އިހަވަންދޫ ސްކޫލްގެ ރަންޔޫބިލް ހަރަކާތްތަކާ ގުޅުވައިގެން އެސްކޫލްގައި ބޭއްވި، ރަންޔޫބިލް ޤުރުއާން މުބާރާތުން އެއްވަނަ ގްރޭޑް 10ބީގެ ދަރިވަރު ހއ.އިހަވަންދޫ، އާހިޔާ، މަޢީޝާ އަހްމަދު ރަޝީދު ހޯދާފިއެވެ.
އިހަވަންދޫ ސްކޫލްގެ ހައުސްތަކާއި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންގެ މެދުގައި ބޭއްވި މިމުބާރާތުން ދެވަނަ ހޯދާފައިވަނީ 5ބީގެ ދަރިވަރު ހއ. އިހަވަންދޫ، ބުލްބުލާގެ، ފާޠިމަތު ނަދުވާ އެވެ.
8 އުމުރުފުރާއަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ 3ވަނަ ހާޞިލްކޮށްފައިވަނީ 7ސީގެ ދަރިވަރު ހއ.އިހަވަންދޫ، ޖަހާމުގުރިގޭ، ފާޠިމަތު ޝައިޚާ ޢަބްދުއްސައްތާރު އެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ހއ. ތުރާކުނު، ނަސީމީމަންޒިލް، ޢަލީ ރަޝީދު އާއި، ހއ. ހޯރަފުށީ، ރަސްކަރަ، ޢައިޝަތު ސަރްފާ އަދި ހއ. ހޯރަފުށި، ރަހުމަތުލްވާދީ އިބްރާހިމް އާމިރު އެވެ.
ފެބުރުވަރީ 28 ން މާރިޗް 2 އަށް ކުރިއަށް ދިޔަ މިމުބާރާތުގައި ޖުމުލަ 172 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މިއަހަރުގެ މޭ މަހުގެ 25 ވަނަ ދުވަހު 50 އަހަރުފުރޭ އިހަވަންދޫ ސްކޫލް ފުރަތަމަ ރަޖިސްޓްރީކުރެވިފައިވަނީ 25 މޭ 1969 ގައި “މަކުތަބު ނޫރު” ގެ ނަމުގައެވެ. 22 ފެބުރުވަރީ 1981 ގައި “މަކްތަބު ނޫރު” ގެ ނަން “އިހަވަންދޫ މަކްތަބް” ބަދަލުކުރެވިފައިވެއެވެ. 17 ޖޫން 1987 ގައި “އިހަވަންދޫ މަކްތަބް” ގެ ނަން “އިހަވަންދޫ މަދަރުސާ” ބަދަލުވެފައިވެއެވެ. 21 ސެޕްޓެމްބަރު 2003 ގައި “އިހަވަންދޫ މަދަރުސާ” ގެ ނަން “އިހަވަންދޫ ސްކޫލް” އަށް ވަނީ ބަދަލުކުރެވިފައެވެ.
އިހަވަންދޫ ސްކޫލަކީ ޕްރީސްކޫލް މަރުހަލާއިން ފެށިގެން މަތީސާނަވީއަށް ކިޔަވައިދޭ ސްކޫލެކެވެ. މިއަހަރު މިސްކޫލްގައި 808 ދަރިވަރުން ތަޢުލީމް ހާޞިލްކުރަމުން ދެއެވެ.