ނުފެނެއޭ! އަން މިއޮތީ! ވެދާނެ ސިކުނޑިއަށް މާ ބުރަބޮޑުވީމަ ލޯ ވެސް ރެސްޓަކަށް ބޭނުންވީހެން! އައިނު އަޅަމާ!” އަފުޒަލްގެ ލޮލުގައި އޭނާގެ ނަމްބަރު އައިނު އަޅުވައިދެމުން ފަޔާޒު ހިނިތުންވެލި އެވެ. ކިހިނެއްހޭ ބުނާފަދައިންނެވެ.
ލޮލުގައި އައިނު އެޅުވުމުން މަޑުމަޑުން މަންޒަރުތައް ސާފުވަމުން ދިޔަ އެވެ. އެހެނަސް ކުރިއާ އަޅާ ބަލާފަ އެހާ ސާފުސާފެއް ނޫނެވެ. ހިސާބަކަށް ކުލަވީ ނަމަވެސް ފެންނަނީ ފުސްކޮށްނެވެ. އަފްޒަލަށް ބޭއިޚްތިޔާރުގައި ލޯމަރާލައި ދެލޮލަށް ބާރުކޮށްލެވުނީ އެހެންވީމަ އެވެ.
“ކޮބާ ކިހިނެއް!” ފަޔާޒުގެ މޫނާއި އަތުން ހަރަކާތްކޮށްލަމުން އަހާލި އެވެ.
“ނޮޓް ފިޓް! އެއްކޮށް ރަނގަޅެއް ނޫން!” އަފްޒަލްގެ އަޑު ބޭރަށް ނުނިކުތަސް ބުނީ ކީއްކަން ތުންފަތުގެ ހަރަކާތުން ފަޔާޒު ދެނެގަތެވެ.
“ނަންބަރު ޗޭންޖުވީ ކަމަށްވާނީ! ކޮންމެ ވެސް ވަރެއް ވަންޏާ އެހެން…”
“ފަޔާޒް ޑޮކްޓަރ ގޮވާލައްވާ އެބަ؟” ކައިރިއަށް އައި ނަރުސް ކުއްޖާ ފަޔާޒަށް ބަލާލަމުން ބުނެލި އެވެ. އަވަހަށް ފަޔާޒް ކޮޅަށް ތެދުވެ ހިނގައިގަތީ ޑޮކްޓަރުގެ ކޮޓަރިއަށެވެ. ފަސްދީ އެނބުރިލަމުން އަފްޒަލްގެ މޫނަށް ބަލާލި އެވެ. އެބައަންނަމޭ ބުނާ ފަދައިން ނެވެ.
ފަޔާޒާއި އަފުޒަލް މާލެ ދިޔުމަށްޓަކައި ރަށުން ފުރީ އެދުވަހުގެ މެންދުރު ފަހު އެވެ. ރޭގަނޑުގެ ފުލައިޓުން މާލެ ދިޔުމުގެ ބޭނުމުގަ އެވެ. ހަނިމާދޫ ވައިގެ ބަނދަރުގެ ފެހި މާހައުލަށް ނަޒަރު ހުއްޓާލަމުން އެމީހުންގެ ފޮއްޓާއި ދަބަސްލާފައިވާ ޓްރޮލީ މަޑުކޮށްލި އެވެ.
“އަދި އެބައޮތެއްނު ލައްކަ އިރު! އަހަރެން ވަރަށް ހައިވެއްޖެ! އަފޫ ވެސް އަދި ތި ހުރީ ނުކައެއްނު. ހިނގާ މިހިރަ ތަނަށް ވަންނަމާ!” ކައިރީ ހުރި ރެސްޓޯރެންޓަށް އިޝާރާތްކުރަމުން ފަޔާޒު ބުނެލި އެވެ.
“އޯކޭ ފަޔާ ބޭނުންގޮތެއް! މާލެ ދެވޭނީ ކިހާ އިރަކު؟”
“މިރޭ އިލަވަން ކަންހާއިރު، ގޮސް މާދަމާރޭ ބޭރަށް ނައްޓާލާގޮތަށް! ނަސީބު އަފޫގެ ޕާސްޕޯޓް ވެސް ހައްދާފަ އޮތްކަން! އެހެންނޫންނަމަ ވަރަށް ލަސްވީސް! މިއަދު އެންމެންގެ ޕާސްޕޯޓް ލިބިއްޖެ! މިހާރު ނިހާއްކޮ ވެސް ކޮންމެވެސް ވަރަކަށް ރަނގަޅުކަމަށްވަނީ! އެކަމަކު ނިހާއްކޮ ވެސް ގޮވައިގެން އަފޫގެ މަންމަ ވެސް ބައްޕަ ވެސް ދާގޮތަށް، ބައްޕަ ހުރިހާ ކަމެއް އޮތީ ހަމަޖައްސާފަ!” ރެސްޓޯރެންޓާ ދިމާއަށް އެނބުރިލަމުން ކުރިއަށް ހިނގައިގަތެވެ. ދެމީހުން އެކުގަ އެވެ. ފަޔާޒު ދުއްވަމުންދިޔަ ޓްރޮލީގެ އެއްކަނުގައި އެއް އަތުން ހިފަހައްޓައިގެން ހުރެ އަފުޒަލް ހިނގައިގަތީ މަޑުމަޑުންނެވެ. ފަޔާޒު ވެސް ހިނގަމުން ދިޔައީ އަފުޒަލާ އެއްވަރަށް އެހާމެ މަޑުމަޑުންނެވެ. ހިނދުކޮޅެއް ތެރޭގައި ދެމީހުން ރެސްޓޯރަންޓް ތެރެއަށް ވަދެ އޯޑަރު ދިނެވެ.
“ސަވީ! އަހަންނަށް ފެނޭ އަދި އިހަށް މަޑުކޮށްލަން! ފިޔާ ވެސް އެއީ އެހާ އަންޑަސްޓޭޑިން ދަށްމީހެއް ނޫންދޯ! އެހެން ނޫނަސް ފިޔާ އެއީ ސަވީގެ ފެމެލީ…؟” ހައްޖަ ވާހަކަދައްކަމުން ދިޔައީ ސަވީތާގެ ކޮޓަރީގައި އިނދެ އެނދުގައި އޮށޯވެ އޮތް ސަވީތާއާ އެވެ.
“ހައްޖޫ އެއްކަލަ! މިހާރު ބުނެފީމެއްނު! އެއީ މައްސަލަ އެއްނޫނޭ! ފިޔާ ކިހާ ސްމާޓް އޭނާ ކިހާ ރީތި! އެހެން ނޫނަސް އޭނާ އަހަރެން ދެކެ ކުޑަ އިރުންސުރެ ލޯބި… އަހަރެން ލޯބި ނުވިޔަސް އޭނާގެ ޝަކުވާއެއް ނެތް! އަހަންނަށް އޭނާ ބަދަލުވުމަށް ފުރުޞަތުދޭ!”
“އަހަރެން ކަންބޮޑުވަނީ ތިކަމަކާ ނޫނޭ!” ހައްޖަ ހިތްހަމަ ނުޖެހިފައި އިނދެ ބުނެލި އެވެ.
“ދެން… ދެން ކޮންކަމަކާ! ޖޭ ވީތަ!” ސަވީތާ ވެސް ހަތިޔާރު ބަހައްޓާކަށް ބޭނުމެއް ނުވި އެވެ. އޮރެންޖު ކުލައާއި ހުދުކުލައިން ޖަރީވެފައިވާ ސަންގު އާއިލާގެ ބޮއްޔަށް ނަޒަރު ހުއްޓާލައިގެން އޮވެ އިނގިލިތަކުން އެ ބޮލީގެ ބިންވަޅުނެގިފައިވާ ކުރެހުންތަކުގައި ފިރުމަމުން ވާހަކަދައްކަމުން ދިޔަ އެވެ.
“ކޮންމެވެސް ކަމެއްވީމަދޯ ދުރުން، ވީހާ ދުރަކުން ކައިވެނި ކުރުމަށް ދީނުގަ ވެސް އަންގަވާފަ އެވަނީ… އެއް އާއިލާއެއްގެ ތެރޭން ކައިވެނި ކުރީމަ ދިމާވާނެގޮތް ސަވީ ވެސް ކިޔެވީމެއްނު…” ހައްޖަ ބޭނުންވީ ސަވީތާއަށް ވިސްނައިދޭށެވެ.
