އިހަވަންދޫ ކައުންސިލުން ތަރައްޤީކޮށްފައިވާ “ހިންނަ ފުޓްސަލް ދަނޑު” ގެ ރޮސްޓަމް ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ފަށައިފިއެވެ. މި ރޮސްޓަމް ހުޅުވައިދެއްވީ އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ރައީސް މުހައްމަދު ރަޝީދުއެވެ. ރޮސްޓަމް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ރޭ ފެށިގެންދިޔަ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2026 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ހިންނަ ފުޓްސަލް ދަނޑަކީ އިހަވަންދޫގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން ބިނާކުރި ދަނޑެކެވެ. މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެން 1.273 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި މި ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ 29 ޖެނުއަރީ 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ދަނޑުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ފަސޭހަަކުރުމުގެ ގޮތުން އިތުރުކުރެވުނު ރޮސްޓަމްގެ މަސައްކަތް މެކްސް އެމްއާ ހަވާލުކުރީ 1.4 މިލިއަން ރުފިޔާއަށެވެ. ނަމަވެސް، މަސައްކަތަށް އައި ބަދަލުތަކާއި (ވޭރިއޭޝަން) އެކު މި ބަޔަށް ހިނގި ޚަރަދު އެއަށްވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކުރި މި ރޮސްޓަމްގައި ސްޓޭޖަކާއި، 2 ޗޭންޖިންގ ރޫމްގެ އިތުރުން 3 ފާހާނާ އަދި ގުދަނެއް ހިމެނެއެވެ. މިއީ މުބާރާތްތައް ހިންގުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ވަސީލަތްތަކެކެވެ.
ނަމަވެސް، މި ރޮސްޓަމް ފަރުމާކޮށްފައިވާ ގޮތުން މެޗުތައް ކަވަރުކުރުމާއި ބްރޮޑްކާސްޓްކުރުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެކަންކަން ހައްލުކުރުމަށް އިހަވަންދޫ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.