ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން މަސްވެރިންގެ އަދަދު މަދުވަމުންދާ މައްސަލައިގެ އެންމެ ބޮޑު ސަބަބަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުން (އެސްއޯއީ) ބަހާލި ވަޒީފާތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ތައްޔާރުކުރާ “ދަ ޕަލްސް” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންގެ އަދަދު މަދުވެއްޖެކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށާއި، މިކަން ދިމާވާން މެދުވެރިވި ސަބަބުތައް ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ކުރީ ސަރުކާރުން ސިޔާސީ ބޭނުމަކަށް، ހާއްސަކޮށް ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ރަށްރަށުގެ އެތައް ހާސް ޒުވާނުންނަކަށް ވަޒީފާ ދިނެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ އިންޑަސްޓްރީގައި ހީވާގިކަމާއެކު އުޅުނު ގިނަ އަދަދެއްގެ ޒުވާނުން ހިމެނެއެވެ. “ވަރަށް ފަސޭހަ އާމްދަނީއެއް އެއީ ރަށުގައި ހުރެގެން، ގޭގައި ހުރެގެން ހެޔޮވަރުގެ މުސާރައެއް ލިބޭ ކަމަށް ވަންޏާ ވަރަށް ފަސޭހަވާނެ އެ ގޮތް ހިޔާރުކުރަން،” ރައީސް ވިދާޅުވިއެވެ. މިގޮތަށް ކަންތައް ވުމުގެ ސަބަބުން ރަށްރަށުގައި ހުރި މަސްދޯނިފަހަރުގެ ނިސްބަތް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެ، ބައެއް ފަރާތްތަކަށް ދޯނިތައް ވިއްކާލަންޖެހޭ ހިސާބަށް ކަންކަން ދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު ގެންގުޅެނީ ވަށައިޖެހޭ އިގުތިސާދީ ސިޔާސަތެއް ކަމަށާއި، މި ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، މަސްވެރިކަން ހުއްޓާލާފައި އެހެން ދާއިރާތަކަށް ބަދަލުވީ ކިހާ މީހުންނެއްތޯ ބަލަން ރަސްމީ ސާވޭއެއް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި މަސްވެރިން އަލުން ސިނާއަތަށް ނެރުމަށްޓަކައި ސަރުކާރާއި މިފްކޯ ގުޅިގެން ދަނީ މަސްވެރިންނަށް ހިތްވަރުދީ، މާލީ ގޮތުން ފައިދާވާނެ މަގުތައް ކޮށައިދެމުންނެވެ. އެގޮތުން މަސްވެރިން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، މަސް ބާނާ މިންވަރު މަދު މި ދުވަސްވަރު މިފްކޯއިން ވަނީ ކަޅުބިލަމަހާއި 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްފައެވެ. އަދި 15 ކިލޯއަށް ވުރެ ބަރު ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ މަސް ގަންނަ އަގު 20 ރުފިޔާ އަށް ވުރެ ދަށްނުކޮށް ހިފެހެއްޓުމެވެ.
ރައީސް މިހެން ވިދާޅުވިއިރު މިސަރުކާރުންވަނީ ދައުލަތުގެ ކުންފުނިތަކުން ކުރީ ސަރުކާރަށްވުރެ، އެތައްގުނައެއް ގިނަ އަދަދަކަށް މީހުންނަށް ވަޒީފާ ދީފައެވެ.