“ކޮބާ؟ ސައިންސްގެ ހުރިހާ ތިއަރީއަކީ މަ ޤަބޫލުކުރާ އެއްޗެއް ނޫން! އެހެންނޫނަސް ބަލާ މިހިރަ މަރިޔަނިކެ މުޙައްމަދާ މަރިޔަނިކެގެ ބޮޑުބޭބެގެ ހަނީފާއަކީ ވެސް އެއް އާއިލާއަކުން… އެމީހުންގެ ދަރިން ކިހާމޮޅު… އެއް ކުއްޖަކު އެހުރީ މުޅި ރާއްޖެއިން އެއްވަނަ ހޯދައިގެން… މިދިޔަ އަހަރު އޯލެވެލް ހެދި ނަސީރާ ވެސް އެ ހޯދީ އާޓުން ދުނިޔެއިން އެއްވަނަ… ނުވިތާކަށް އެއްވެސް އައިބެއް ނެތެއްނު ކުއްޖެއްގަ… ދެން!”
“ސަވީ އެ މަރިޔަނިކެ އަކީ އުލިގަމު މީހެއްނު! އުލިގަމު މީހަކާ ހޯރަފުށީ މީހަކާވީމަ… އެހެންވީމަ ޖެނެޓިކަލީ އެދެމީހުންގެ ދަރިންގެ ވަރަށް ތަފާތުވާނެ! ސަވީ މިހާރު ދީނީކަންކަމަށް ވެސް ޖޯކުޖަހަން…”
“ނޫނޭ! އަސްލު އެޒަމާނުގަ އެގޮތަށް އަންގަވާފަ އެއޮތީ މުސްލިމުންގެ އަދަދު އިތުރުކުރަން! މުސްލިމުންނާ ގުޅުންހުރި އާއިލާތައް އެކިތަންތަނުގަ އިތުރުކުރަން! މީ މަ ދައްކާ ވާހަކައެއް ނޫނެއްނު! ސަރ ވެސް…”
“ނުވާނެ! ދީނުގައި އަންގަވާ ނަހީކުރައްވާ ނުނީ މުންކަރާތެއް ނަމައީ ވެސް އެކަމުން ކޮންމެވެސް ފިލާވަޅެއް އޮންނާނެ، އަދި އަހަރުމެންނަށް އެވަރަށް ނުކިޔެވެނީ..” ހައްޖަ ދޫކުރާކަށް ބޭނުމެއްނުވި އެވެ.
“އަހަރެން ނުބުނަން ދޯ ތި ނޫނެކެކޭ!” ސަވީތާ އެންމެ ފަހުން ގޮތްދޫކޮށް ހައްޖައާ އެއްބައިވެލި އެވެ. ހައްޖަ ދޫނުކުރާނެ ކަން އެނގުމުންނެވެ.
“ފަޔާ! ކޮންތާކަށް ދަނީ!” އަފުޒަލް ޓިޝޫއަކުން މޫނު ފުހެލަމުން އަހާލި އެވެ.
“ވެސްޓް ޔުނައިޓަޑް ސްޓޭޓްގެ ސޯލްޓް ލޭޓް ސިޓީއަށް! އެތަނުގަ އެބަހުރިކަމަށްވަނީ ވަރަށް ރަނގަޅު ޖެނެޓިކް އިންސްޓިއުޓެއް! އިންޓަރ މައުންޓައިން ހެލްތްކެއަރ! އެއީ އާއިލީ މިފަދަ ބަލިތަކަށް ރަނގަޅު ފަރުވާދޭ ތަނެއް ކަމަށްވަނީ!” ފަޔާޒް ހުއްޓާލީ އަފުޒަލް ހައިރާންކަމާއެކު އޭނާގެ މޫނަށް ބަލާލުމުންނެވެ.
“އަހަރެން ކޮންކަހަލަ! ކީއްވެ ޖެނެޓިކް…؟ އެހާ ދުރަށް؟”
“އަފޫ! އަހަރެން ނެތިން އޮޅުވާލާކަށް! އަފޫ ވެސް ތިއީ މިހާރު ކޮންމެވެސް ވަރަކަށް ބަލި މީހެއް! ކޮންމެ އިންސާނަކަށް ވެސް ބަލި ޖެހިދާނެ! އެއީ މައްސަލަ އެއްނޫން! އަހަރުމެން ސަލާމަތުން ތިބި މީހުންގެ ވާޖިބަކީ ބަލިމީހުންނަށް އަޅާލާ އޯގާތެރިވުން! ފައިސާ ގެންގުޅޭ މީހުންގެ ޒިންމާއަކީ އެ ފައިސާއިން ޚަރަދުކޮށް އެހީތެރިކަން ފޯރުކޮށްދިނުން! ދުނިޔޭގެ ކޮންމެތަނަކުން ނަމަވެސް! އެއީކީ ކުޅިވަރުކުޅޭކަށް މަޖާ ނަގާކަށް ޕާޓީއަށް ޚަރަދުކުރަން ދެއްވާ އެއްޗެއް ނޫން! ފައިސާއަކީ ފަޤީރުންގެ ޙައްޤު އޭގައި އެކުލެވޭ އެއްޗެއް!” ފަޔާޒު ވާހަކަދެއްކީ މަޑުމައިތިރިކަމާ އޯގާތެރިކަމާއެކުގަ އެވެ. އޭނާގެ ވާހަކައިން އޭނާގެ ތަރުބިއްޔަތާއި ވިސްނުން ހާމަވަމުން ދިޔަ އެވެ.
“އެކަމަކު!” އަފުޒަލް އަނގަބަންދުވީ ކަހަލަ އެވެ. ބުނަން އުޅުނު ވާހަކަ އަނގައިން ބޭރު ނުވީކަންނޭނގެ އެވެ.
“އެނގޭ! ހިތަށް އަރާނެ ވަރަށް ތަފާތު ކަންތައްތައް! އަފޫ އަހަރެން ގާތު ބުނަމެއްނު! އަފުރޭގެ ކަންތަކާ ހުރެ ތިޔަ އާއިލާ ވަނީ މުޖުތަމައުން އެކަހެރި ވެފައޭ! ބާކީވެފައޭ! ޚުދު އަހަންނަށް ވެސް އެކަން އިޙްސާސްވޭ! އެއީ އަހަރެން މިބުނާ މައްސަލައަކީ! އަހުރުމެން އެބަ ވެއްޖޭ ނިކަން ތަހުޒީބުވާން! ނިކަން ވިސްނޭ ބަޔަކަށްވާން! މީހާގެ ހުންނަ އެންމެ ކުޅެދުންތެރިކަމަކަށްވުރެ މީހާގެ އެތައް ނުކުޅެދުންތެރިކަމެއް ހުންނާނެކަން ޤަބޫލުކުރަން! ޚާއްޞަ އެހީއަށް ބޭނުންވާ ކޮންމެ މީހަކަށް އެހީވުން އެއީ އުފަލެއް ކަމުގައި ދެކެން! ކާކަށް އެނގޭނީ މާދަމާ އަހަރެން އެހެންމީހެއްގެ އެހީއަށް ބޭނުން ނުވާނެކަމެއް؟ ކާކަށް އެނގޭނީ އަހަރެން މުޅި އުމުރަށް ފުރިހަމަ މީހެއްގެ ގޮތުގައި ހުރެވޭނެ ކަމެއް؟”
“ފަޔާހެން އެންމެންނެއް ނުވާނެ! ފަޔާ ވެސް އަހަރުމެން ގޭގަ އުޅޭތީ ތިގޮތަށް ތިބުނަނީ! ބޭބެ ވެސް އެގޮތަށް އެ ބަދަލުވަނީ ވެސް ރަށުމީހުން އޭނާއާ ދިމާކޮށް، ފާޑުފާޑުގެ އެއްޗެހި ކިޔާ ގޮއްވާތީ! ހަމައަށް ހުންނަ މީހާއަށް ވެސް މީހުން އަބަދު އެއްޗެހިކިޔާ ފާޑުފާޑުގެ ގޯނާ ކުރަންޏާ ކަޑަވާނެ!” ބަލިކަށި އަޑަކުން ހުއްޓަމުން ހުއްޓަމުން ވާހަކަ ދައްކަމުން ދިޔަ އަފުޒަލް ފެންކަޅިވި އެވެ. ކަޅުކުލައިގެ ފަލަ ދުނިގަނޑުން ފަރުމާކުރެވިފައިވާ އޭނާގެ ރަސްމީ އައިނު ނަގަމުން ދެލޯ ފުހެލި އެވެ.
“ތީދޯ މިބުނާ ވާހަކައަކީ! އަދި ރަނގަޅުވާނެ! އަސްލު ރަށްފުށުގަ މިކަން މާބޮޑު! މާލޭގަ ބަޔަކު، މީހުންމަރާ، މަސްތުވެގެން އުޅެ ހެއްދެވިހާ ނުބައިކަމެއް ކުރިޔަސް، ދިމާކުރުމާ މަލާމަތްކުރުމުގެ ބައި ވަރަށް މަދުކަންނޭނގެ!” ފަޔާޒު ވާހަކަ ހުއްޓާލީ އެމީހުން އޯޑަރު ދިން ކާތަކެތި ގެނައުމުންނެވެ. ކާނާތައް ގެނައުމުން ހަމަޖެހިލަމުން ކެއުމަށްތައްޔާރު ވެލި އެވެ.
“މާދަމާ ހަވީރު ވެސް އަންނަންވާނެ ދޯ! އެކަމަކު ދެމީހުން އެކަނި! މިހާރު މަ ބޭނުމެއް ނޫން ފިޔާޒާ ތިން މީހުން އެއްކޮށް އަންނާކަށް!” ހައްޖަ ވާހަކަދައްކަމުން އަތުގައި އޮތް ހުއިގަހުގެ ކުރީގައި ފޮޅިފައިވާ މާ ތަކާކުޅެމުން އެއްގަމާ ވީކޮޅަށް ހިނގަމުން ދިޔަ އެވެ. ތުނޑިން ނެވެ. ތުނޑީމަގުގެ މެދަކާ ހިސާބުންނެވެ.
“އެކީއްވެ؟” ސަވީތާގެ ސުވާލު އަމާޒުވީ ކައިރީހުރި ހައްޖަ އަށެވެ.
“އެ ދޯ! މަ ވަރަށް ފޫހިވެއްޖެ! ތި ދެމީހުން ރަށްޓެހި ވީމަ! މަށަށް ވަނީ އެހެންގޮތެއް ތި ދެމީހުން އެއްކޮށް އުޅޭތަން ފެނުނީމަ! ފާޑަކަށް މޭނުބާ ކުރަނީ! އަސްލު ވެސް އެހެންވެ..!” އެމީހުންގެ ހަވީރީ މަންޒިލު ކަމުގައިވާ ތުނޑީ މަގާ އިންވެގެން އޮތް ގޯޅިއަޅަމުން ހައްޖަ ބުނެލި އެވެ. ފަހަތުން ސަވީތާ ވެސް މަޑުހިނގުމެއްގައި ކުރިއަށް ދިޔަ އެވެ.
“ދެން!” ސަވީތާ ނުރުހުންވީ ކަން އަންގާލި އެވެ.
“އޯކޭ! ބުނަންވީ އެއްޗެއް ބުނަންވީ މީހާ ކައިރީ އަހަރެން ބުނާނަން! ހެޔޮ ރުޅިއަޔަސް ހިނި އަޔަސް!”
“އާތް! މަންމާ!” ހައްޖައާ ސަވީތާއަށް އެއްފަހަރާ ހަޅޭލައިވައި ގަނެވުނީ މީހަކު އެމީހުންގެ ކުރިމައްޗަށް ޖެހިގަތުމުންނެވެ. މަގުގެ އެއްފަރާތުގައިވާ ބޯކަށިކެޔޮ ހޭޅިގަނޑުގެ ތެރެއިންނެވެ. ފެހިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހެއް ލައިގެން ހުރި މީހެކެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ބޮލުގެ އެތެރެ ހާމަވާވަރަށް ތުނިކޮށް ކޮށާފަ އެވެ. މޫނުމަތީގެ ހަންގަނޑު އަލިވެފައި އޮމާންކަމަށް ދެއްކިޔަސް އެ މޫނުގައިވަނީ ބަލިމަޑުކަމުގެ އަސަރުތަކެވެ. ދެލޯވަނީ ވަޅު ވަދެފަ އެވެ. ލޯކައިރި ވަނީ ކަޅުވެފަ އެވެ. ކޯތާފަތް ވަނީ ހިނދިފަ އެވެ. ލިބުނު ކުއްލި ސިހުމާއެކު ހައްޖަގެ ގައިގާ ސަވީތާއަށް ބާރުބާރަށް ބައްދާލެވުނެވެ.
“ނޫން! ނޫން! ނޫން…” ސަވީތާ ބިރުން ތުރުތުރުލާން ފެށި އެވެ. އެކަން ހައްޖަ ދެނެގަތެވެ. ހައްޖަ ވެސް ހިމޭންވެލަމުން ހަމަޖެހިލި އެވެ. މަގުގެ ދެކޮޅަށް ނަޒަރު ހިންގާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެމީހުންނަށް ތިބެވުނީ އެ ދިގު މަގުގެ މެދުގަ އެވެ. ވަށައިގެން ދެފަރާތުގައިވަނީ ޖަންގައްޔެވެ. ރަށާ ތަންކޮޅެއް ދުރުގައި ރަށުގެ ބޮޑުމަގާ އިންވެގެން އޮތް ހަނި މަގަކަށް ވުމުން މަގުގެ ދެކޮޅުވަނީ ބެދިފަ އެވެ.
“އަފުރޭ ޕްލީޒް… ޕްލީޒް އަހަރުމެންނަށް…!” ހައްޖައަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.
“އަހަރެން ނެތިން އެއްވެސް އަނިޔާއެއް ދޭކަށް! އަހަރެން މިތަނަށް މިއައީ ވާހަކައެއް ބުނެލަން!” އަފުރާޙް ހަމަޖެހިލަމުން ވާހަކަދެއްކި އެވެ.
“ކޮން؟” ހައްޖަ ނޭވާ އަވަސްވަމުން ދިޔަ އެވެ.
“ސަވީ!” އަފުރާޙު ބަލާލީ ސަވީތާއަށެވެ. ބޮނދާފައިވާ ކަނބިއްޔެއް ފަދައިން ހައްޖަގެ ފަހަތުގައިވާ އޭނާގެ އެންމެ މަޤްބޫލު ރާނީ އަށެވެ. ފުން ނަޒަރަކުންނެވެ.
“އަހަރެން މިއައީ މަޢާފަށް އެދެން!”
“ކޮންކަމަކާ!” ހައްޖަ އަހާލި އެވެ. ހީވަނީ ސަވީތާގެ ފުށުން ވަކާލާތުކުރާ ވަކީލެއް ހެންނެވެ.
“އަހަރެންގެ ސަބަބުން ބޭބެގެ ލައިފަށް ހުރަސް އެޅުނީތީ!” އަފްރާޙް އިސްޖަހާލި އެވެ.
“ބޭބެގެ ލައިފޭ!” ހައްޖަ ބޭނުންވީ ޔަޤީންކުރާށެވެ. އަފުރާޙު ހުރީ ހަމަހޭގަތޯ އެވެ.
“އާނ! އަހަންނަށް ނޭގި އިޚްތިޔާރުން ބޭރުގަ! ސަވީއަށް އުނދަގޫ ކުރެވުނީތީ! އެކަމުން ބޭބެ އަށް އެހެންވީމަ…! ސަވީ ޕްލީޒް ފޮގިވް!” އަފުރާހް ދެރަވެލާފައި އަސަރުން ފުރިފައިވާ ނަޒަރަކުން ސަވީތާއަށް ބަލާލި އެވެ.
“މަޢާފުކުރާށޭ! ކޮބާތަ ކަލޭގެ ލަދު ހަޔާތް؟ ކޮބާތަ ކަލޭގެ އަގަލު؟ އަހަރެންނަށް ބޭނުންހާ ކަމެއްކޮށްފަ! ބޭނުންހާ ގޮތެއް ހަދާފަ، އަދި ބުނެފިއެއްނު މަޢާފުކުރާށޭ! ބަލާބަ ހުންނަ ގޮތް ކުޑަކަން!” ސަވީތާ މޫނު މަތި ފުފިގަތެވެ. މޫނުގެ ކުލަވަރު ބަދަލުވި އެވެ. ދެބުމަ ގޮށްޖެހުނެވެ. ބިރުވެރިކަން ކެހިގެން ފިލައިގެން ދިޔަ އެވެ. އޭނާގެ ހަށިގަނޑު ރުޅިވެރިކަމުގެ އަސަރުތައް ފާހަގަވަމުން ނޭނގޭ ތުރުތުރެއް ދައުރުވަމުން ދިޔަ އެވެ.
“ސަވީ..!” ހައްޖަ ބޭނުންވީ ސަވީތާ ކޮންޓްރޯލް ކުރުވާށެވެ. އޭނާ ހަމައިން ނައްޓަމުން ދާކަން ޔަޤީންވެގެންނެވެ.
