއްމީދެއް ގެނުވީ ޒުވާނުންނަށް ކަމަށާއި، އެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ޒުވާނުން އިސް ސަފަށް ނިކުންނަންވީ އެންމެ މުހިންމު ވަގުތަކީ މިއީ ކަމަށެވެ.އަދި އެއްމެ ބޮޑު އަޒުމަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ޑރ މުއިއްޒުއަށް ކާމިޔާބު ކޮށްދިނުން ކަމަށެވެ.
އިހަވަންދޫގެ ޒުވާނުން އެދޭ ކަންކަން ހާސިލްކޮށްދިނުމަށް ވަރުގަދަ އަޒުމެއްގައި ނިކުމެ ހުރިކަން ހާމަކުރަމުން ރިޝްފާނު ވަނީ، މި އަންނަ ޖުލައި މަހުގެ 11 ގައި އޮންނަ އިންތިޚާބުގައި އޭނާއަށް ފުރިހަމަ ތާއީދެއް ދިނުމަށް އެދިފައެވެ. އަދި ޒުވާނުން އެ ފުރުސަތު ދީފިނަމަ، އަމަލީ ގޮތުން ބޮޑެތި ނަތީޖާތަކެއް ނެރެދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދީފައެވެ.