ކޮވިޑް ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، ކޮވިޑްވެކްސިންގެ ދެޑޯޒާ އެކު ބޫސްޓާ ޑޯޒް ވެސް ފުރިހަމަކުރުމުން ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ކޮންޓެކްޓުވާ މީހުންގެ ތެރެއިން ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއި ދޭން ނިންމާފައިވާ ކަމަށް ވެސް އެޗްޕީއޭއިން މިއަދު ވަނީ ހާމަކޮށްފައެވެ.
އެޗްޕީއޭ އިން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ހުރިހާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމަ އެވެ. އަދި ދެ ވަނަ ޑޯޒް ޖަހައި، ހަ މަސް ފާއިތު ނުވާ ނަމަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މާދަމާއިން ފެށިގެން އަމަލުކުރުމަށް ނިންމައި އިޢުލާނުކޮށްފައިވާ ގޮތުގައި ކޮވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނުވާން ނުޖެހުނު ނަމަވެސް، ފައްސިވި މީހާއާ އެންމެ ފަހުން ދިމާވި ތާރީހުން ފެށިގެން ފަސް ދުވަސް ވުމުން ޕީސީއާރު ޓެސްޓެއް ހަދަން ވާނެ ކަމަށް ބުނެފައިވެއެވެ.
ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓުން ކޮވިޑް-19 އަށް ފައްސިވާ މީހުންނާ އެކުގައި އުޅޭ ނަމަ، ކޮވިޑަށް ފައްސިވި މީހާގެ އެކަހެރިވުމުގެ މުއްދަތު ނިމެންދެން ކަރަންޓީންގައި ހުންނަން ޖެހެއެވެ. އަދި އެކަހެރިވާ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހެއެވެ. މި ޓެސްޓްގެ ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ ކަރަންޓީނުގައެވެ. މިހާރު އަމަލުކުރަމުންދާ ގޮތުން ކޮވިޑަށް ފައްސިވާ މީހުން އެކަހެރިކުރަނީ ސާމްޕަލް ނަގާ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށެވެ.
އަދި މި އިއުލާނަށް އަމަލުކުރަން ފެށުމާ ހަމައަށް، ކޮންޓެކްޓުންގެ ގޮތުގައި މި އެޖެންސީއަށް ރިޕޯޓުކޮށްފައިވާ ފަރާތްތަކުގެ ކަރަންޓީނު ޑޮކިއުމަންޓް ހާލުބެލުން ޕޯޓަލްއަށް އަޕްލޯޑް ކުރެވޭނެ ކަމަށް އެޗްޕީއޭގެ އިޢުލާނުގައި ބުނެފައި ވެއެވެ.
ކޮވިޑް ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، ވެކްސިންގެ ދެޑޯޒާ އެކު ބޫސްޓާ ޑޯޒް ވެސް ފުރިހަމަކުރުމުން ކަމަށް އެޗްޕީއޭއިން ނިންމާފައިވީނަމަވެސް ރާއްޖެތެރޭގެ ބައެއް ރަށްތަކުގައި އަދިވެސް ބޫސްޓަރ ޑޯޒު ޖެހުމަށް އާއްމުކޮށް ހުޅުވާ ނުލާކަން ފާހަގަ ކުރެވެއެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޒިންމާދާރު ވެރިޔާ އަލްފާޟިލް މުޙައްމަދު އަކުރަމް، މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅިވީ، އެމަރުކަޒުން ވެކްސިންގެ ބޫސްޓަރ ޑޯޒު ޖެހުމަށް މިހަފުތާތެރޭގައި ފެށޭނެ ކަމަށެވެ. ކޮވިޑު ވެކްސިންގެ ފުރަތަމަ ދެޑޯޒް ޖަހައި 6 މަސް ވެފައިވާ ފަރާތްތަކަށް ބޫސްޓަރ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ޖަހަމުން ދަނީ ފައިޒާ ވެކްސިން އެވެ.