“ހިފައްޓާނެ ކަމެއް ނެތް! އަހަރެން ކެތްކޮށްފިން! ކަލޭގެ ސަބަބުން އަހަރެންގެ މުޅި ހަޔާތް ބަރުބާދު ވެއްޖެ! ކަލޭގެ ސުންޕާކަމުން…. ކަލޭގެ ބޭބެއަށް އެހާލު ޖެހުނީ ވެސް ކަލޭގެ ނުލަފާ ޖާހިލުކަމުން! ކަލޭއަށް އެނގޭތަ ކަލޭ އަހަންނަށް ހަދާލިގޮތް! ހަނދާންވޭތަ؟” ސަވީތާގެ ތުންފަތް ތުރުތުރުލަމުން ދިޔަ އެވެ. ދެއަތުގެ އިނގިލިތައް ބުޅިކުރަމުން އަފްރާޙުގެ މޫނަށް އަމާޒުކުރަމުން ދިޔަ އެވެ. ހައްޖައަށް ހުރެވުނީ ސަވީތާގެ ގައިގައި ހިފަހައްޓާލެވިގެން މަންޒަރު ބަލާށެވެ.
“ސަވީ! އަހަރެން ގަސްތުގައި އެއްވެސް ކަމެއް ނުކުރަން! އަހަރެންނަށް ކުރެވިފައިވާ ކަމެއް ކުރެވުނީ އިޚްތިޔާރުން ބޭރުގައި ހުރި ގަޑިއެއްގަ!” އަފުރާޙް ހިމޭންވެލި އެވެ.
އަފްރާހުގެ ވާހަކަތަކުން ސަވީތާގެ ރުޅިގަނޑު އިންތިހާއަށް ދިޔަ އެވެ.
“އިޚްތިޔާރުން ބޭރުގައޭ! އެހެން ބުނެލީމަ އެވީދޯ! ކަލޭއަށް އެނގޭތަ ކަލޭގެ ސަބަބުން އަހަރެންނަށް ހަމަ ނިދި ނުލިބޭތާ ތިން އަހަރު ވެގެން މިދަނީ! ކަލޭގެ ނުބައި ޖާހިލުކަމުން، ހަމަޖެހުމުގެ ނޭވާއެއް ނުލެވޭތާ ކިތައް ދުވަސް! ކަލޭގެ ދުއްތުރާތައް ނުޖެހޭނެ ކަމަށް މަގުގައި އެކަނި ހިނގާ ނުލެވޭތާ ކިތައް ދުވަސް! ނިކަން ވިސްނާލަބަލަ އަހަރެން މީ އިންސާނެކޭ! މަގަކުން އެކަނި ހިނގާނުލެވޭތާ، ހިތްހަމަ ޖައްސާލަން ގެއިން ބޭރަށް ނިކުމެނުލާ އުޅެން…. ދެން ބުނަންވީތަ މަޢާފުކުރާށޭ! ނުވާނެ! ކަލޭއަށް އަހަރެންގެ ހިތް ހަލާލުކަން ހަރާމް! ދުވަހަކު ވެސް ނުވާނެ! މިބުނީނު ނުވާނޭ!” ސަވީތާ ހިނދުނެވެ. ރުޅިއައިސް ހުރިވަރުން ދެލޯ ރަތްވެ މީހާގެ ގައިގެ ބާރު ދޫވަމުން ދިޔަ އެވެ. ހަށިގަނޑުގައި އުފެދިފައިވާ ތުރުތުރު އިތުރަށް ބާރުވަމުން ދިޔަ އެވެ.
“ދުރަށްދޭ! އަހަރެންގެ ކުރިމަތިން މިހާރު ދުރަށް… މިބުނީނު ދާށޭ!” ސަވީތާ ހިމޭންވެލީ އޭނާގެ ނޭފަތުން ދަވަ ނުކުންނަން ފެށުމުން ސާފުކޮށްލުމަށެވެ.
ސަވީތާގެ ބަސްތަކުން އަފުރާޙްގެ ނަފުސު ކޮންޓްރޯލުން ނައްޓަމުން ދިޔަ އެވެ. އޭނާގެ ކަންފަތުގައި ސަވީތާގެ ރުޅިވެރި ބަސްތައް ގުގުމަމުން އެއަޑުތައް ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ތަކުރާރުވަމުން ދިޔަ ކަހަލަ އެވެ. އޭނާގެ ތިރިކޮށްލެވިފައިވާ ދެއަތް މުށްކަވާލެވުނީ އެހެންވީ މަ އެވެ. ދެބުމަ ގާތްކޮށްލާ ތުންފަތަށް ހަރަކާތްތަކެއް އަންނަން ފެށީ އެ ސަބަބާހުރެ އެވެ. ހަށިގަނޑުގައި ދައުރުވަމުންދިޔަ ލެޔަށް ހޫނުކަން ވެރިވަމުން ދިޔަވަރަކަށް މީހާގެ ރުޅިވެރިކަން އިންތިހާއަށް މައްޗަށް ދިޔަ އެވެ.
“ސަވީ…. ޕްލީޒް” އަފްރާޙް ހަމައިން ނެއްޓެމުން ދިޔަ އޭނާގެ އަމިއްލަ ނަފުސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރި އެވެ.
“ކަލޭގެ ސުންޕާ… ކަލޭގެ މުޑުދާރު ދުލުން އަހަރެންގެ ނަން ކިޔައިގެން ވެސް ނުވާނެ…” ސަވީތާ ގޮތްދޫކުރާކަށް ބޭނުމެއް ނުވި އެވެ. ފުރުޞަތު ލިބުމުން ހުރިހާދުވަހުން ރައްކާކުރެވިފައިވާ ވިއަރިގަނޑު ބޭލި އެވެ.
“މަންމާ…!” ސަވީތާގެ ކަންކަށިމައްޗަށް އަފުރާޙްގެ އަތްދޮވެލި އެވެ. ރުޅިއައިސްފައިވާ ސަވީތާ ވިއްސައިގެން ގޮސް ބިންމައްޗަށް ގުޅަވެގެން ދިޔައީ ހައްޖަ ވެސް ނުވިސްނާ ހުއްޓާ އަފުރާޙް ގެނައި އެފަދަ ކުއްލި ހަރަކާތެއްގެ ސަބަބުންނެވެ.
“އަދި އެއްފަހަރު ބުނެބަލަ؟ ކަލޭ…! ކަލޭތީ… ކަލޭތީ އަހަރެންގެ މީހެއް! އަހަރެން ބޭނުން ކަމެއް ކަލެއަށް ކުރެވޭނެ! ކަލޭ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނުކޮށް މި މަޑުކުރީ ކަލޭތީ އަހަރެން އެންމެ ލޯބިވާ މީހާއަށްވާތީ! ކަލޭ ނިކަން… ނިކަން…” ސަވީތާކައިރިއަށް ގުދުވެލަމުންގެ ދަތްދޮޅީގައި ހިފާ ފިތާލަމުން އަފުރާޙް ރުޅިވެރިކަމާއެކު ވާހަކަދެއްކި އެވެ.
ހައްޖަ މަސައްކަތް ކުރަމުންދިޔައީ ސަވީތާއާއި އަފުރާޙް ދުރުކުރެވޭތޯ އެވެ. ސަވީތާއާ ދިމާއަށް ގުދުވެފައި އޮތް އަފުރާޙުގެ ގައިގާ އަތްއަޅާ ހައްޖަ ކޮށްޕާލީ އެނޫން ގޮތެއް ނެތިގެންނެވެ. އަފުރާޙްގެ ނިކަމެތި ހަށިގަނޑަށް ލިބުނު ކުއްލި ސިހުމާއެކު ކައިރީއޮތް މިރިހި ހޭޅިއަށް ގުޅަވި އެވެ. އެއާއެކު ސަވީތާގެ ދެއަތުގައި ހިފާ ހައްޖަ ނެގި އެވެ. ބާރުބާރަށް ދުއްވާގަތެވެ. ސަވީތާގެ އަތުގައި ހިފާ ދަމައިގަންނަމުންނެވެ. ސަވީތާ ވެސް ފަހަތަށް އެނބުރި ބަލަމުން ހައްޖައާ އެއްވަރަށް ދުވަމުން ދިޔަ އެވެ.
އަފުރާހް ރުޅިވެރި ކަމާއެކު އެދެމީހުންނަށް ބަލައިލި އެވެ.
