ތިންވަނަ ފަހަރަށް އިހަވަންދޫ ޕާކުގެ މަސްތައް ނީލަންކިޔަން އިއުލާންކޮށްފި؛ މިފަހަރު އަގު ކަނޑައަޅާނީ ނީލަމުގެ ބައިވެރިން!

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ކުޑަކުދިންގެ ޕާކުގެ މަސްފެންގަނޑުގައި ހުރި މަސްތައް ނީލަންކިޔުމަށް އެ ރަށު ކައުންސިލުން ދެފަހަރަކު ކުރި މަސައްކަތް ވެސް ނާކާމިޔާބުވުމާ ގުޅިގެން، އުސޫލަށް ބޮޑު ބަދަލެއް ގެނައުމަށްފަހު ތިންވަނަ ފަހަރަށް މަސްތައް ނީލަންކިޔުމަށް މިއަދު އިއުލާންކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މަސްފެންގަނޑުގައި ހުރި މަސްތައް ނީލަންކިޔުން ދެން އޮންނާނީ މާދަމާ، 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 ގައި، ކުޑަކުދިންގެ ޕާކުގެ މަސްފެންގަނޑު ކައިރީގައެވެ.

މިދިޔަ ޖޫން 11 ވަނަ ދުވަހު ފުރަތަމަ ބޭއްވި ނީލަމުގައި 18 މަސް އެކުގު ބަހައިގެން ފަށާ އަގަކަށް 2,000 ރުފިޔާ ކަނޑައެޅުމުން އެއްވެސް މީހަކު ނީލަމަށް ހާޒިރެއް ނުވެއެވެ. އޭގެ ފަހުން ޖޫން 17 ގައި ބޭއްވި ނީލަމުގައި މަސްތައް ވަކިވަކިން (ކުޑަ މަހެއް 88ރ އަށް އަދި ބޮޑު މަހެއް 120ރ އަށް) ވިއްކަން ނިންމި ނަމަވެސް، އެ ފަހަރު ވެސް ކައުންސިލްގެ ދެ މުވައްޒަފުން ފިޔަވައި އެއްވެސް އާންމު ރައްޔިތަކު ނީލަމަށް ހާޒިރުވެފައެއް ނުވެއެވެ.

އެހެންކަމުން، މިފަހަރު ކައުންސިލުން ވަނީ ނީލަން ފެށޭ އަގު ކަނޑައެޅުން އާންމުންނަށް ދޫކޮށްލާފައެވެ. ކައުންސިލްގެ އައު އިއުލާނުގައިވާ ގޮތުން، ކުދި އަދި ބޮޑު މަހުގެ ނީލަންވެސް ފަށާނީ ނީލަމަށް އަންނަ ފަރާތްތަކުން  ފަށާ އަގަކުންނެވެ.

ޕާކުގެ މަސްފެންގަނޑުން މަސްތައް ހުސްކުރުމަށް، ނީލަންކިޔަން ކައުންސިލުން ނިންމި ނިންމުމަށް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހް ވަނީ މީގެ ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސޮބާހް ވިދާޅުވެފައިވަނީ ކުޑަކުދިންގެ ޕާކަކީ ބޮޑެތި ހަރަދުތަކެއް ކޮށްގެން ކުދިންގެ ހިތްހަމަޖެހުމަށް ހަދާފައިވާ ތަނެއް ކަމަށާއި، އެފަދަ ވަސީލަތްތައް ނައްތާލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

2009 ވަނަ އަހަރުން ފެށިގެން ބަލަހައްޓަމުން އަންނަ މި މަސްފެންގަނޑު، އެންމެ ފަހުން ބޮޑު މަރާމާތަކަށްފަހު ހުޅުވީ 20 ޑިސެމްބަރު 2024 ގައެވެ. އެއަށްފަހު ފެންގަނޑު ހިޔާކުރުމަށާއި މެއިންޓެއިނަންސްއަށް ކޮންމެ މަހަކު ކައުންސިލުން ބޮޑެތި ހަރަދުތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ނީލަމަށް އާންމުންގެ ފަރާތުން ތަރުހީބެއް ލިބޭނެތޯ ނުވަތަ މިފަހަރުވެސް ނީލަން “ފެނަށް” ދާނީތޯ މިއީ މިހާރު އުފެދިފައިވާ ސުވާލެކެވެ.