ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް) ގެ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން، ޗައިނާގެ މަޝްހޫރު އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ “ހޫޕަން” (huopan.com) އިން އެއްވެސް އިތުރު ފީއަކާ ނުލައި ވިޔަފާރިކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ބީއެމްއެލް އިން ހާމަކުރި ގޮތުގައި އެ ސައިޓުން ދިވެހި ރުފިޔާއިން ބިލްކުރާ މުއާމަލާތްތަކުން އެއްވެސް ކްރޮސްބޯޑަރ ޓްރާންސެކްޝަން ފީއެއް ދެން ނުނަގާނެއެވެ.
މިއީ ބޭރުގެ އޮންލައިން ސައިޓްތަކުން ވިޔަފާރިކުރުމުގައި ދިވެހިންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ލިބުނު ވަރަށް ބޮޑު ލުޔަކަށްވާނެއެވެ.
ރާއްޖޭގެ ގިނަ ބަޔަކު އާންމުކޮށް ބޭނުންކުރާ އަލީއެކްސްޕްރެސް (AliExpress)، ޝެއިން (Shein) އަދި ޓެމޫ (Temu) ފަދަ އެޕްތަކުން ވިޔަފާރިކުރުން މިހާރު ވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. އެގޮތުން ބީއެމްއެލް ރުފިޔާ ކާޑުން އެ ސައިޓްތަކަށް ފައިސާ ދައްކާއިރު 30 އިންސައްތައާ ހަމައަށް ކްރޮސްބޯޑަރ ޓްރާންސެކްޝަން ފީ ނަގާއިރު، ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓެއް ވެސް ވަނީ ކަނޑައަޅާފައެވެ.