“އާން! ބޭބޭ މިކަހަލަ ހަމަ ކޮންމެ ކަމެއް މި ދިމާވަނީ ވިސްނަންވީ ވަރަށް ނުވިސްނުމުން! ޒުވާންކަމުގެ ޖޯޝްގަ ކުރެވޭ ކަންކަމުގެ ސަބަބުން މުޅި އުމުރަށް ތަހައްމަލު ކުރަން ޖެހޭ މިފަދަ ބޮޑު ވޭނެއް ކުރިމަތިވެދާނެ ކަމަކަށް އެކަކަށްވެސް ނުވިސްނޭ…” ފަޔާޒް ވާހަކަދައްކަމުން ދިޔައީ އެމެރިކާގައި އެމީހުން ތިބޭ ގޭގެ ބަގީޗާގައި ތައްޔާރުކޮށްފައިވާ ކޮފީ މޭޒުކައިރީ އިން އަފުޒަލުގެ މަންމަ އާއި ބައްޕައަށް އިޝާރާތްކޮށެވެ. އެންމެން ތިބީ ހިމޭން ވެފަ އެވެ. މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސީ އަސަރުތަކެވެ. އިބްރާހިމްގެ މޫނުމަތިން ސުވާލުގެ އަސަރުތައް ހާމަވަމުން ދިޔަ އެވެ.
“ބޭބެއަށް ތިބުނާ އެއްޗެއް ނުވިސްނޭ!” އަފުޒަލްގެ ބައްޕަ އިބްރާހިމް ސުވާލުގެ ނަޒަރަކުން ބަލާލަމުން ވާހަކަކުރިއަށް ގެންދިޔަ އެވެ.
“ބޭބޭ މިކަމުގައި ހުރިހާކަމެއްގެ ޒިންމާ… ބޭބެ އާ ދައްތަ ތީ ކިހާ ކައިރިން ކައިވެނިކޮށްގެން ތިބި ދެމީހުން! މިބުނީ އާއިލީ ގޮތުން ކިހާ ގާތް ދެމީހުންހޭ؟” ފަޔާޒް ބޭނުންވީ އޭނާއަށް ނޭގިވާ ހަޤީޤަތްތައް ސާފުކުރާށެވެ.
“ތީ…! ތީ…!” އިބްރާހިމް އާނގަންނަ ގޮތްވި އެވެ.
“ބޭބޭ! އާއިލާއަށް ދިމާވެގެން މިއުޅޭ ކަންކަމާ އެކަމާ ގުޅުމެއް! ސާފުކޮށް ބުނެދީ އޭރުން…! ޑޮކްޓަރު ދެއްކި ހުރިހާ ވާހަކައެއް ވެސް ގޮސް ޖެހެނީ ހަމަ އެތަނަށް!” ފަޔާޒު ސީރިއަސްކަމާއެކު ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
“އަފުޒަލްގެ ބަލި… ނިހާ! ކީކޭތަ ޑޮކްޓަރުން ބުނަނީ؟” އިބްރާހިމް ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ.
“ޑޮކްޓަރުން ބުނަނީ ހަމަ އެކައްޗެއް! ޖީންގެ މައްސަލަތަކެއްގެ ސަބަބުން ދިމާވާކަމެކޭ! އަފޫ އަށް މިހާ އަވަހަށް ފަރުވާ ކުރެވޭތީ އިރާދަކުރެއްވިއްޔާ ރަނގަޅުވާނޭ! ނިހާ ވެސް ފުރަތަމަ ސްޓޭޖްވީމަ މާ ގޯހެއް ނޫނޭ! އެކަމަކު ދުވަސް ގަނޑެއް ވަންދެން ބޭސްކާން ޖެހިދާނޭ! އަފޫގެ ޓެސްޓްތަކުގެ ނަތީޖާ ލިބުނީމަ ދެން ފުރަންވީ!” ކޮފީތަށީގައި ތުން ޖަހާލަމުން ކަން ހިނގަމުން ދިޔަގޮތް އަފުޒަލްގެ ބައްޕައާއި މަންމައަށް ސާފުކޮށްދެމުން ދިޔަ އެވެ.
“ދެން ޑޮކްޓަރުން ވަރަށް ޔަޤީންކަންދިނީމަ މިއައީ! ބޭސްކާން ފެށީމަ އަފޫ ހަމައަކަށް އެޅިއްޖެ! އޭގެފަހުން ނިހާ ވެސް ހަމަ އޯކޭއޭ ބުނެވޭނީ! މިކަމުން އަހަރުމެންނަށް ވަރަށް ރަނގަޅު ފިލާވަޅެއް ލިބެމުން އެބަދޭ!” ފަޔާޒް ވާހަކަދައްކަމުން ދިޔައީ ފެންނާ ގޭގެ ސިޓިން ރޫމުގައި އިނދެ އެވެ. ފަޔާޒުއާ އިންވެގެން ހަމަ އެސޯފާގައި ހައްޖަ އިށީނދެގެން އިނެވެ. ކުރިމަތީހުރި ސޯފާގައި ފިޔާޒާއި ސަވީތާ ޖެހިފިތި ބާރުވެގެން ކަހަލަ ގޮތަކަށް ފަޔާޒަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ. އަފުޒަލްގެ ބޭހަށް ބޭރަށް ދިއުމަށްފަހު ޑޮކްޓަރުންގެ ލަފަޔާ ޚިޔާލުތައް އެމީހުންނަށް ހިއްސާކުރަމުން ކަންކަން ވީގޮތް ކިޔައިދިނުމުގައި ފަޔާޒު ސީރިއަސްވެ އިނެވެ.
“ދެން! އަފޫއަށް! މުޅިން… އޯކޭ!” ސަވީތާ ޖެހިލުންވެ އިނދެ ސުވާލުކޮށްލި އެވެ.
“އާނ! އަފޫ ހަމަ ރަނގަޅު! ހަމަސް ވާއިރު އެއްވެސް ކަމެއް ދިމާ ނުވަންޏާ ދައްކަން ބުނެފަ އޮތީ! އޭރުން ޔަޤީންކަން ދޭނަމޭ ޑޮކް ބުނީ! މިހާރު ވެސް ހަމަ ކުރިއެކޭ އެއްގޮތް! އަސްލު އަހަރެން މިރަށަށް އެހާވަރެއްކޮށް މިއައީ ވެސް މިކަމުގަ!” ފަޔާޒު ބަލާލީ ހައްޖަގެ މޫނަށެވެ.
“ބުނަން ތިއުޅެނީ…!” ސަވީތާގެ ގައިގައި ޖެހިފިތި ބާރުވެގެން އިން ފިޔާޒު ކަނާއަތް ނަގާ ސަވީތާގެ ފުރަގަހުން ސޯފާގެ ހުރަސް ދަނޑީގައި ބާއްވާލަމުން، ފަޔާޒުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލި އެވެ.
“މި ދައްކަނީ ޤަބޫލުކުރަން ވަރަށް އުނދަގޫ ވާހަކައެއް! އެކަމަކު އަހަރުމެން ކިޔަވައިގެން ތިބި މީހުންނަށް މިކަން ނަގައިގަންނަން އެގެންވާނެ! މީ މިހާރަކަށް އައިސް މަދުން ނަމަވެސް އަހަރުމެންގެ މުޖުތަމައުން ވެސް ފެންނަ ކަމެއް! މިފަދަ ތަހުޒީބީ ޒަމާނެއްގަ ނިކަން ފަރުވާތެރިކަމާއެކު ވިސްނަން ވެއްޖެ ކަމެއް މީ ވެސް!” ފަޔާޒު ހުއްޓާލީ ސަވީތާގެ މަންމަ ހައްވާމަނިކެ ސިޓިންރޫމަށް އަންނަތަން ފެނުމުންނެވެ.
ހައްވާމަނިކެ ސަމާލުވީ އެވެރިން މާ އޮލަވާހަކައެއް ދައްކަން ތިބުމުން އެއީ ކޮންކަމެއްތޯ ސާފުކުރުމަށެވެ.
