"އަޑުނީވޭތީ" މޮޅަދޫ ރައްޔިތުން ނުކުމެ، ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށްފި!

މުހައްމަދު މައުޒު

ގުދުރަތީ ރީތިކަމާއި، ހިތްގައިމު ތުނޑިއަކާއި ކުޅިއެއްގެ އިތުރުން ގިނަ އަދަދަކަށް ވެލާ އަރާ ރަށެއްގެ ގޮތުގައި މަޝްހޫރު ހއ. މޮޅަދޫއަށް މިހާރު ކުރިމަތިވެފައިވާ ރަށްގިރުމުގެ ސީރިއަސް މައްސަލައާ ގުޅިގެން، އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ރަށުގެ ކުދިބޮޑު ރައްޔިތުން ނުކުމެ އިއްޔަ ހަވީރު އަޑު އުފުލައިފިއެވެ. އިއްޔަގެ އެއްވުމުގައި މޮޅަދޫގެ ކުދިބޮޑު ރައްޔިތުންނާއި މުއައްސަސާތަކުންވެސް ބައިވެރިވިއެވެ.

ރަށުގެ އެންމެ ބޮޑަށް ގިރަމުންދާ ސަރަހައްދަށް އެއްވެ، ރައްޔިތުން ވަނީ އެމީހުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުއުފުލާފައެވެ. ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ، ރަށް އާދަޔާ ހިލާފަށް ގިރަމުންދާއިރު ދައުލަތުގެ އެއްވެސް އިދާރާއަކުން މިކަމަށް ސަމާލުކަން ނުދޭ މައްސަލައެވެ.

ބަނދަރުގެ ލުޔާއެކު އައި ތިމާވެށީގެ ކާރިސާއެއް!
މޮޅަދޫއަކީ ހއ. އަތޮޅުގައި އެންމެ ފަހުން ބަނދަރެއް ހެދި ރަށެވެ. ސެނޮކް ޓްރޭޑް ކޮމްބައިންއާ 26 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ހެދި 645 ފޫޓު ދިގު، 250 ފޫޓު ފުޅާ ބަނދަރު ނިންމައި ރަސްމީކޮށް ހުޅުވީ 19 ޖުލައި 2023 ގައެވެ. ބަނދަރާއެކު ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބުނު ނަމަވެސް، ބަނދަރު ހެދިފަހުން ރަށްގިރުމުގެ މައްސަލަ އާދަޔާ ހިލާފަށް ބޮޑުވެފައިވާކަން ކައުންސިލުންނާއި ރައްޔިތުން ފާހަގަކުރެއެވެ.
އެންމެ ބޮޑަށް ގިރަމުންދަނީ ބަނދަރުގެ ދެކުނުން ފެށިގެން ރަށުގެ ހުޅަނގުފަރާތް، މީހުން ދިރިއުޅޭ ސަރަހައްދެވެ. މޮޅަދޫއަކީ ބިން ބޮޑު، އާބާދީ މަދު ރަށެއް ނަމަވެސް، މިހާރު ގިރަމުންދަނީ މީހުން ދިރިއުޅޭ ހިސާބަށް ވުމުން ގެދޮރަށް އޭގެ ނޭދެވޭ އަސަރު ފޯރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

“އާބާދީ މަދުވުމަކީ ރަށް ގިރުމުގެ މައްސަލަ ހައްލު ކޮށްނުދޭންވީ ސަބަބެއް ނޫން.” — އިހުތިޖާޖުގެ ބައިވެރިއެއްގެ ބޯޑުގައިވެއެވެ.
އިއްޔަގެ އެއްވުމުން ފެނިގެންދިޔައީ ރަށުގެ މުސްތަގުބަލާ މެދު ރައްޔިތުން ކުރާ މާޔޫސީ އަސަރުގަދަ އިހުސާސްތަކެވެ. ގިރުމުގެ ސަބަބުން ހަލާކުވެ ވެއްޓެން ކައިރިވެފައިވާ އަށްޓެއްގެ މަތީގައި އިން މުސްކުޅި އަންހެނަކު ބުނީ، އެއީ މީގެ ކުރިން އެތައް ސަތޭކަ ފޫޓެއް އެއްގަމުގައިހުރި އަށްޓެއް ކަމުގައެވެ.

މިނޫހާ ވާހަކަދެއްކި އެހެން މީހަކު ހިއްސާކުރި ގޮތުގައި، މީގެ 5 ވަރަކަށް އަހަރު ކުރިން އޭނާގެ ކައިވެނީގެ ބޮޑު ޕާޓީ ބޭއްވީ އެ ސަރަހައްދުގެ ހިތްގައިމު ދޮންވެލިގަނޑު މަތީގައެވެ. ނަމަވެސް މިއަދު އެ ތަން ގިރައިގެން ގޮސް، އެސަރަހަށްދު އައިނުގަނޑަކަށް ވަނީ ބަދަލުވެފައެވެ. މިހާރުވެސް ގޮނޑުދޮށުގައި ހުރި އެތައް ބޮޑެތި ގަސްތަކާއި، ރައްޔިތުންގެ އެތައް ރުކެއް ވަނީ ވެއްޓިފައެވެ.
މޮޅަދޫ ކައުންސިލްގެ ރައީސް އަބްދުލް މުހުސިން ވިދާޅުވީ، ރަށްގިރުމަކީ މިހާރު މޮޅަދޫއަށް ދިމާވެފައިވާ ބޮޑު ކާރިސާއެއް ކަމަށެވެ. ނިމިދިޔަ ކައުންސިލުންނާއި، އަދި މިހާރުގެ އައު ކައުންސިލުންވެސް މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގިނަ ސިޓީތަކެއް ފޮނުވާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް އިދާރާއަކުން ޖަވާބެއް ދީފައި ނުވާކަމަށް މުހުސިން ކަންބޮޑުވުމާއެކު ފާހަގަކުރެއްވިއެވެ.

“ރަށުގެ އެކިއެކި ދިމަދިމާއިން ބޮޑު ސަރަހައްދެއް ގިރާލާފައިވުމުގެ އިތުރުން، ރަށުގެ ހުޅަނގުފަރާތުން މީހުން ދިރިއުޅޭ ސަރަހައްދުން ވަރަށް ބޮޑު ބައެއް މިވަނީ ގިރައިގެން ގޮސްފަ. ކައިރި މުސްތަޤްބަލެއްގައި އަޅުގަނޑުމެންގެ ހޮޅުއަށިތަކާއި ބައެއް މީހުންގެ ގެދޮރަށް އަސަރުކޮށް، ރުއްގަސް ވެއްޓި ހިނގައިދާނެ. ރައްޔިތުންގެ އެތައް ރުއްގަހެއް ވެއްޓި މިހާރުވެސް ރައްޔިތުން ދިރިއުޅޭ ހިސާބުތަކަށް ލޮނުގެ އަސަރު އެދަނީ ފޯރަމުން،” މޮޅަދޫގެ ހާލަތު ބަޔާންކޮށްދެއްވަމުން މުހުސިން ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، ދައުލަތުގެ ފަރާތުން ވީހާވެސް އަވަހަކަށް މިކަމަށް ހާއްސަ އެހީތެރިކަމެއްދީ، ރަށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ފަށައިނުދީފިނަމަ، މޮޅަދޫއަށް އިއާދަނުކުރެވޭނެ ބޮޑު ގެއްލުމަކާ ކުރިމަތިވެ، މިއީ އިންސާނީ ކާރިސާއަކަށް ބަދަލުވުން ގާތްކަމަށެވެ.