“އަސްލު އާއިލީގޮތުން ގާތް ދެމީހުން ކައިވެނީގެ ގޮތުން ގުޅުމުން އެކަމުގެ ނޭދެވޭ އަސަރު ލިބޭ ދަރިންނަށް ވަރަށް ބޮޑަށް ކުރޭ! ގިނަފަހަރު ލިބޭ ދަރިންގެ ޖިސްމާނީ އައިބުކަން ހުރޭ! ބައެއް ފަހަރު ހަށިގަނޑުގެ ގުނަވަންތައް އައިބުވެ ނުކުޅެދޭ ކުދިން ލިބޭ! އާއިލީ ގޮތުން ގުޅުން ހުރި ދެމީހުންނަށް ލިބޭ ދަރިންގެ ތެރެއިން ދިރާސާތަކުން ދައްކާގޮތުގަ 95 ޕަސަންޓް ކުދިންނަށް ޖިސްމާނީ ނުކުޅެދުންތެރިކަން ފެންނަން ހުންނަކަމަށް އަފޫ ބެލި ޑޮކްޓަރު ކިޔާދިން! އަނެއްކާ ބޭރުފުށުން ސިއްޙަތު ސަލާމަތުން ހުރި ކުއްޖެއް ކަމަށް ފެނުނަސް ހަށިގަނޑުގެ އެތެރޭގަ ވެސް އައިބުކަން ހުރެދާނެ ކަމަށްވަނީ… މިސާލަކަށް ގޮހޮރުގެ މައްސަލަ… އެތެރޭގެ ގުނަވަންތައް ބޮޑުވަންވީ ވަރަށް ބޮޑު ނުވާ މައްސަލަ… ގިނަފަހަރަށް ކުއްޖާގެ ޖީންތަކުގަ މައްސަލަ ހުންނަކަމަށްވޭ! އަހަރުމެން ސްކޫލުގަ ވެސް ކިޔަވީމެއްނު ޖީން އަކީ ޕެއަޒްގެ ގޮތުގަ ވާރުތަވާ އެއްޗެކޭ! ބައްޕަ ފަރާތުން ޖީނަކާ މަންމަ ފަރާތުން ޖީންއަކާ! މިސާލަކަށް މަންމަ ފަރާތުން ވާރުތަވާ ޖީންއަކީ ފޯލްޓީ ޖީންއަކަށްވެފަ ހަމަ އެފަދަ ޖީންއެއް ބައްޕަ ފަރާތުން ލިބިއްޖެނަމަ ދެން އެ ޖީން ފަންކްޝަންއަށް….!” ފަޔާޒު ހުއްޓާލީ އެންމެންގެ ސަމާލުކަން އިންތިހާއަށް ގޮސްފައިވާތީ އެވެ. ފަޔާޒު ހުއްޓާލުމުން ވާހަކަ ފެށުމަށް ނިތުގެ އިޝާރާތުން ހައްޖަ އެދުނެވެ.
“އަހަރުމެން އެންމެންގެ ވެސް ހަށިގަނޑުގަ ފޯލްޓީ ޖީން ނުނީ ބަލި ޖީން ހުންނާނެ! ޖީން އަކީ މަންމަ ފަރާތުން ނޫނީ ބައްޕަ ފަރާތުން ދަރިންނަށް ވާރުތަވާ އެއްޗެއް! އެހެންވީމަ އެއް އާއިލާއެއްގެ ތެރޭގަ ހުންނާނީ ގާތްގަނޑަކަށް އެއްކަހަލަ ޖީން އެއް! އާއިލީ ގޮތުން ގުޅުންހުރި ދެމީހުން، މިސާލަކަށް ފަސްޓް ކަޒިންއެއް މެރީކޮށްފި ނަމަ ލިބޭ ދަރިންގެ ޖިސްމާނީ ނުކުޅެދުންތެރިކަން ނުހުރެ ނުދާނެ ކަމަށް ޑޮކްޓަރުން ބުނި! އަނެއްކާ އަހަރުމެންގެ ދީނުގައި ވެސް މިކަމަށް ނުހަނު ބާރުއަޅާ! މިބުނީ ކައިވެނި ކުރާއިރު ވީހާ ދުރުން ކައިވެނި ކުރަން! އެވެސް މި ސަބަބުތަކަށްޓަކައި!” ފަޔާޒު ހިތް ހަމަ ޖެހިލުމުގެ ނޭވާއެއް ދޫކޮށްލީ ސަވީތާގެ މޫނުމަތިން އާދަޔާ ޚިލާފު ހިމޭން ކަމެއް ފާހަގަވުމުންނެވެ.
“ފަޔާ ތިބުނަނީ ވެސް ދޮގުވާހަކައެއް ނޫން! އަހަރެން ވެސް ތިކަން ޤަބޫލުކުރަން! އެކަމަކު ތިކަމަކާ އަފޫއާ ހުރީ ކޮން ގުޅުމެއް!” ފިޔާޒު އިސްއުފުލާލަމުން ފަޔާޒަށް ސުވާލު އަމާޒު ކޮށްލި އެވެ.
“ތީ އަސްލު މިވާހަކަތައް ދެއްކުމުގެ ބޭނުމަކީ! ހައްޖަ ދޭބަލަ ޖޯލީ އޮތް! އަފޫ ގޮވައިގެން އަންނަން އަހަރެން ބޭނުންވަނީ އަފޫގެ އަނގައިން ތިކަންތައް ކިޔައިދޭން!” ފަޔާޒު ހައްޖައަށް ބަލާލަމުން ނިތްއަރުވާލި އެވެ.
ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. އެކަކު އަނެއްކަށް ބަލާ ވެސް ނުލައި އެންމެން ތިބީ އިސްޖަހާލައިގެންނެވެ. މުށިގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ހީވަނީ ކޮންމެ ވެސް ބޮޑުކަމެއް ލައިގަނެގެން މުށިގަނޑަށް ބަލަން ތިބިހެންނެވެ. މީހެއްގެ ހިޔަނިވިހެން ހީވުމުން ފަޔާޒް ބަލާލީ މައިދޮރާ ދިމާއަށެވެ.
“އާދޭ! އަފޫ ކިޔައިދީބަ ޑޮކްޓަރު ދެއްކި ވާހަކަތައް! އަފޫއަށް ތިގޮތަށް ދިމާވީ…!” ފަޔާޒު ވާހަކަ ފުރިހަމަ ނުވަނީސް އަފުޒަލް ފެށި އެވެ.
“އަހަރުމެންގެ އާއިލާއަށް ދިމާވެގެން މިއުޅެނީ މަންމަ އާއި ބައްޕަގެ ފަރާތުން ވާރުތަވެގެން އުޅޭ ކަމެއްކަމަށް ޑޮކްޓަރު ބުނީ! ކޮންމެ ދަރިއަކަށް ވެސް މިފަދަ ގޮތްތަކެއް މި ދިމާވަނީ އާއިލީގޮތުން ވާރުތަވަމުން އައި ފޯލްޓީ ޖީންތަކެއްގެ ސަބަބުން ކަމަށް! އަހަރުމެންގެ އާއިލާގަ މިހާރު ތިބި ތިން ކުދިންގެ ބޭރުފުށުން ޖިސްމާނީ އައިބު ކަމެއް ނެތަސް އެތެރޭގަ… އެތެރޭގަ ހުރި ގުނަވަންތަކުގަ ކޮންމެވެސް ވަރެއްގެ އައިބު ކަމެއް އެބަހުއްޓޯ! އަދި ޖީންތަކުގަ ވަރަށް ބައިވަރު މައްސަލަތައް އެބަހުރިކަމަށް ޓެސްޓްތަކުން ދައްކަނީ… އެހެންވެ މަންމައާއި ބައްޕަގެ ޓެސްޓްތައް ވެސް އެކޮޅުން ހެދިން! މިބުނާ އެއްޗެއް ދިމާވާކަން ނޫނީ ނޫންކަން ސާބިތުކުރުމަށް!” އަފުޒަލް ހިމޭންވެލަމުން އެމީހުންގެ ކުރިމަތީގައި ކޮޅަށް ހުރެ ހަމަޖެހިލަމުން ވާހަކަމެދުކަނޑާލި އެވެ. އޭނާ ފެންކަޅިވަމުން ދާތީ އެކަން ހުއްޓުވުމުގެ ބޭނުމުގަ އެވެ. ސަވީތާ ކަޅި ޖަހާނުލާ ބަލަހައްޓައިގެން އިނީ އަފުޒަލްގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ.
“އަހަރުމެންގެ އާއިލާއަށް ލިބުނީ އަހަރުމެން ތިން ބެއިންނެއް ނޫން! މަންމަ ކިޔާ ދިން ގޮތުން ބޭބެ ލިބުމުގެ ކުރިން ދެ ކުދިން ލިބުނު! އެއް ކުއްޖަކު ވިހާފަ ދެ ދުވަސް ނުވަނީސް މަރުވީ! އެ ކުއްޖާ ވިހޭ އިރު އޮތީ ކަކުލާ ހަމައަށޯ! ދެން ވިހޭ ކުއްޖާ ވެސް ވިހޭތާ ތިން ގަޑިއިރު ނުވަނީސް މަރުވިކަމަށްވަނީ އެފަހަރު ވިހެއީ ވެސް ދުވަސް ނުފުރާ! އެކުއްޖާ ވެސް އެއްކޮށް ފުރިހަމައެއް ނޫނޯ! އަތާ ފައި އޮތީ ހަށިގަނޑާގުޅި ވަކި ނުވާގޮތަށޭ ބައްޕަ ބުނީ! އޭގެ ފަހުން ޑޮކުޓަރުންގެ ލަފާގެ މަތިން ބޭސްކޮށްގެން އަހަރެއް ވީއިރަށް ބޭބެ ލިބުނީ! އަހަރުމެން ތިން ބެއިންނަކީ މީ ޑޮކުޓަރުންގެ ބެލުމުގެ ދަށުން ސީދާ ބޭސްކޮށްގެން އުފަންވި ތިންމީހުންނޭ ބައްޕަ…!” އަފުޒަލް ފުންނޭވާއެއް ދޫކޮށްލި އެވެ. ކޯތާފަތްމަތިން ކަރުނައިގެ އަސަރު ހިސާބަކަށް ހާމަވަމުން ދިޔަ އެވެ.
“އާނ! ދަރިފުޅާ އަފަޒަލް އެބުނަނީ ތެދެއް! އެމީހުންނަށް ލިބުނު ދެ ކުދިން ވެސް އޮތީ އެކަހަލަ ގޮތަކަށް! އެދުވަސްވަރު މީހުން ވަރަށް ފާޑުފާޑުގެ ވާހަކަ ވެސް ދައްކާ އުޅުނު! އެއީ ޖިންނި ނަސްލޭ ފަންޑިތަ ހަދައިގެން ވާގޮތެކޭ ކިޔާ…” ހައްވާމަނިކެ ވެސް އަފުޒަލާ އެއްބައި ވެލި އެވެ. އެއާއެކު އެންމެ ހިމޭންވެލި އެވެ.
ފަޔާޒުގެ އިޝާރާތެއް ވެލުމުން އަފުޒަލް ވާހަކަފެށި އެވެ.
“އަހަރެން ނޭދެން އަހަރެން މި ދުނިޔެ މަތީހުރި އެންމެ ލޯބިވާ މީހާއަށް މިފަދަ ނިކަމެތި ގޮތްތަކެއް ވާހަކަށް! ސަވީ ތިއުޅެނީ ފިޔާޒުއާ އެކު! ސަވީއާ ފިޔާ ތީ އެއް އާއިލާއެއްގެ އެކަކަށް ކާފަ ކިޔާ ދެބެއިން! ހިތަށް އަރާފާނެ އަހަންނަށް ސަވީ ނުލިބިގެން އެކަމުގެ ބަދަލުގައި ޖައްސާ ގޭމެކޭމީ! އެހެންވެ އަހަރެން މިއައީ ޑޮކްޓަރު އަހަންނަށް ދިން މައުލޫމާތު ޝީޓުތަކުން ބައެއް ވެސް ހިފައިގެން! ފިޔާ ބޭނުމިއްޔާ އަދިވެސް އިތުރަށް މިކަމާ ގުޅޭ މައުލޫމާތު އަހަރެން ވެސް ފަޔާ ވެސް ދޭނެ! އެހާވަރަށް މިކަމުގެ ތެރޭ ފީނައި ކަންކަން ސާފުކޮށްގެން ރާއްޖެ މިއައީ!”
“އާނ! އަހަރުމެން ބޭނުމެއް ނޫން މި ރާއްޖޭގަ އާއިލީ ގޮތުން ގުޅުންހުރި ދެމީހުން ގުޅިގެން ލިބޭ ދަރިންނީ ޖިސްމާނީ ނަފްސާނީ އަދި ޖެނެޓިކް މައްސަލަތަކުގެ ސަބަބުން ހަޔާތް ބަރުބާދުވާ ބަޔަކަށްވާތަން ދެކޭކަށް!” ފަޔާޒު ހިތްހަމަޖެހިލީ ފިޔާޒު އޭނާގެ މޫނަށް ބަލާލުމުންނެވެ. އެބަލާލުމުގައި އެތަކެއް މާނަތަކެއް ފޮރުވިފައިވާކަން ހާމަވަމުން ދިޔަ އެވެ. ހީވާކަހަލަ އެވެ. ފިޔާޒު އެމީހުން ދެއްކި ވާހަކަތައް ޤަބޫލުކޮށް އެމީހުންނާ އެއްބައިވީ އެވެ.
“އަފޫ އަހަރެން މިއަދު އަފޫއާއި ފަޔާ ތިޔަ ދެއްކި ވާހަކަތައް ވަރަށް ކަނުލާ އަހައިފިން! އަހަރެން ވެސް ނޭދެން އަހަރެން އެންމެ ލޯބިވާ އަހަރެން އެމީހަކު ދެކެ އިންތިހާއަށް ހިތް ކިޔާ މީހަކީ ތިޔަ ބުނާ ފަދަ ދަރިންތަކެއް ލިބި އެކަމުގެ ވޭނުގައި އުޅޭ މަޔަކަށްވާތަން ދެކޭކަށް! އަހަރެން މި އަދު ގޮތެއް ނިންމައިފިން!” ފިޔާޒަށް ބަލާލެވުނީ ސަވީތާގެ މޫނަށެވެ. އޭނާއަށް އެމޫނުމަތިން ފެންނަމުން ދިޔައީ މަޑުމޮޅިކަމެވެ. މަންޒިލު ގެއްލިފައިވާ މުސާފިރެއްގެ މޫނުމަތިން ފެންނަ ފަދަ މާޔޫސްކަމެވެ. ހަދަންވީ ގޮތެއް ކުރަންވީ ކަމެއް ނޭނގިފައިވާ ކަހަލަ ފިކުރެއްގެ މަތީގައި ސަވީތާ އިން މަންޒަރެވެ.
“އަހަރެން ޤަބޫލުކުރަން އަހަރެންމީ ސަވީތާ އާއި އަފުޒަލްގެ ލޯބީގެ ބާބަށް އިތުރުވި ސަފްޙާއެއް ކަމަށް! އެކަމަކު މިއަދު އަހަރެން ބޭނުމެއް ނޫން އަހަރެންގެ އަތުން އަހަރެންގެ ނަން ހިމަނައިގެން ތިޔަ ލޯބީގެ ފަސާނާ އިތުރަށް ކިލަނބު ކުރާކަށް! އަހަރެން އެދެނީ ތިޔަ ދެލޯބިވެރިންނަށް ދާއިމަށް އަރާމާއި ލޯބި ލިބުން!” ސަވީތާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ އޭނާގެ ހިތުގައި ތެޅިތެޅި އޮތް ހިތުގައި އޮބަހައްޓާލަމުން ފިޔާޒު ވާހަކަދައްކަމުން ދިޔަ އެވެ.
“އަހަރެން…! އަހަރެން ވެސް…!” ސަވީތާއަށް ބަލާލެވުނީ އޭނާގެ މަންމަގެ މޫނަށެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ އޯގާތެރިކަމެވެ. ލޯތްބާއި ހަމްދަރުދީ އެވެ. ބުނާކަހަލަ އެވެ. ދަރިފުޅު އެދޭ ކޮންމެ ކަމަކަށް މިމަންމަ ރުހި ޤަބޫލެވެ.
“އާނ! ދަރިފުޅާ! މަންމަ ވެސް ނޭދެން އެފަދަ ގޮތެއް ދަރިފުޅަށް ދިމާވާކަށް! ދަރިފުޅު އަވަހަށް އަފުޒަލްގެ ކިބައިން މަޢާފަށް އެދޭ! އަފުޒަލަށް އެހުރީ ވާނުވާ ނޭނގި ދަރިފުޅާ…” ހައްވާމަނިކެ މަޑުމައިތިރިކަމާ އޯގާތެރިކަމާއެކު ވާހަކަދައްކަމުން ދިޔަ އެވެ.
“ނޫން މަންމާ! އަހަންނަށް މިހާރު ހުރިހާކަމެއް އެނގިއްޖެ! ސަވީ އަހަރެންނާ ވަކިވީ ކީއްވެކަން ވެސް އެނގޭ! އެއީ އަހަރެން ނަމަވެސް ކަން ދިމާވެދާނެ ގޮތެއް! އެކަމަކާ އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް! ބޭބެގެ ފަރާތުން ދިމާވި ކަންކަމަށް އަހަރެން މަންމަ އާއި ސަވީގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން! އަހަރެން ނެތިން ސަވީގެ ނުޤަބޫލުގައި ސަވީގެ ހަޔާތަށް އަންނާކަށް!” އަފުޒަލް ވާހަކަދައްކަމުން ދިޔައީ ހަރުދަނާކަމާ އެކު އެވެ. އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ލޯބި އަލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ ވެސް އެކުގަ އެވެ.
“އަފޫ! އަހަންނަށް… އަހަންނަށް… އަހަންނަށް… މަޢާފު…” ސަވީތާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އަފުޒަލްގެ ގައިގާ އޮޅުލައިގަތެވެ.
“ޕްލީޒް އަހަރެން ދޫކޮށްފައި ނުދާތި! އަހަރެން އަފޫ ދެކެ އިންތިހާއަށް…. އިންތިހާއަށް ލޯބިވޭ!” އަފްޒަލްގެ މޭގައި ބޮނޑިވެލަމުން ސަވީތާ ރޯންފެށި އެވެ.
“އަދި ރޯކަށް ނުވޭ! ހުއްޓާލަ އަވަހަށް ހުއްޓާލާ! މީ ރޯންވީ ގަޑިއެއްނޫން!” ފިޔާޒުކޮޅަށް ތެދުވަމުން އަފުޒަލްގެ މޫނަށް ބަލާލަމުން ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލަމުން ސަވީތާއަށް ބުނެލި އެވެ.
“ފިޔާ އަހަރެން… އަހަރެން ފިޔާގެ ފަރާތުން މައާފަށް….” އަފްޒަލް ހުއްޓާލީ ފިޔާޒު ފެށުމުންނެވެ.
“ނޫނޭ އަފޫ! މިއަދު ފަޔާ އަދި އަފޫ ތިޔަ އަދާކުރީ ތިޔަ ދެ މީހުންގެ ވާޖިބެއް! އެހެންނޫންނަމަ އަހަރުމެންގެ ދިރުއުޅުމުގެ ނައު ވީދި ވިއްސިވިހާލި ވާއިރު ވެސް އަހަރުމެންނަށް ތިބެން ޖެހޭނީ ވާނުވާ ނޭގިފަ! އަހަރެން މިއަދު ވަރަށް އުފާކޮށްފިން! އަފުޒަލް ފަދަ މާތް ހުލްޤުހެޔޮ ރަނގަޅު ބައިވެރިއެއް ސަވީގެ ހަޔާތަށް އައީމަ! މިއަދު އަހަންނަށް ޤަބޫލުކުރެވޭ ސަވީގެ ހަޔާތަށް އައުން އެންމެ މުނާސަބު މީހަކީ އަހަރެން ނޫންކަން! އަފުޒަލްކަން! މިއަދު އަފުޒަލް ތިޔަވީ ޤުރުބާނީގެ އަގު އަފުޒަލަށް ޙައްޤު” ފިޔާޒު ހިނިތުންވާން މަސައްކަތްކުރަމުން އަފުޒަލަށް ބަލާލި އެވެ.
ސަވީތާ ވެސް އަފުޒަލްގެ މޭގައި ތަތްވެގަނެގެން ހުރެ ފިޔާޒަށް ބަލާލި އެވެ. އަދި ތުންފަތުން “ސޮރީ” އޭ ބުނެލި އެވެ. ޖަވާބުގައި ފިޔާޒު ބޯ ހޫރާލަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވީ ގަދަކަމުންނެވެ. މަރުޙަބާ އޭ ބުނާ ބީދައިންނެވެ.
“ތޭންކްސް ފަޔާ! އަހަރެން މިއަދު ފަޔާއަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް….! ފަޔާ ނެތް ނަމަ މިއަދު އަހަރެން….!” އަފުޒަލް ފަޔާޒުގެ މޫނަށް ބަލާލަމުން ހިނިތުންވެލި އެވެ.
“ނޫނޭ! އަހަރެން މީހަކަށް ހަދައިދީ ފަޔާޒު، ފަޔާޒުގެ މަގާމަށް ގެނެސްދިން މީހަކީ ތީ! އެދުވަހު އަހަންނަށް އަފޫގެ އޯގާތެރިކަން ނުލިބުނު ނަމަ އަހަރެން ވެސް ވީ ހީ މީހުން މަރާ، މާރާމާރީ ހިންގާ، މަސްތުވާތަކެތީގެ ހާއްޔެއްގެ ތެރޭ ހުންނާނެ މީހަކަށް! މި އަދު އަހަންނަށް ވިސްނިއްޖެ! ކޮންމެ ސޯސަލް ނެޓްވޯކެއް ވެސް ހެޔޮގޮތުގައި ބޭނުން ކޮށްފި ނަމަ އެކަމުގެ މަންފާ ކުރާނެކަން! އާނ! އަހަރެން މިރަށަށް ބަދަލުވީ، އަފޫ އަހަންނަށް ހިތްވަރުދީ އަހަރެން ގޯސް މަގުން ދަނިކޮށް އެކަން ހުއްޓުވުމަށް އެހީވާނެ ކަމުގެ ޔަޤީންކަން ދިނީމަ! އަހަރެންގެ އާއިލާއިން ނުލިބިވާ އާއިލީ ލޯބި ދޭނެކަމަށް… އަހަރެން މީ އަފޫ އަށް ފޭސް ބުކުން ދިމާވި…!” ފަޔާޒުގެ ވާހަކަތައް އަހަން ތިބި އެންމެން ހައިރާންވެ ބަސްހުއްޓިފައިވާ މަންޒަރު ފެނުމުން އޭނާ ހުއްޓާލި އެވެ.
“އެހެންވީމަ އަފޫ މީ އަހަރެން މީހަކަށް ހަދައިދިން އަހަރެން ހީރޯ! އަދި ސަވީގެ މިކަމުގައި އަފޫ ވީ ޤުރުބާނީ އެއީ މިއަދު އަފޫ އަހަންނަށް ދައްކުވައިދިން މިސާލެއް! އަހަރެން މީ އެކަމުގައި އަފޫއަށް ހަމަ އެކަނި ހިތްވަރުދިން މީހާ! މިކަމުގައި އަހަރެންގެ ދައުރު ބޮޑުކަމަށް ފެނުނަސް، މިކަމުގެ ތެރޭގައި އެންމެ ބޮޑަށް ފީނިމީހަކީ ވެސް އަފޫ! އެހެންވީމަ ސަވީގެ ބަޠަލަކަށް ވާން ޖެހޭނީ ވެސް މިއަދު އަފޫ! އަހަރެން ޤަބޫލުކުރަން އަފުޒަލް މީ ހަރުދަނާ މީހެއްކަން! ކަންކަމާ ކުރިމަތިލާން ކެރޭ ހެޔޮލަފާ ބޭބެ އެއްކަން!”
އަފްޒަލްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލި އެވެ. އޭނާގެ ދެލޯ ނޭދި އެދޭ ރަޙްމަތްތެރިއާއަށް އަސަރާއެކު ބަލާލި އެވެ. އޭނާގެ ޚިދުމަތްތަކުގެ އަގުވަޒަން ކުރާކަން ލޮލުން އަންގާލަމުންނެވެ. ބަދަލުގައި ފަޔާޒާއި ހައްޖަ ހިނިތުންވެލަމުން މަރުޙަބާއޭ ބުނެލި އެވެ. އަފުޒަލް ދެލޯމަރާލި އެވެ. އުފާވެރިކަމުގެ ކަރުނަތައް ލޮލުތެރެއަށް ހިންދާލުމަށް މަސައްކަތް ކުރުމަށެވެ. އޭނާ ބޭނުންވަނީ އުފަލާ އަރާމުގައި ސަވީތާއެކު މުޅި ހަޔާތް ވޭތުކުރާށެވެ. ލޯބިން ފުރިގެންވާ ހަޔާތެކެވެ. މަޖަލާ އަރާމުގައި ދުވަސްތައް ހޭދަކޮށްލާށެވެ. ހަޔާތުގެ ސަފުހާތަކުން ކިޔުނު ފިލާވަޅުތަކުން ޢިބްރަތް ލިބަގަންނަމުންނެވެ. ހަޔާތުގެ ފަންސިގަނޑު ބެހުނަނުދީ އަމާންކަން މަތީ އަބަދަށް ދަތުރުކޮށް ހަޔާތުގެ ކުޅިފަސް ހޯދުމަށެވެ.
= ނިމުނީ =